އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ހަމަލާދެނީ އިންސާފުން ނޫން ކަމަށާއި އީރާނަށް ދިން އެއްވެސް ހަމަލާއެއްގައި ޔޫއޭއީ ބައިވެރިވެފައި ނުވާ ކަމަށާއި ނުވެސް ވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ. 

"ސަރަހައްދުގައި މިހާރު އުފެދިފައިވާ ހާލަތަށް ދިއުމުގެ ކުރިން ވެސް އަޅުގަނޑުމެންވަރަށް ސާފުކޮށް ބުނެފައިވާނެ އީރާނަށް ހަމަލާ ދިނުމުގައި ޔޫއޭއީގެ ސަރަހައްދު ބޭނުން ނުކުރާނެ ކަމަށާއި އެފަދަ ހަމަނުޖެހުމެއްގައި ބައިވެރި ވެސް ނުވާނެ ކަމަށް،" ޔޫއޭއީން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަމާލް އަލް މަޝްރަޚް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ. 

މިދިޔަ މަހު 28 ގައި އީރާނަށް ހަމަލާދޭން ފެށުމާ އެކު އެ ގައުމުން ގެންދަނީ ޔޫއޭއީ އާއި ސަރަހައްދުގެ އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. އެކަމަކު އެ ގައުމުތަކުން ބުނަމުން އަންނަނީ އީރާންގެ ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި އަސްކަރީ ނުވަތަ އެމެރިކާގެ ތަންތަނަށް ނޫން ކަމަށާއި އާންމުންގެ ސަރަހައްދުތަކަށް ވެސް ހަމަލާ ދެމުން ގެންދާ ކަމަށެވެ. 

އީރާނުން މީގެ ދެ ދުވަސް ކުރިން ވަނީ، އެ ގައުމަށް ހަމަލާދޭން އަވަށްޓެރި ގައުމުތަކުގެ ސަރަހައްދު ބޭނުން ނުކުރާ ނަމަ އެ ގައުމަކަށް ހަމަލާ ނުދޭނެ ކަމަށެވެ. އެކަމަކު އޭގެ ފަހުން ވެސް ހުއްޓުމެއް ނެތި ގެންދަނީ ހަމަލާ ދެމުންނެވެ.  

ޔޫއޭއީން ބުނި ގޮތުގައި ރޭ ވެސް އެ ގައުމަށް އީރާންގެ މިސައިލް ހަމަލާތަކެއް އަމާޒުކޮށްފައިވެ އެވެ.