އެމެރިކާ އާއި އިޒްރޭލާ ގުޅިގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ސިއްރިއްޔާތުގައި އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.

މިކަމުގެ މައުލޫމާތު ހުރި މީހުން އެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި، އޭޕްރީލް މަހުގެ ކުރީކޮޅު ޔޫއޭއީގެ އަސްކަރިއްޔާއިން ވަނީ ގަލްފުގައި އޮންނަ އީރާނުގެ ލަވަން އައިލެންޑްގައި ހުރި ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ހަމަލާދީފަ އެވެ.

ޔޫއޭއީން މި އޮޕަރޭޝަނާ ގުޅޭގޮތުން ފާޅުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާއާ ގުޅިގެން އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ތަނުގެ މަސައްކަތްތައް އެތައް ދުވަހަކަށް މެދުކެނޑިގެން ދިޔަ އެވެ. އަދި މި ހަމަލާ ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފަސް ހަފުތާއަށް ފަހު ވައިގެ ހަމަލާތައް މެދުކަނޑާލުމުގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދެވި ނާޒުކު ވަގުތެއްގައި ކަމަށް ވެސް ބުނެފައިވެ އެވެ. 

އޭރު އީރާނުން މި ހާދިސާ ސިފަކޮށްފައިވަނީ "ދުޝްމަނުންގެ ހަމަލާއެއް"ގެ ގޮތުގަ އެވެ. އަދި އޭގެ ބަދަލުގައި ޔޫއޭއީ އާއި ކުވެއިތަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯނުން ވަނީ ހަމަލާ ދީފަ އެވެ.

އޭގެ ފަހުން އީރާނުން ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ވެސް ޔޫއޭއީ އަށެވެ. އެގޮތުން 2,800 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ފޮނުވާލާފައިވާއިރު، މިއީ އިޒްރޭލު ހިމެނޭހެން އެހެން އެއްވެސް ބަޔަކަށް ދީފައިނުވާހާ ވަރުގަދަ ހަމަލާތަކެކެވެ.

މި ހަމަލާތަކުގެ ސަބަބުން ޔޫއޭއީގެ އިގްތިސާދަށް ލޮޅުން އަރައި، ވައިގެ ދަތުރުފަތުރަށާއި، ޓޫރިޒަމަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށް ފައެވެ. އަދި ރިއަލް އެސްޓޭޓް މާކެޓަށް ވެސް މީގެ އަސަރުކޮށް، ގިނަ ކުންފުނިތަކަކުން ދަނީ މުވައްޒަފުން ވަކިކުރަމުންނެވެ.

އެޕްރީލް މަހުގެ ނިޔަލަށް ދުބާއީ އާއި އަބޫދާބީގެ ސްޓޮކް އެކްސްޗޭންޖްތަކުން 120 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ގެއްލިފައިވާއިރު، 18,400 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ.

އެމެރިކާއިން ވަނީ ޔޫއޭއީން އީރާނަށް ދިން ހަމަލާއަށް ނުސީދާކޮށް ތާއީދުކޮށްފަ އެވެ. ޔޫއޭއީން މަސައްކަތް ކުރަމުންދަނީ އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ މަގްސަދުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.