ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އޭނާގެ އާއިލާއާ އެކު ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ނޭހާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. އަތޮޅުގައި އޮންނަ ސަން ސިޔާމް އިރުފުށި ރިސޯޓްގަ އެވެ. އެމީހުން ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހު އެވެ.
ނޭހާގެ މައިންބަފައިންނާއި އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންގު އަދި އޭނާގެ ބޭބެ، މަޝްހޫރު ލަވަކިޔުންތެރިޔާ ޓޯނީ ކައްކަރު ވެސް ވަނީ މި ދަތުރުގައި ރާއްޖެ އައިސްފަ އެވެ. އެ އާއިލާގެ އިތުރު އެހެން ބައެއް މެމްބަރުން ވެސް މި ދަތުރުގައި ބައިވެރިވެ އެވެ.
ރާއްޖެ އައި ފުރަތަމަ ދުވަހު ނޭހާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމީހުން ރިސޯޓަށް ދަތުރުކުރި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންގެ ކުރިމަތީގައި ތިބެ އާއިލާއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އިރުފުށި ރިސޯޓުން ނޭހާ އަށް މަރުހަބާ ކިޔާ ތަން ފެންނަ ވީޑިއޯއެއް ވެސް އޭނާ އިންސްޓަގްރާމް ކުރި އެވެ. އެ ވީޑިއޯގެ ކެޕްޝަންގައި އޭނާ ބުނީ "މަރުހަބާ ކިޔުމަކީ މިއީ" ކަމަށެވެ.
އޭނާ އަންނަނީ މި ދަތުރުގެ އެކި ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކުރަމުންނެވެ.
ނޭހާ އަކީ ބޮލީވުޑްގެ ފިލްމުތަކަށް މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ލަވަކިޔުންތެރިއެކެވެ. އިންޑިއަން އައިޑޮލް އިން އޭނާގެ ކެރިއަރު ފަށައި، ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. އަދި ފަހުން އިންޑިއަން އައިޑޮލްގެ ޖަޖުކަން ވެސް އޭނާ ކުރި އެވެ.