މީދޫ ދާއިރާގެ މެމްބަރު އަދި ރިސޯޓް އޯނަރު ސަންޓްރެވެލް އަހުމަދު ސިޔާމްގެ އަމިއްލަ ވިޔަފާރި ފުނޑާލަން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ނުފޫޒު ފޯރުއްވާ ކަމުގެ ތުހުމަތުތަކާ އެކު ދެ ބޭފުޅުންގެ މެދުގައި މިއަދު ހޫނު ޒުވާބެއް ހިނގައިފި އެވެ.

ބަޖެޓް ބަހުސްގައި ސިޔާމް ފުރަތަމަ ދެއްކެވީ ކޮވިޑްގެ ބަލިމަޑުކަން ފެތުރުމުން ބަންދުކުރުމަށް ފަހު އަލުން ރިސޯޓްތައް ހުޅުވައިގެން، އެ ވިޔަފާރި އަށް ވީ ގޮތުގެ ވާހަކަ އެވެ. ސަރުކާރުން އެދިގެން ހަތަރު ރިސޯޓު ހުޅުވީ އުއްމީދެއްގައި ކަމަށާއި އެހެން ނަމަވެސް ޓޫރިސްޓުން އައިލެއް މަދުކަމުން ލިބުނީ ގެއްލުން ކަަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އިންވެސްޓަރެއްގެ ހައިސިއްޔަތުން ދެއްކެވި އެ ވާހަކަ ރިޔާސަތަކުން ނުހުއްޓުވަ އެވެ.

އެހެން ނަމަަވެސް ވަކި ހިސާބަކުން ހިލްޓަން ކުންފުންޏާއި ސިޔާމްގެ ކުންފުންޏާ ދެމެދު ވީ އެއްބަސްވުމުގެ މައްސަލައިގެ ވާހަކަ އަށް ސިޔާމް ވަޑައިގެންނެވި އެވެ. އޭނާ ތުހުމަތުކުރެއްވީ ހިލްޓަން އަށް އޭނާގެ ކުންފުނިން ފައިސާ ދައްކަން ޖެހުނީ ހިލްޓަންގެ އޮޅުވައިލުމެއްގެ ސަބަބުން ކަމަށެވެ. އަދި ނަޝީދާ ދިމާ އަށް، މުޅި ގައުމާއި މަޖިލިސް ޚަރާބު ކުރައްވައިފި ކަމަށް ސިޔާމް ވިދާޅުވި އެވެ.

"އިއްޒަތްތެރި މެމްބަރުގެ އަމިއްލަފުޅު ވިޔަފާރީގެ ވާހަކަ މިތަނުގައި ތިޔަހެން ދެއްކެވުމަކީ ރަނގަޅު ކަމެއް ނޫން. މިތާ ގަވައިދު ތަންދޭނެ ކަމެއް ނޫން،" ސިޔާމްގެ ވާހަކަ މެދުކަނޑުއްވައިލައްވާފައި ނަޝީދު ވިދާޅުވި އެވެ.

އެގޮތަށް ވިދާޅުވުމުން ސިޔާމް ތުހުމަތުކުރެއްވީ ބޭރުގެ ކުންފުންޏަށް (ހިލްޓަން) އަށް ނަޝީދާއި ޖުޑިޝަލް ސާވިސް ކޮމިޝަނުން އެހީތެރިވާ ކަމަށެވެ. ހިލްޓަން އަށް ސިޔާމްގެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އޭނާގެ އެކައުންޓްތައް ކޯޓުން ފްރީޒް ކުރިކުރުމުގެ ޒިންމާ ވެސް ނަޝީދުގެ އިސްތަށިފުޅުގައި އޭނާ އެޅުއްވި އެވެ.

"އިއްޒަތްތެރި މެމްބަރުގެ އެކައުންޓް ފްރީޒް ކުރެއްވި ވާހަކަ މި މަޖިލީހުގައި ނުދަައްކަވާށޭ،" ސިޔާމްގެ ވާހަކަ ދެެވަނަ ފަހަރަށް މެދުކަނޑުއްވައިލައްވައި ނަޝީދު ވިދާޅުވި އެވެ.

ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފަ އެވެ. އެހެން ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހަޅައިފަ އެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ބާތިލްކޮށްފަ އެވެ.

އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރީ 2013 ވަނަ އަހަރު އެވެ.