ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރުން ބޭނުންވެއްޖެ ނަމަ ޕްރޮޖެކްޓުތައް ހިންގަން ނެގޭ ގޮތަށް ބަދަލު ގެންނަން ހުށަހަޅައިފަ އެވެ.
ނަމަވެސް، އަމިއްލަ މެމްބަރު ހުށަހެޅުއްވި އެ އިސްލާހާ ގުޅޭގޮތުން ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެ އިސްލާހު އަނބުރާ ގެންދަން ގޮވާލައި މިހާރު ވަނީ އީ-ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ.
މިދުއަމް ސައީދުގެ ނަމުގައި ހަދާފައިވާ އީ-ޕެޓިޝަންގައި ބުނަނީ ހަންނާނު ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ.
އެއާ އެކު، ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ، އާއްމުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް ލިބޭ ކަމަށް ބުނެފައިވެ އެވެ.
"ހުށަހެޅިފައި މިވާ އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނުގެ ރޫހާއި ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިސްލާހުތަކަކަށް ވާތީވެ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މި ޕެޓިޝަން ހުށަހަޅަމެވެ،" މިދިޔަ ހުކުރު ދުވަހު ތައްޔާރުކުރި ޕެޓިޝަންގައިވެ އެވެ.
އެ ޕެޓިޝަންގައި މިހާރު 600 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.