ޖޭއޭ މަނަފަރު ރިސޯޓުގެ ދިވެއްސެއްގެ ފަރާތުން ކޮރޯނާވައިރަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސް މިއަދު ބަންދުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ، މަނަފަރު ރިސޯޓުން ކޮރޯނާވައިރަހަށް ޝައްކު ކުރެވުނު ދިވެހި މީހާގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސް، އެ މީހާ ގޭގައި "ހޯމް އައިސޮލޭޝަން" ގައި ބަަހައްޓާފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ފަސް މީހުން ވަނީ ރަނގަޅުވެފަ އެވެ. ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ ޓޫރިސްޓަކާއި އެ ރިސޯޓުގެ ޑޮކްޓަރާއި ބަތަލާ އައިލެންޑް ރިސޯޓުގެ ޓޫރިސްޓް ދެމަފިިރިންނެވެ. ބާކީ ފަރުވާގައި ތިވީ އަށް މީހުންނެވެ. އެއީ ހަތް ޓޫރިސްޓަކާއި ކުރެއްދޫ ރިސޯޓުގެ ބިދޭސީ މުވައްޒަފެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މިީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ ރިސޯޓުގެ ފަސް މީހަކާއި ބަތަލާ ރިސޯޓުގެ ދެ މީހަކާއި ކުރަމަތި ރިސޯޓުގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓުން ދޭއް އަދި ފުވައްމުލަކު ފަޅުތެރޭގައި ކުރިން އޮތް އައިލެންޑް ސަފާރީގެ ދެ ޓޫރިސްޓެކެވެ.
މިހާތަނަށް ރާއްޖެ އިން އެއްވެސް ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްއެެއް ނުވެ އެވެ. ނަމަވެސް ޔޫއޭއީން ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަން އެ ގައުމުގެ ސަރުކާރުން ރޭ ބުނެފައި އެވެ،
ކޮވިޑް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައި މި މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އެހެންވެ، އޮފީސްތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މި ވަގުތަށް ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކަށް މީހުން އަރައި ފޭބުމާއި ޓޫރިސްޓުންގެ އެކްސްކާޝަން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ޓޫރިސްޓުން ފިޔަވައި ރާއްޖެ އަންނަ އެންމެ ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އަންނަނީ ކަރަންޓީން ކުރަމުންނެވެ.