ސްރީ ލަންކާގެ ކޮލަމްބޯ ކައިރީގައި ހުންނަ ހައި-ސެކިއުރިޓީ މަހާރާ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުމެއް ބޮޑުވެ ހިންގި މާރާމާރީތަކުގައި އެކަކު މަރުވެ ހަ މީހަކު ޒަހަމްވުމާ އެކު ސަލާމަތީ ބާރުތަކުން ޖަލަށް ވަދެ މުޅި ސަރަހައްދު ބަންދުކޮށްފި އެވެ.
މި ހަމަނުޖެހުން ހިނގާފައި މި ވަނީ މިދިޔަ މަހުގެ ކުރީކޮޅު ނިގަމްބޯ ޖަލުގައި ހިނގި މިފަދަ އެހެން ހަމަނުޖެހުމެއްގައި 26 މީހުން މަރުވުމުން ޖަލުތަކުގެ ހާލަތާ މެދު ކަންބޮޑުވުން އިތުރުވެފައި އޮއްވަ އެވެ. އެ ހާދިސާގައި 19 ގައިދީންނާއި ޖަލު އޮފިސަރުންގެ ހަތް މީހަކު މަރުވި އެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
މިދިޔަ މަހުގެ ހަމަނުޖެހުން ހިނގީ ވެސް މަސްތުވާތަކެތީގެ ތެރޭގައި އުޅޭ ދެ ގޭންގެއްގެ މީހުންގެ މެދުގައި ފެށުނު ކުރިމަތިލުމަކަށް ފަހުގައި ކަމަށް ވާއިރު މިފަހަރު ވެސް ކަން ހިނގީ އެހެން ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
ގައިދީން ވަނީ ޖަލުގެ އެތެރޭގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އަދި ބައެއް ގައިދީން ވަނީ ޖަލުގެ ފުރާޅުމައްޗަށް އަރައި އިހުތިޖާޖުކޮށްފަ އެވެ.
ޖަލު ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ކޮމާންޑޯއިންނާއި އަސްކަރިއްޔާގެ ދެ ލޮރީގައި ސިފައިން ވަނީ ސަރަހައްދަށް ގޮސް ޖަލު ވަށާލައިފަ އެވެ. ގައިދީންގެ އާއިލާތަކުގެ މީހުން ޖަލު ކައިރިއަށް އެއްވެ ތިބެ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދެމުން ދާއިރު މިހާރު ވަނީ ޖަލު ހުންނަ ރާގަމަ ސަރަހައްދުގައި ވަނީ ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ.
އޮފިޝަލުން ބުނި ގޮތުގައި މަރުވި ގައިދީ އަކީ އަނިޔާވެގެން ރާގަމާ ޓީޗިންގް ހޮސްޕިޓަލަށް ގެންގޮސް އެތަނުގައި ފަރުވާ ދެނިކޮށް މަރުވި މީހެކެވެ.
ސްރީ ލަންކާގެ ޖަލުތަކުގައި ޖާގައަށްވުރެ ހަތަރު ގުނަ އިތުރަށް މީހުން ބަންދުކޮށްފައި ތިބެ އެވެ. 11،000 މީހުންގެ ޖާގައިގެ ޖަލުތަކުގައި މިހާރުވެސް 40،000 އެއްހާ ގައިދީން އެބަތިއްބެވެ. ޖުލައި މަހުގެ ހާދިސާއަށްފަހު ޖަލުތައް ލުއިކުރަން ސަރުކާރުން ވީ ވައުދުތަކަށް އަމަލީ ސިފައެއް އަދި ނާދެ ނުވެ އެވެ.