ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ކައިރީގައި ހުންނަ މަހާރާ ޖަލުގައި ހިންގި ނުރައްކާތެރި ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން މިއަދު އެތައް ސަތޭކަ ސިފައިންނަކާއި އެލީޓް ކޮމާންޑޯއިން އެ ޖަލަށް ވައްދައިފި އެވެ.
މި ހަމަނުޖެހުންތަކުގައި އެކަކު މަރުވެ ހަ މީހަކު ވަނީ ޒަހަމްވެފަ އެވެ.
ޑެޕިއުޓީ ޕޮލިސް އިންސްޕެކްޓަ ޖެނެރަލް ސަންޖީވާ މެދަވައްތަ ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު ގައިދީން ވަނީ ޖަލުގެ ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެކަމަކު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ސިފައިންގެ ފޯސްތަކާއި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ކޮމާންޑޯއިންގެ އެހީތެރިކަން ލިބި، ހާލަތު އިއާދަކޮށް، ގައިދީން އެ މީހުންގެ ގޮޅިތަކަށް އަނބުރާ ވެއްދިއްޖެ،" ޖަލު ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މެދަވައްތަ ވިދާޅުވި އެވެ.
މެދަވައްތަ ވިދާޅުވި ގޮތުގައި، މަހާރާ ޖަލުގެ ގައިދީން ވަނީ އެ ތަނުގެ ބަދިގެ އާއި ހޮސްޕިޓަލާއި އަލަށް އިމާރާތްކުރި ރީހެބިލިޓޭޝަން ސެންޓަރާއި އަދި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއްގެ ބައިތައް އެއްކޮށް ހަލާކުކޮށްލާފަ އެވެ.
ނޮވެމްބަރު 2020 ގައިވެސް މި ޖަލުގައި ހިންގި ހަމަނުޖެހުމެއްގައި 11 ގައިދީއެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާއިރު، 120 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ. މިފަހަރުގެ ހަމަނުޖެހުން މި ހިނގީ، އެ ސަރަހައްދުގެ މައި އެހެން ޖަލެއްގައި 10 ގާޑުންނާއި 21 ގައިދީން މަރުވި ހަމަނުޖެހުމަށް މަހެއްހާ ދުވަސް ފަހުންނެވެ.
މަހާރާ ޖަލަކީ 4,100 ގައިދީން ތިބޭ ތަނެކެވެ. މިއީ އެ ޖަލުގެ އަސްލު ކެޕޭސިޓީއަށްވުރެ 4 ގުނަ އިތުރު އަދަދެކެވެ. މިއީ ލަންކާގެ ގިނަ ޖަލުތަކުގައި ބޮޑުވެފައިވާ އާންމު މައްސަލައެކެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ބޭނުންނުކޮށް ހުރި ސަރުކާރުގެ އިމާރާތްތައް ޖަލުތަކަށް ބަދަލުކުރުމުގެ މަޝްރޫއެއް މިދިޔަ މަހު ވަނީ އިއުލާނުކޮށްފަ އެވެ.
ލަންކާގެ ޖަލުތަކުގައި ތިބި މީހުންގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ހިމެނޭ މީހުންނެވެ. -- އޭއެފްޕީ