ސްރީ ލަންކާގެ ތިން ޖަލެއްގައި މިއަދު ހަމަނުޖެހުން ހިންގައި، އެންމެ ހައި ސެކިއުރިޓީ ޖަލުން މީހުން ފިލަން ކުރި މަސައްކަތްތަކެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދަ ވިޖޭޕާލާ ވިދާޅުވީ މި ހަމަނުޖެހުމުގައި ތިން ކުށްވެރިން މަރުވެ 23 މީހުން ޒަހަމްވެފައިވާ ކަމަށާއި މި ހާދިސާތަކާ ގުޅިގެން މިހާރު ވަނީ މައި ޖަލަށާއި އިތުރު ދެ ޖަލަކަށް ސިފައިން ފޮނުވައިގެން ކޮންޓްރޯލްކޮށްފައި ކަމަށެވެ.
ކޮލަމްބޯގެ ވެލިކަޑަ މައި ޖަލުން ފިލަން ބުރާސްފަތި ދުވަހުގެ ރޭ 40 ވަރަކަށް ކުށްވެރިން ކުރި މަސައްކަތް ޖަލު ގާޑުން ހުއްޓުވުމުގެ ތެރޭގައި އެކަކު މަރުވެ 10 މީހުން ޒަހަމްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ މަސްދުވަހުގެ ތެރޭގައި، ކޮލަމްބޯއިން ބޭރުގައި ހުންނަ ދެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި 10 ގާޑުންނާއި 23 ކުށްވެރިން މަރުވެފައިވާއިރު، ފަހަކަށް އައިސް ލަންކާގެ ޖަލުތަކުގައި ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކަމާބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ހަމަނުޖެހުންތައް އިތުރުވާ މައިގަނޑު ސަބަބަކީ ޖަލުތައް އިންތިހާއަށް ތޮއްޖެހުމެވެ. ސްރީ ލަންކާގެ ޖަލުތަކުގައި މިހާރުވެސް މީހުން ބައިތިއްބަމުން ދަނީ އެ ޖަލުތަކުގެ ކެޕޭސިޓީއަށްވުރެ ހަތަރު ގުނަ އިތުރަށެވެ.
ވިޖޭޕާލާ ޕާލަމެންޓުގައި ވިދާޅުވީ ވެލިކަޑަ ޖަލުގެ މަސްރަހު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ކޮލަމްބޯގެ ދެކުނުން 80 ކިލޯމީޓަރު (50 މޭލު) ބޭރުގައިވާ ކުރުވިތަ ޖަލުގައި ވެސް އެފަދަ ހަމަނުޖެހުމެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރުވިތަ ޖަލުގައި ހިންގި ހަމަނުޖެހުމުގައި ދެ ކުށްވެރިން މަރުވެ، އިތުރު 13 މީހަކު ޒަހަމްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޖަލަށް ވެސް ސެކިއުރިޓީ ފޯސްތައް ފޮނުވައި، މިހާރު ވަނީ އަމަންއަމާންކަން ގާއިމުކުރެވިފައި،" ވިޖޭޕާލާ ވިދާޅުވި އެވެ.
މީގެއިތުރުން ކޮލަމްބޯގެ އުތުރުގައި އޮންނަ ޕައްލަންސޭނާ ޖަލުގައި ވެސް ހަމަނުޖެހުން ހިންގާފައިވެ އެވެ. އެތަނުގައި މިއަދު ހެނދުނުގެ ސައިގެ ވަގުތު 30 ކުށްވެރިއަކު ފުރާޅުމައްޗަށް އަރައި، ގޮޅިތަކަށް ވަނުމަށް އިންކާރުކޮށްފައިވެ އެވެ.
"މި ހާދިސާތަކުން، ވަކި ރޭވުންތެރިކަމެއް ފެންނަން އެބައޮތް. އަދި މިއީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ކަމެއްގެ ގޮތުގައި ޝައްކުކުރެވޭ،" އިތުރު ތަފްސީލެއް ދެއްވުމެއް ނެތި ވިޖޭޕާލާ ޕާލަމެންޓުގައި ވިދާޅުވި އެވެ.
ޖަލުތަކުގެ ހާލަތު ގޯސްވާތީ، ބޭނުންނުކޮށް ހުރި ސަރުކާރުގެ އިމާރާތްތައް ޖަލުތަކަށް ބަދަލުކުރުމުގެ މަޝްރޫއެއް މިދިޔަ މަހު ކަމާބެހޭ ފަރާތްތަކުން އިއުލާންކުރި ނަމަވެސް، އަދި އަމަލީ ސިފައެއް ނާދެ އެވެ.
ސްރީ ލަންކާގެ ޖަލުތަކުގައި ތިބި މީހުންގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނައީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންނެވެ. -- އޭއެފްޕީ