ކެނެޑާ އަށް އުފަން މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ އެންމެ މަޝްހޫރު ލަވަތައް ވެސް ހިމެނޭ ގޮތަށް، 290 ލަވައިގެ ރައިޓްސް 200 މިލިއަން ޑޮލަރަށް ހިޕްނޯސިސް ސޯންގް ކެޕިޓަލް އަށް ވިއްކާލައިފި އެވެ.

އެހެންވެ، މިދިޔަ އަހަރުގެ ކުރިން ޖަސްޓިން ރިލީޒްކުރި ހުރިހާ ލަވަތަކަކީ ވެސް މިހާރު ހިޕްނޯސިސްގެ ވެސް އަމިއްލަ އެއްޗެކެވެ. އަދި އެ ލަވަތަކުގެ ރައިޓަރަށް ވީ ހިއްސާ ވެސް ވަނީ ވިއްކާލައިފަ އެވެ.

މީގެ ފަހުން އެ ލަވަތައް އާންމު ތަނެއްގައި ހުށަހަޅައިދޭ ކޮންމެ ފަހަރަކު، ހިޕްނޯސިސް އަށް ބޮޑު އާމްދަނީ އެއް ލިބޭނެ އެވެ.

ބީބާ އަކީ 21 ވަނަ ގަރުނުގެ "ބެސްޓް-ސެލިންގް" އާޓިސްޓުންގެ ތެރޭގައި ފާހަގަކޮށްލެވޭ އާޓިސްޓެކެވެ. އޭނާ ފުރަތަމަ މަޝްހޫރުވީ 2009 ވަނަ އަހަރު ނެރުނު ހިޓް ސިންގަލް "ވަން ޓައިމް" ލަވައިންނެވެ. އެއަށް ފަހު މުޅި ދުނިޔެއަށް އޭނާ އެނގުނީ 2010 ވަނަ އަހަރު، ރެޕަރު ލޫޑަކްރިސްއާއެކު ނެރުނު "ބޭބީ" ލަވައިންނެވެ.

ޖަސްޓިންގެ ކުރީގެ ލަވަތައް ވިއްކާލާފައި ވަނީ "ހިޕްނޯސިސް ސޯންގް ކެޕިޓަލް" އަށް
ޖަސްޓިންގެ ކުރީގެ ލަވަތައް ވިއްކާލާފައި ވަނީ "ހިޕްނޯސިސް ސޯންގް ކެޕިޓަލް" އަށް

ހިޕްނޯސިސް ސޯންގް ކެޕިޓަލް އަކީ އެމެރިކާގެ އިންވެސްޓްމެންޓް ކުންފުންޏެއް ކަމަށްވާ، ބްލެކް ސްޓޯން އަދި އިނގިރޭސި ވިލާތުގެ ހިޕްނޯސިސް ސޯންގް މެނޭޖްމެންޓް ކުންފުންޏާ ގުޅިގެން، ލަވަކިޔުންތެރިންގެ ކެޓަލޮގުތަކުގެ ހިއްސާ އަދި ކޮޕީރައިޓްސް ގަތުމަށް އުފައްދާފައިވާ ބިލިއަން ޑޮލަރުގެ ފަންޑެކެވެ.

މިއުޒިކް ފަންޑުތަކަށް ލަވަތަކުގެ ރައިޓްސް ވިއްކާ އާޓިސްޓުން މިހާރު އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި، ޝަކީރާ އާއި ޖަސްޓިން ޓިމްބަލޭކް ވެސް ފާހަގަކޮށްލެވެ އެވެ.

ބެކް ކެޓަލޮގް ވިއްކުމުގެ ޓްރެންޑު އެންމެ ބޮޑީ ކުރީގެ ލަވަކިޔުންތެރިންގެ ތެރޭގަ އެވެ. ފާއިތުވި ދެ އަހަރު ތެރޭ، މިއުޒިކް ލެޖެންޑުން ކަމުގައިވާ ބޮބް ޑިލަން އާއި ބްރޫސް ސްޕްރިންގްސްޓީން ވަނީ އެ މީހުންގެ ކުރީގެ ލަވަތަކުގެ ކޮޕީރައިޓް ސޮނީ އަށް ވިއްކާލައިފަ އެވެ.