ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ މޫނުގެ އެއްފަޅި ޕެރެލައިޒްވެ، އޭނާގެ ޝޯތައް ކެންސަލްކޮށްފި އެވެ.

ޝޯތައް ކެންސަލްކުރުމަށް ފަހު، މޫނުގެ އެއްފަޅި ޕެރެލައިޒްވި ކަމަށް ބީބީ ބުނީ، އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނަށް ފޮނުވި ވީޑިއޯ މެސެޖެއްގަ އެވެ.

"އެބަ ފެނޭނުން އަހަރެންގެ އެއް ލޯ ނުމެރޭތައް. މޫނުގެ އެ ފަޅިން އަހަންނަށް ހީ ވެސް ނުލެވޭ. އެ ފަޅިން އެއްކޮށް ވަނީ ވާގި ގޮސްފައި،" ބީބާ ބުންޏެވެ.

އުމުރުން 28 އަހަރުގެ ލަވަކިޔުންތެރިޔާ ބުނި ގޮތުގައި އޭނާ ވަނީ ރަމްސޭ ހަންޓް ސިންޑްރޯމް ކިޔާ ބައްޔަކަށް ޑައިގްނޯސްވެފަ އެވެ. އެއީ ކަންފަތާ ކައިރީގައި ހުންނަ ނާރު އިންފެކްޓްވެގެން ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ.

އޭނާގެ ބަލިވުމުން މި ހަފުތާ އަށް ތާވަލުކޮށްފައި އޮތް ތިން ޝޯއެއް ވަނީ ކެންސަލްކޮށްފަ އެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު ފެށި "ބީބާގެ ޖަސްޓިސް ވޯލްޑް ޓުއާ" ގެ ޝޯތަކެވެ.

ޝޯތައް ކެންސަލްކުރަން ޖެހުމުން ދެރަވާ ކަމަށާއި އެކަމަކު މި ވަގުތު ސިއްހީ ހާލަތު ހުރި ގޮތުން އެ ނޫން ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ. އަދި ބަލިން ރަނގަޅުވާ ފަރުވާ ކުރަމުން އަންނަ ކަމަށާއި އެކަމަށް ހޭދަވާނެ ވަގުތެއް ބުނަން އަދި ނޭނގޭ ކަމަށް ވެސް ބުންޏެވެ.