އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ސިއްހީ ހާލަތު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާދޭން އިއްޔެ ފަށައިފި އެވެ.
އެކަމާ ގުޅޭ ގޮތުން އާޝާގެ މާމަ ދަރިފުޅު ޒަނާއި ބޯސްލޭ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައިވާ ގޮތުން، އުމުރުން 92 އަހަރުގެ އާޝާ އެޑްމިޓްކޮށްފައި ވަނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގަ އެވެ.
ޒަނާއި ބުނި ގޮތުގައި، އާޝާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ވަރަށް ބޮޑަށް ވަރުބަލިވުމާއި މޭގެ އިންފެކްޝަނެއްގެ ސަބަބުންނެވެ. އަދި މިވަގުތު އޭނާއަށް ފަރުވާދެމުން އަންނަ ކަމަށާއި އާއިލާގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމަށް ވެސް އޭނާ އެދުނެވެ.
ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ "ހިންދުސްތާން ޓައިމްސް" އިން ބުނި ގޮތުގައި، އާޝާ އެޑްމިޓްކުރީ ނޭވާލުމުގެ އުނދަގޫތަކަކާއި ހިތުގެ މައްސަލަތަކެއް ކުރިމަތިވެގެންނެވެ. އޭނާ މިވަގުތު އޮތީ އައިސީޔޫގަ އެވެ.
އާޝާގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި ޑޮކްޓަރުންގެ ޓީމަކުން އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އާޝާއަކީ އިންޑިއާގެ މިއުޒިކީ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނެވެ. އައްޑިހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ އޭނާގެ މިއުޒިކީ ކެރިއަރުގައި އެތައް ހާސް ލަވަޔެއް ވަނީ ކިޔައިފަ އެވެ. އޭނާއަށް ވަނީ އިންޑިއާގެ ސަރުކާރުން ދޭ ދެވަނަ ދަރަޖައިގެ މަތީ ޝަރަފުގެ އިނާމު ކަމަށްވާ "ޕަދްމާ ވިބޫޝަން" އާއި "ދާދާސާހެބް ޕާލްކޭ" އެވޯޑް ވެސް ލިބިފަ އެވެ.
އާޝާއަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ކޮއްކޮ އެވެ.