އިންޑިއާގެ ލެޖެންޑްރީ މިއުޒީޝަން އޭއާރު ރަހްމާން ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ އުފަންދުވަހުގެ މުނާސަބަތުގައި އޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން "އާޝާ ފޮރެވާ" ކިޔާ ލަވައެއް އިއްޔެ ނެރެފި އެވެ.
"އާޝާ ފޮރެވާ"އަކީ އާޝާ މަރުވުމުގެ ކުރިން އޭނާ ރެކޯޑުކުރި އެންމެފަހު ލަވަ އެވެ.
ރިިޕޯޓްތައް ބުނި ގޮތުގައި، އެ ހާއްސަ ލަވަ ނެރުނީ މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދެވޭންދުރަ ފަޑްނާވިސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އާޝާގެ މާމަދަރިފުޅު ޒަނާއި ބޯސްލޭ ވެސް ބައިވެރިވި އެވެ.
އެ ލަވަ ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަހްމާން ބުނީ އާޝާއަކީ މަހާރާޝްތުރާ އާއި މުޅި އިންޑިއާ ވެސް ފަހުރުވެރިވާ މީހެއް ކަމަށެވެ. އަދި އިންޑިއާގެ މިއުޒިކު ދުނިޔޭގެ ފެންވަރުގައި މަގުބޫލުކުރުމުގައި އޭނާގެ އަޑާއި މިއުޒިކް ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށް ވެސް އޭނާ ބުންޏެވެ.
މި ލަވައަކީ އާޝާ ދުނިޔޭގައި ހުރި ދުވަސްވަރު ރަހުމާންއާ އެކު ކިޔާފައިވާ ފޯރިގަދަ ޑުއެޓް ލަވައެކެވެ. އެ ލަވައަށް ބައިނަލްއަގުވާމީ ފެންވަރުގެ ކްލެސިކަލް ރާގުތަކެއް ގެނައުމުގެ ގޮތުން، ލަންޑަނުގެ ވަރުގަދަ "ޓްރިނިޓީ ލެބަން މިއުޒިކް ކޮލެޖް"ގެ މިއުޒީޝަނުންނާ އެކު އެ ދެ ފަންނާނުން ވަނީ މަސައްކަތް ކޮށްފަ އެވެ.
މި ލަވައިގެ ވީޑިއޯ ތައްޔާރުކޮށްފައި ވަނީ އޭއައި ބޭނުންކޮށްގެންނެވެ.
އުމުރުން 92 އަހަރުގައި އާޝާ މަރުވީ މިދިޔަ އެޕްރީލް މަހު 12 ގަ އެވެ.
ލަވަ ރެކޯޑް ކުރި ދުވަސްވަރުގެ ހަނދާންތައް އާކުރަމުން ރަހުމާން ކުރިން ބުނެފައި ވަނީ އާޝާ ބޭނުންވީ މި ލަވައަކީ ވަރަށް މަޖާ އަދި އެނާޖެޓިކް ލަވައަކަށް ހެދުމަށް ކަމަށާއި، ރެކޯޑިން ކުރިއަށް ދިޔައިރު އޭނާ ދެއްކި ހިތްވަރަކީ އޭނާއަކީ ލެޖެންޑެއްކަން ސާބިތުކޮށްދޭ ސިފައެއް ކަމަށެވެ.
ރަހުމާން އާއި އާޝާއަކީ މިދިޔަ ވިއްސަކަށް އަހަރު ތެރޭގައި ކާމިޔާބު ގިނަ ލަވަތަކެއް އުފައްދާފައިވާ ދެ ފަންނާނުންނެވެ. އޭގެ ތެރޭގައި "ރަންގީލާ ރޭ" އާއި "ތަންހާ ތަންހާ" އާއި "ކަހީން އާގް ލަގޭ" އަދި "ރާދާ ކައިސޭ ނާ ޖަލޭ" ކަހަލަ މަގުބޫލު ލަވަތައް ހިމެނެ އެވެ.