ހިންދީ ސިނަމާ (ބޮލީވުޑް) މިހާރު އޮތީ ވަކި ބައެއްްގެ މުށުތެރޭގައި ކަމަށް އިންޑިއާގެ ކުޅަދާނަ މިއުޒީޝަން އޭއާރު ރަހްމާން ބުނެފި އެވެ.
ރަހްމާން ބީބީސީ އޭޝިއަން ނެޓްވޯކަށް މިދިޔަ ހަފުތާގައި ދިން އިންޓަވިއުއެއްގައި ބުނީ ފާއިތުވި އަށް ވަރަކަށް އަހަރުގެ ތެރޭގައި ބޮލީވުޑް އިތުރަށް "ކޮމިއުނަލް" ނުވަތަ ވަކި ފަރާތްތަކަކަށް ބުރަވާ ގޮތަށް ބަދަލުވެފައިވާ ކަމަށެވެ.
އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވާ ރަހްމާން އެ ވާހަކަ ދެއްކީ، ހިންދީ މިއުޒިކް އިންޑަސްޓްރީގެ "ބާރުތަކަށް" އައި ބަދަލެއްގެ ސަބަބުން އޭނާއަށް ލިބޭ މަސައްކަތްތައް މަދުވަމުންދާ ކަމަށް ބުނެ އެވެ. އޭނާ ސިފަކުރި ގޮތުގައި، ހިންދީ މިއުޒިކް އިންޑަސްޓްރީ މިހާރު އޮތީ ވަކި ބައެއްގެ "މުށު ތެރޭގަ" އެވެ.
އެ އިންޓަވިއުގައި ރަހްމާން ދެއްކި ވާހަކަތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން ރަހްމާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ އޭނާ އެހެން ބުނަން ޖެހުނު ސަބަބު ސާފުކޮށްދީފަ އެވެ.
"އިންޑިއާއަކީ އަހަރެންގެ އިންސްޕިރޭޝަން، އަހަރެންގެ މުދައްރިސް، އަދި އަހަރެންގެ ވަޒަން. ބައެއް ފަހަރު ކަންކަމުގައި އޮންނަ ނިޔަތް އޮޅިދާނެ ކަމަށް އަހަރެން ގަބޫލުކުރަން. ނަމަވެސް، އަހަރެންގެ މަގުސަދަކީ އަބަދުވެސް މިއުޒިކްގެ ޒަރީއާއިން ކަންކަން ކުރިއެރުވުމާއި، އިހުތިރާމް އަދާކުރުން އަދި ހިދުމަތް ކުރުން،" އޭނާ ބުންޏެވެ.
"އަހަރެން ދުވަހަކު ވެސް މީހަކަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން. އަދި އަހަރެންގެ އިހުލާސްތެރިކަން އެންމެންނަށް އިހުސާސްވާނެ ކަމަށް އުންމީދު ކުރަން. އަހަންނަކީ އިންޑިއާ މީހަކަށް ވީތީ އުފާކުރަން. އޭގެ ސަބަބުން މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމާއި ތަފާތު ސަގާފަތްތަކުގެ ރާގުތައް އިއްވުމުގެ ފުރުސަތު ލިބިދޭ."
ރަހްމާން ބުނީ އިންޑިއާގެ އެކި ހިސާބުތަކުގައި ތަފާތު އެކި ސަގާފަތްތަކާއި ހުނަރުވެރިން ކުރިއެރުވުމަށް އޭނާ މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ. ހާއްސަކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކުރިފުޅުމަތީގައި އޭނާ ހުށަހަޅާފައިވާ ހުށަހެޅުންތަކުން އޭނާއަކީ ގައުމީ ފެންވަރުގައި ވެސް ބަލައިގަނެވޭ ފަންނާނެކަން އެނގޭނެ ކަމަށް ރަހްމާން ބުންޏެވެ.
"އަހަރެން މި ގައުމަށް އަބަދުވެސް ޝުކުރުވެރިވާ ހާލު، އަހަރެން ދެމިހުންނާނީ މާޒީއަށް އިހުތިރާމްކުރާ އާއި މިވަގުތު ފާހަގަކުރާ އަދި މުސްތަގުބަލަށް އުއްމީދު އާވާ ކަހަލަ މިއުޒިކް އުފެއްދުމުގައި. ޖޭ ހިންދު އަދި ޖޭ ހޯ،" އޭނާ ބުންޏެވެ.
މުސްލިމެއް ކަމަށްވާ ރަހްމާން މިހާރު އަންނަނީ ހިންދޫންގެ މަޝްހޫރު ވާހަކަ "ރާމާޔަނާ" އަށް ބިނާކޮށް ނިތޭޝް ތިވާރީ އުފައްދާ ބޮލީވުޑްގެ ފިލްމަކަށް މިއުޒިކް ތައްޔާރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ. ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭ، އިންޑިއާގައި މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު އެ ފިލްމުގެ މިއުޒިކްގެ މަސައްކަތް ރަހްމާން ކުރަނީ ހޮލީވުޑްގެ ލެޖެންޑަރީ މިއުޒިކް ކޮމްޕޯޒަރު ހޭންސް ޒިމާއާ އެކުގަ އެވެ.
"ރާމާޔަނާ"ގެ މުހިންމު ރޯލުތައް ކުޅެނީ ރަންބީރް ކަޕޫރާއި ސައި ޕައްލަވީ އާއި ޔަޝް އަދި ސަނީ ޑިއޯލް އެވެ. އެ ފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރަނީ ދިވާލީ ޗުއްޓީއާ ދިމާކޮށް އަންނަ އޮކްޓޯބަރު/ނޮވެމްބަރު މަހު އެވެ.