އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖު.
26 ޖޫން 2025 - 11:46
އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖުގެ ކޮމެޑީ ފިލްމު "ސަރްދާރުޖީ 3"ގައި ޕާކިސްތާނުގެ ތަރިއަކު އުޅޭތީ، އޭނާ މިހާރު މަސައްކަތްކުރަމުން އަންނަ އިތުރު ފިލްމެއް ކަމަށްވާ "ބޯޑާ 2" އިން އޭނާ ވަކިކުރަން ގޮވާލައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ މައްސަލާގައި ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮފީސް (އެފްޑަބްލިއުއައިސީއީ) އިން "ބޯޑާ 2"ގެ އުފެއްދުންތެރިންނަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ފިލްމުގައި ދިލްޖީތު ބައިވެރިކުރާ ނަމަ، އެ މީހުންނާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ބުނެފަ އެވެ.
ޕާކިސްތާނުގެ އެކްޓަރުންނާ އެކުގައި މަސައްކަތްކުރާނީ ގައްދާރުން ކަމަށާއި ދިލްޖީތަކީ މިހާރު ފިލްމީ ދާއިރާއިން ބޮއިކޮޓްކުރަން ޖެހޭ މީހެއް ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.
"ބޯޑާ 2" އުފައްދަނީ ޓީ-ސީރީޒް އާއި ޖޭޕީ ފިލްމްސް ގުޅިގެންނެވެ. ވަރުގަދަ ކާސްޓެއް ހިމެނޭ އެ ފިލްމުގައި ދިލްޖީތާއެކު ލީޑު ރޯލުތައް ކުޅެނީ ސަނީ ޑިއޯލް އާއި ވަރުން ދާވަން އަދި އަހާން ޝެޓީ އެވެ. އެ ފިލްމުގެ ޝޫޓިން މިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ.
ދިލްޖީތުގެ "ސަރްދާރުޖީ 3"ގައި ޕާކިސްތާނުގެ ތަރިއެއް ކަމަށްވާ ހާނިއާ އާމިރް އުޅެ އެވެ. އެހެންވެ، އިންޑިއާގެ އާންމުން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެ ފާޑުކިޔުންތައް ބޮޑުވީ މި ހަފުތާގައި އެ ފިލްމުގެ ޓްރެއިލާ ނެރުމާ އެކުގަ އެވެ.
އެ ޓްރެއިލާ އިން އެނގޭ ގޮތުގައި، ހާނިއާއަކީ ވެސް އެެ ފިލްމުގައި މުހިންމު ރޯލެއް ކުޅޭ ތަރިއެކެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު މިދިޔަ މެއި މަހު ހޫނުވުމުން އިންޑިއާގެ ފިލްމުތަކުގައި ޕާކިސްތާނުގެ އެކްޓަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ނުދޭން އިންޑިއާގައި ފިލްމު އުފައްދާ މީހުންގެ ޖަމިއްޔާތަކުން އޮތީ އަންގައިފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލި ހާދިސާއާ ގުޅިގެންނެވެ. އެ މައްސަލާގައި އެ ދުވަސްވަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަލާ ބަދަލުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy