މާލޭގައި ރާޅާ އަޅާ ސަރަހައްދު، މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތަށް ބަންދުކޮށްފައިވާތީ ރާޅާއެޅުންތެރިން ކ. ތަނބުރުދޫއަށް ގެންދިއުމަށް އެމްޓީސީސީ އާއި ޓުއަރިޒަމް މިނިސްޓްރީން ވެފައިވާ އެއްބަސްވުން މިއަދު އައުކޮށް، ރާޅާ އަޅާ އެހެން ތަންތަނަށް ވެސް ގެންގޮސްދޭން އެއްބަސްވެއްޖެ އެވެ.
ބޮޑީ ބޯޑިން އެސޯސިއޭޝަނާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ވެސް ވަނީ މި އެމްއޯޔޫގައި ސޮއިކޮށްފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މިފަހަރުގެ އެމްއޯޔޫގައިވާ ގޮތުން ތަނބުރުދޫގެ އިތުރުން ރާޅާ އެޅުންތެރިން ބޭނުންވާ އެހެން މަންޒިލްތަކަށް ވެސް ފެރީ ހަމަޖައްސައިދޭނެ ކަމަށެވެ.
"މިފަހަރުގެ ތަފާތަކީ އަޅުގަނޑުމެން ސްޕޮންސާ މި ކުރަނީ ދަތުރުތައް. އަދި މިފަހަރު ތަނބުރުދޫގެ އިތުރުން ކ. ތުލުސްދޫ އަދި ސާފަރުން ބޭނުންވާ މަންޒިލްތަކަށް ފެރީ ހަމަޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއޯޔޫގައި ސޮއިކުރުމަށްފަހު ސާފިން އެސޯސިއޭޝަންގެ ފަރާތުން ހަސަން ޒަކީ ބުނީ މި އެއްބަސްވުން ހެދީ ދަތުރުތައް އިންތިޒާމް ކުރުމުގައި ދިމާވި ދަތިތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ބުނީ ފެރީ ހަމަޖައްސާނީ މޫސުމަށް ބެލުމަށްފަހު ކަމަށެވެ.
ކ. ހިންމަފުށި ކައިރީގައި އޮންނަ ތަނބުރުދޫގެ ސާފިން ޕޮއިންޓަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ފާހަގަކޮށްލެވޭ ސާފިން ޕޮއިންޓެކެވެ. މި ތަނަކީ ސީއެންއެން އިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅު 50 ސާފިން ޕޮއިންޓްގެ ތެރެއިން 11 ވަނަ އަށް ރޭންކް ކުރެވުނު ސާފިން ޕޮއިންޓެވެ. އެތަނުގައި ސާފިންގެ ބައެއް މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ.