ދުވަހު ނޫސް "ހަވީރު"ގައި އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ކާޓޫން ސީރީޒް "ކައްކަކާކޯ" "މިހާރު" ނޫހަށް އެނބުރި އަތުވެއްޖެ އެވެ. މިއަދު މި ގެނެސްދެނީ "ކައްކަކާކޯ"ގެ އާ ސީރީޒްގެ ފުރަތަމަ ކާޓޫނެވެ.
"ހަވީރު"ގައި، 1987 ގައި ފެށި ކާޓޫން ސީރީޒް "މިހާރު" އިން ގެނެސްދޭނީ ކޮންމެ ބުރާސްފަތި ދުވަހަކު އެވެ. ކާޓޫނުތައް އަމާޒުކުރާނީ ސިޔާސީ ދާއިރާ އާއި ރާއްޖޭގެ މުޖުތަމައުގައި އެއިރަކު ހިނގާ ކަންކަމަށެވެ.
މީހަކާއި ކުކުޅެއް ނުވަތަ ހާލެއް މެދުވެރިކޮށް ގެނެސްދޭ "ކައްކަކާކޯ" "މިހާރު"ގައި ޖަހަން ފަށަނީ "ހަވީރު"ގައި އެ ކާޓޫންތައް ކުރެހި ހުނަރުވެރިޔާ އަހުމަދު ނައީމްގެ ހުއްދަ އާއި ކޮޕީ ރައިޓްސް ލިބިގެން، އެހެން ކުރެހުންތެރިއެކެވެ. "މިހާރު"ގައި އެ ކާޓޫނުތައް ކުރަހަނީ 31 އަހަރުގެ ޒުވާން އަންހެނެކެވެ.
ކައްކަކާކޯ އަކީ ކޮބާ؟
"އެއީ އޭރަކު ހިނގާ ކަންކަން ވިޝުއަލީ ހަބަރެއްގެ ގޮތުގައި ކިޔައިދިނުން،" ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ކާޓޫނު ކުރެހުންތެރިޔާ، ނައީމް ބުންޏެވެ.
"އެއީ ހަމަ ހަބަރެއް. އެކަމަކު އެހެން ގޮތަކަށް ގެނެސްދޭ."
ނައީމް ބުނި ގޮތުގައި "ހަވީރު"ގައި އެ ކާޓޫނު ކުރަހަން ފެށީ އޭރު ހަބަރުތަކަށް ބޭނުންވާ އެކި ކުރެހުންތައް ހެދުމުގެ ތެރޭގަ އެވެ. އޭނާ ބުނީ "ކައްކަކާކޯ" ފެށިއިރު އާންމުންގެ އެހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލިފައި ނެތް ކަމަށެވެ.
"އެކަމަކު އެ ކާޓޫނުތައް ވީ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އެއްޗަކަށް،" އޭނާ ބުންޏެވެ.
"ކައްކަކާކޯ"، އަކީ ނައީމް ބުނި ގޮތުގައި، "އާ ދުވަހަކަށް ގޮވާލުން" ކަމަށެވެ. ތަފާތު ސަބަބުތަކާ ހެދި އެކި ދުވަސްވަރު މެދުކެނޑެމުން ގޮސް، އެ ސީރީޒުން މުޅިން އަތް ދޫކޮށްލަން ޖެހުނީ ބައެއް މީހުންގެ މެދުގައި މާ ބޮޑަށް ހިޔާލު ތަފާތުވި ހިސާބުން ކަމަށް ވެސް ބުންޏެވެ.
"ކުރެހި ކާޓޫނެއްގެ ސަބަބުން ދީނީ މައްސަލައެއް ފެންމަތިވެގެން ގޮސް ހުއްޓާލަން ޖެހުނީ. އެ ހިސާބުން ހިތަށްއެރީ ދެން ކުރިއަކަށް ނުގެންދާނަމޭ،" ނައީމް ބުންޏެވެ.
އެކަމަކު އޭނާ ބުނި ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިމެއްގެ ތެރޭގައި ވިޔަސް އޮންނަން ޖެހޭނެ އެއްޗެކެވެ.
"މި ކާޓޫނު އެއްޗަކަށް މި ވަނީ މިއިން އެކިއެކި މާނަ ނެގޭތީ ނުވަތަ ވިޒުއަލީ އެހެން ގޮތަކަށް ކިޔައިދެވޭތީ. ނަގާނެ މާނައެއް ނެގުމުގެ ފުރުސަތު އެބަ އޮތް. އެކަމަކު އެއްޗެއް ކުރެހީމަ ވަކި ގޮތަކަށް މާނަ ނަގައިގެން އެގޮތަށް އެކަން ނިންމައިގެން ދައުލަތުގެ ވެސް އަދި އެހެން ބަޔަކު ވެސް އެ އޮޅުވާލައިގެން ނުވާނެ،" އޭނާ ބުންޏެވެ.
ކައްކަކާކޯ އާއި ޒުވާން ހިޔާލު
މިއީ އިއްތިފާގަކަށް ވެސް ވެދާނެ އެވެ. "މިހާރު"ގައި "ކައްކަކާކޯ" ގެނެސްދޭން އަތުކުރި އޮޅާލައިގެން ހުރި ޒުވާން ކުރެހުންތެރިޔާ އެ ފަންނަށް ވަނީ ވެސް "ކައްކަކާކޯ"ގެ ސަބަބުންނެވެ.
"އަޅުގަނޑު އުފަންވީ ވެސް ކައްކަކާކޯ ވުޖޫދަށް އައި އަހަރު. ބޮޑުވަމުން އައިއިރު ހަވީރު ނޫހުން މި ކާޓޫނު ފެނިގެން ކުރެހުމުގެ ހިތް ޖެހުނީ ވެސް،" އޭނާ ބުންޏެވެ.
މި ވަގުތު އޭނާގެ ނަން ހާމަނުކުރަން "މިހާރު"ގައި ވަނީ އެދިފަ އެވެ.
"މިދިޔަ މާޗުގައި މިކަން އަލުން ފަށަން ވެގެން ނިންމި ފަހުން އަހުމަދު ނައީމާ އަޅުގަނޑާ ދިމާވީ ވެސް. އެކަމަކު ހިތުގައި އަބަދުވެސް އޮވޭ މި އާޓްގެ ތެރެއަށޭ ވަންނާނީ،" އޭނާ ބުންޏެވެ.
ޒުވާން އާޓިސްޓް ހުރީ "ކައްކަކާކޯ" ޒަމާނީ ސްޓައިލަކަށް، އެކަމަކު މާ ބޮޑު ބަދަލުތަކެއް ނުގެނެސް ކުރިއަށް ގެންދަން ތައްޔާރަށެވެ. އޭނާ ބުނަނީ "މިއީ ފުރުސަތު ލިބިއްޖެ ނަމަ އުމުރު ދުވަހު ވެސް ކުރިއަށް ގެންދަން ބޭނުންވާ ކަމެއް" ކަމަށެވެ.
"މިހާރު"ގެ އެޑިޓަރު އަދި "ހަވީރު" ހުއްޓާލި އިރު އެ ނޫހުގެ އެޓިރަކަށް ވެސް ހުރި މޫސާ ލަތީފުގެ ނަޒަރުގައި "ކައްކަކާކޯ"ގެ ކުކުޅު މަރުނުވެ، އަލުން ހޭލުމަކީ މިވަގުތު ރާއްޖޭގެ ނޫސްވެރިކަމުން އުވިފައިވާ ފަންނެއް ދިރިގެން އައުމެވެ.
"އަޅުގަނޑު 'ހަވީރަ'ށް 1987 ގައި ފުރަތަމަ ލިއަން ފެށިއިރު ވެސް ހަނދާންވޭ ކައްކަކާކޯ. އޭގެ ބައެއް ކާޓޫނުތައް މިހާރު ވެސް ހަނދާން އެބަހުރި،" މޫސަ ބުންޏެވެ.
"މިސާލަކަށް އެއްފަހަރަކު ސަރުކާރުން ގެނެސް ވިއްކި ހަނޑުލުގައި ފަނިއެޅުމުން، ހަނޑޫ ބަސްތާއެއް ކައިރީގައި، އެ ކުކުޅު ކާން އޮތް ތަން ފެންނަ ކާޓޫނު. އެ ކާޓޫނުން އެ ބުނެދިނީ މި ފަހަރުގެ ހަނޑުލަކީ އިންސާނުން ކާން ކަމުދާ އެއްޗެއް ނޫނޭ. އެކަހަލަ ވަރަށް ތަފާތު ވާހަކަތައް ނައީމްގެ ކާޓޫނުތަކުން ބުނެދިން."
މޫސަގެ އުއްމީދަކީ އާ ކުރެހުންތެރިޔާ ވެސް ނައީމް ފަދަ ހުނަރުވެރި އަދި އެހެން ގޮތަކަށް މައްސަލަތައް ކިޔައިދޭ ފަންނާނަކަށް ވުމެވެ.
"ޔަގީނުން ވެސް ވަރަށް ހުނަރުވެރި، ކަމަށް ވަރަށް ޝައުގު ހުރި ޒުވާނެއް އެއީ،" މޫސަ ބުންޏެވެ.
"މިއީ އޭނާ އަށް ވެސް ވަރަށް މުހިންމު ފެށުމެއް."
ކޮންމެ ބުރާސްފަތި ދުވަހެއްގެ ހެނދުނު ހެނދުނާ "ކައްކަކާކޯ"ގެ އާ ކާޓޫނެއް "މިހާރު"ން ގެނެސްދޭނެ އެވެ. "ކައްކަކާކޯ" ބައްދަލުކުރާނީ އެންމެ ފަހުގެ ހިޔާލުތަކާއި، އެންމެ ޒަމާނީ ވިސްނުންތަކުގެ ތެރެއިންނެވެ.