"މިހާރު"ގެ ލޯންޗިން، މާލޭގެ ސެންޓްރަލް ހޮޓެލްގައި ބޭއްވި އިރު، ސަރުކާރުގެ އެއްވެސް ވެރިއަކަށް އެ ތަނަށް ވަޑައިގަންނަވަން ނުކެރުނީ ސަބަބުތަކެއް އޮވެގެންނެވެ؛ ބިރެވެ. ހާއްސަކޮށް، އުފަންވާން އޭރު މަދު ވަގުތުތަކަކަށް ވެފައި އޮތް "މިހާރު"ގެ ނޫސްވެރިން ދެކެ ގަތް ބިރެވެ.
މީގެ ހަ އަހަރު ކުރިން، ރާއްޖޭގެ ނޫސްވެރިކަމުގައި އޮތީ މިހާރު މިއޮތް މާހައުލެއް ނޫނެވެ. ގާނޫނުތައް އޮތީ ނޫސްވެރިކަން ބަނދެލައިފަ އެވެ. އޭރުގެ ސަރުކާރު އެކި ގޮތްގޮތުން މީޑިއާތަކަށް ދިޔައީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ. "މިހާރު" ގެ އުފެދުމަކީ ވެސް އެ ބިރުވެރިކަމެވެ. ބޭއިންސާފާއި އަނިޔާވެރިކަމެވެ. އެ ހިތްދަތިކަމާއި މާޔޫސް ކަމެވެ.
އެ ބިރު ކަނޑާލަައިފައި "މިހާރު" ވުޖޫދަށް އައީ ވަރަށް ގަދަފަދަ ހިތްވަރަކާ އެކު އެވެ. އޭރުން ފެށިގެން ވެސް ދައްކައިދޭން ބޭނުންވި މަންޒަރަކީ، އެ ކަޅު ދުވަސްތަކަކީ މާޒީ ކަމެވެ. މިއަދު ފެންނަ މަންޒަރަކީ އެއީ އެވެ.
މިއީ، އާންމުން ދިން އިތުބާރު ހިފަހައްޓައި، "މިހާރު" އެންމެ އުހުގައި އޮންނަތާ ހަ އަހަރު ފުރޭ ދުވަހެވެ. އޭރު މަރުވަމުން ދިޔަ ނޫސްވެރިކަމަށް ދިރުން ގެނުވިތާ މިއަދަށް ހަ އަހަރުވީ އެވެ.
ހަތްދިހަ ވަރަކަށް މުވައްޒަފުންނާ އެކު ހިންގާ "މިހާރު" އަކީ މިއަދު ހަމައެކަނި އެންމެ ނޫހެއް ހިންގާ މީޑިއާއެއް ނޫނެވެ. "މިހާރު އޮންލައިން"ގެ އިތުރުން "މިހާރު" ޕްރިންޓް ނޫހާއި ލައިފް ސްޓައިލް މަޖައްލާ "ދޯ" ވެބްސައިޓާއި އާއި އިނގިރޭސި ބަހުން ނެރޭ "ދި އެޑިޝަން" އަކީ "މިހާރު" މެނޭޖްމަންޓުގެ ކާމިޔާބު އުފެއްދުންތަކެވެ.
"މިހާރު" އަށް ހަ އަހަރު ވީއިރު، ނޫހަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މުޅި ނޫހުގައި އޮތީ ޒުވާން ޓީމެކެވެ. ކިޔުންތެރިން ބޭނުންވާ ގޮތަށް ކޮންޓެންޓް ވަނީ ރާވައިލެވިފަ އެވެ. ހާއްސަކޮށް، ކިޔުންތެރިން ބޭނުންވާ ގޮތަށް، މައުލޫމާތުގެ ތެރެއަށް ފަސޭހައިން ފީނާލެވޭ ގޮތްތައް މިހާރު ވަނީ ފަހިކޮށްފަ އެވެ. މުޖުތަމައުގައި ހުރި މައްސަލަތަކުގެ މައްޗަށް ލިޔާ ރިޕޯޓްތައް މިހާރު ވަނީ ގިނަވެފަ އެވެ. އާންމުންގެ ވާހަކަތަކާއި ލުއި ރިޕޯޓްތަކަށް އިސްދޭ ވަރު މިހާރު ވަނީ އިތުރުވެފަ އެވެ. ހަބަރާއި ރިޕޯޓްތަކާ ގުޅޭ ވީޑިއޯތަކާއި ގްރެފިކްސް ހިމެނުން އާންމުވެއްޖެ އެވެ.
ބޮޑެތި މައްސަލަތަކާއި އެކިއެކި ކަންކަމުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުމަށް މިދިޔަ އަހަރު "މިހާރު"ން ވަނީ އާ ސޮފްހާއެއް ހުޅުވާލައިފަ އެވެ. "މެދުސަފުހާ"ގެ ނަމުގައި ގެނެސްދޭ އެ އެޑިޝަން ވެފައި ވަނީ އާންމުންގެ މަގުބޫލުކަން އިންތިހާ އަށް ލިބުނު އެއްޗަކަށެވެ. އޭގެ އެކިއެކި މައުލޫއުތައް މިހާރު ވެސް އަންނަނީ ގެނެސްދެމުންނެވެ.
އެކިއެކި މީޑިއަމްތަކުގެ ބޭނުން ހިފައި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މައުލޫމާތު ފެތުރުމަކީ "މިހާރު"ން އަބަދު ވެސް އިސްކަން ދޭ ކަމެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ޕޮޑްކާސްޓެވެ. އޭގެ އެޕިސޯޑްތަކުގެ އަދަދު މިހާރު 50 އާ ކައިރިކުރަނީ އެވެ. މިހާތަނަށް ގެނެސްދިން ޕޮޑްކާސްޓްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ދާއިރާތަކުގެ ފަންނުވެރިން، އެ މީހުންގެ ހަޔާތާއި ކެރިއާގެ މުހިންމު ވާހަކަތައް ވަނީ ފުރަތަމަ ފަހަރަށް ކިޔައިދީފަ އެވެ.
"މިހާރު"ގެ އަބަދުގެ ވެސް ވިސްނުމަކީ ނޫސްވެރިކަމުގެ އާ ކަންކަން ތައާރަފުކުރުމެވެ. ޓެކްނޮލޮޖީ އާއި ލިޔުންތެރިކަމަށް އަންނަ ކުރިއެރުންތަކަށް މި ނޫސް ދެން ވެސް އޮންނާނީ ފާރަވެރިވެގެންނެވެ. އެ ކަންކަން ކިޔުންތެރިންނާ ހަމައަށް ތަންފީޒުކުރުމަށް އަޅުގަނޑުމެންގެ ޓީމު އޮތީ ތައްޔާރަށެވެ.
"މިހާރު"ގެ ކޮންމެ ފިޔަވަޅަކުން ވެސް ދައްކައިދެނީ ނޫސްވެރިކަމަށް ނަމޫނާ އެވެ. އެއިން ކޮންމެ ފިޔަވަޅަކީ ވެސް މާދަމާ އަށް، އަދި ދެން އޮތް ދުވަސްތަކަށް ވެސް މަންފާ ކުރާނެ ފިޔަވަޅަކަށް ހެދުމަކީ "މިހާރު"ގެ މެނޭޖްމަންޓުގެ އުންމީދެވެ.
"މިހާރު"ގެ އެގްޒެކެޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސައިން ވިދާޅުވީ، މި ނޫހުގެ ހަ އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދައިފި ކަމަށެވެ. ހާއްސަކޮށް "މިހާރު" ހިއްސާވާ ގޮތަށް މުޅި ނޫސްވެރިކަމުން ލިބިފައިވާ ކުރިއެރުން އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ކާމިޔާބަކީ 'މިހާރު'ގެ މި އާއިލާ. ކިޔުންތެރިން އަޅުގަނޑުމެންނަށް ކުރާ އިތުބާރާއި ފީޑްބެޑް. އަޅުގަނޑުމެންގެ ވިޔަފާރި ޕާޓްނަރުން އަޅުގަނޑުމެންނާ ބަހައްޓާ ގާތްކަން،" އޭނާ ވިދާޅުވި އެވެ.
ވާއިލް ވިދާޅުވީ ނޫސްވެރިން ބިނާ ކުރުމަކީ "މިހާރު"ން ދެން ހިފާނެ އަމާޒު ކަމަށެވެ.
"ނޫސްވެރިކަމުގެ ކުރިމަގު ބިނާވެފައި އޮތީ މި ދާއިރާ އަށް މީހުން ބިނާ ކުރެވިގެން. އެއީ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން އެންމެ އިސްކަން ދޭނެ އެއް ކަންތައްތައް. 'މިހާރު'ން މިހާރު ވެސް މި ގެންދަނީ މި ދާއިރާ އަށް މީހުން ތަމްރީނު ކުރަމުން."
"މިހާރު"ގެ ޓީމު ކުރިއަށް އޮތްތާނގައި ވެސް އެންމެ އިސްކަމެއް ދޭނީ ކިޔުންތެރިން ދެމުން އަންނަ އިތުބާރު އެގޮތުގައި ދެމެހެއްޓުމަށެވެ. ތާޒާ ކަމާ އެކު އަވަހަށް، ތަފުސީލުކޮށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އަދި ހަމަ އެހެންމެ، ނޫސްވެރިކަމަށް އަންނަ ޒަމާނީ ބަދަލުތަކުގައި ވެސް ފައިހަމަކުރަމުންނެވެ.
"ނޫސްވެރިކަން މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުން. ޓެކްނޮލޮޖީއާ އެއްވަރަށް ނޫސްވެރިކަން ހިފެހެއްޓުމަކީ އަޅުގަނޑުމެން އަދާކުރާނެ މަސްއޫލިއްޔަތެއް. އަޅުގަނޑުމެން މައުލޫމާތު ފަތުރާނީ އެއީ އަމާނާތެއްގެ ގޮތުގައި ގަބޫލުކޮށްގެން،" ވާއިލް ވިދާޅުވި އެވެ.
"މިހާރު"ގެ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔުންތެރިންނަށް ފޮނުވަމެވެ. އަޅުގަނޑުމެންނާ އެކު ހަ އަހަރު ދެމިތިއްބެވީތީ، އަދި ދެމިތިއްބަވާތީ ޝުކުރިއްޔާ އެވެ.