ބޮލީވުޑްގެ ކުޅަދާނަ ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރްގެ މަގުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަ ވަނަ ސީޒަން މި އަހަރުގެ ދީވާލީއާ ދިމާކޮށް އަންނަ ނޮވެމްބަރު މަހު ފެށުމަށް ތައްޔާރުވަމުން އަންނަކަން އޭނާ ކަށަވަރުކޮށްދީފި އެވެ.

"ދަ ވީކް" އަށް ދިން އިންޓަވިއުއެއްގައި، އެ ޝޯ އެނބުރި އަންނާނީ ކޮންއިރަކުތޯ ބެލުންތެރިއަކު ކުރި ސުވާލުކުރުމުން ކަރަން ބުނީ "ދީވާލީގައި، ސީޒަން 9" ގެނެސްދޭނެ ކަމަށެވެ.

މި ޝޯގެ އަށްވަނަ ސީޒަން ނިންމާލީ 2024 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެ ސީޒަނަކީ ވަރަށް ގިނަ ބަހުސްތަކާއި ފާޑުކިޔުންތަކެއް އަމާޒުވި ސީޒަނެކެވެ. ހާއްސަކޮށް ރަންވީރު ސިންގާއި ދީޕިކާ ޕަޑުކޯން އެމީހުންގެ ގުޅުމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

މިދިޔަ ސީޒަންގެ މެހުމާނުންގެ ގޮނޑިން ސައިފް އަލީ ހާން، ކަރީނާ ކަޕޫރު، އާލިއާ ބަޓް އަދި ކާޖޮލް ކަހަލަ ތަރިން ފެނުނެވެ. 

މީގެ 22 އަހަރު ކުރިން 2004 ގައި ފެށި "ކޮފީ ވިތު ކަރަން"އަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ނުފޫޒުގަދަ އަދި އަބަދުވެސް އާ ވާހަކަތަކެއް ފެންމަތިވާ ޝޯއެކެވެ.

އެ ޝޯގެ ތެރެއިން ބޮލީވުޑްގެ ތަރި އަދި މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަނގަނާ ރަނާވަތު، ކަރަންއަކީ "ނެޕޮޓިޒަމް" ނުވަތަ ފިލްމީ ދާއިރާގައި އާއިލީ ނުފޫޒު ފަތުރާ މީހެއްގެ ގޮތުގައި ސިފަކުރުމުން އުފެދުނު ބަހުސަކީ މިއަދާ ހަމައަށް ވެސް ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ.

ނަމަވެސް، ކަންގަނާ މިދިޔަ އަހަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކަރަން އަކީ "ނުބައި މީހެއް ނޫން" ކަމަށެވެ. އަދި ކަރަންގެ މަޖާ މިޒާޖަށް ކަންގަނާ ތައުރީފު ވެސް ކުރި އެވެ.

ކޮންމެ ސީޒަނެއްގައި ވެސް ބޮލީވުޑްގެ ބޮޑެތި ސިއްރުތަކާއި ހޫނު ޚަބަރުތައް އެ ޝޯއިން ފެންމަތިވެ އެވެ.