މިލާން (ޖެނުއަރީ 29) – ހެލިކަޕްޓަރެއް ވެއްޓި ހޯމަ ދުވަހު މަރުވި އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ ބްރަޔަންޓްގެ ހަނދާންތައް އާކުރި މެޗުން، ޓޮރިނޯ 4-2 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ސެމީ ފައިނަލުގައި މިލާން ބައްދަލުކުރާނީ ރޯމާ ބަލިކޮށް ސެމީން ޖާގަ ހޯދި ޔުވެންޓަސްއާ އެވެ. ސެމީގެ ފުރަތަމަ ލެގު އޮންނާނީ ސެންސީރޯގައި އަންނަ މަހުގެ 12 ވަނަ ދުވަހުގެރޭ އެވެ. އަނެއް ލެގު އޮންނާނީ ޓިއުރިންގައި މާޗު 4 ގަ އެވެ. މުބާރާތުގެ ސެމީގައި ނަޕޯލީއާ ވާދަކުރާނީ އިންޓަ އާއި ފިއޮރެންޓީނާ މިރޭ ކުޅޭ ސެމީ މެޗުން މޮޅުވާ ޓީމަކާ އެވެ.
ރޭގެ މެޗުގައި މިލާނުން، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީގެ ހަނދާންތައް އާކުރީ އޭނާ އަކީ އެ ކްލަބުގެ ސަޕޯޓަރަކަށް ވެސް ވުމާ އެކު އެވެ. ކޯބީގެ ބައްޕަ އިޓަލީގައި ބާސްކެޓްބޯޅަ ކުޅުނު ދުވަސްވަރު އޭނާ ކުޑައިރުގެ ދުވަސްތައް ހޭދަކުރީ އިޓަލީގަ އެވެ. އޭރުން ފެށިގެން އޭނާ އައީ މިލާނަށް ސަޕޯޓްކުރަމުންނެވެ. ކޯބީ ބާސްކެޓްބޯޅަ ކުޅޭ އެންބީއޭގެ ލޭކާސްގެ ޗޭންޖިން ރޫމުގައި މިލާނުގެ ޖާޒީއަކާއި ސްކާފެއް އަބަދުވެސް ގެންއުޅޭ ކަމަށް 2013 ވަނަ އަހަރު މިލާނުގެ ޓްރެއިނިން ސެންޓަރަށް ކުރި ޒިޔާރަތެއްގައި އޭނާ ވަނީ ބުނެފަ އެވެ. ކޯބީ އާއި އޭނާގެ ދަރިފުޅު ޖިއާނާ އަދި އިތުރު ހަތް މީހުން މަރުވި ހާދިސާގެ ހިތާމައިގައި މިލާނުން ރޭ ކުޅުނީ ކަޅު ބޭންޑް އަޅައިގެންނެވެ. އަދި މެޗުގެ ކުރިން ކޯބީގެ ހާއްސަ ވީޑިއޯއެއް ވެސް ދައްކާލި އެވެ.
ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި މިލާނުން ވަނީ ޖިއަކޯމޯ ބޮނަވެންޗޫރާގެ ގޯލުން ލީޑު ނަގައިފަ އެވެ. އެކަމަކު 34 ވަނަ މިނެޓާއި 71 ވަނަ މިނެޓުގައި ލަނޑު ޖަހައި ޓޮރިނޯގެ ގްލެއިސަން ބްރޭމާ ވަނީ އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ. އެގޮތުގައި ގޮސް ޓޮރިނޯ މޮޅުވާން ދަނިކޮށް މިލާން ސަލާމަތްކޮށްދިނީ އިތުރު ވަގުތުގެ ތެރޭގައި ހަކާން ޗަނައޮގްލޫ އެވެ. އެއާ އެކު ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި އޭނާ ލަނޑެއް ޖަހައި މިލާނަށް ދެ ވަނަ ފަހަރަށް ކުރި ހޯދައިދިނެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލް ޖެހީ ޒަލަޓާން އިބްރަހިމޮވިޗެވެ. އޭނާ ޖެނުއަރީ މަހު މިލާނާ ގުޅުނު ފަހުން އެ ޓީމު ކުޅުނު ހަ މެޗުން ވެސް ބައްްޔެއް ނުވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވަނީ މޮޅުވެފަ އެވެ.