ކޮލަމްބޯ (ނޮވެމްބަރު 16) - ސްރީ ލަންކާގެ އިގްތިސާދަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވެފައިވާ އިރު އެ ގައުމުގެ ފައިސާގެ އަގު އަނެއްކާ ވެސް ވަރަށް ބޮޑުތަން ދަށްވެއްޖެ އެވެ.
އެމެރިކާ ޑޮލަރަކަށް އިއްޔެ މާރުކޮށްފައި ވަނީ 178.10 ރުޕީސް އެވެ. ލަންކާ ރުޕީސްގެ އަގު މިހާ ބޮޑަށް ދަށަށް ގޮސްފައި ވަނީ ގައުމުގައި ސިޔާސީ ބޮޑު މައްސަލަ ގަނޑެއް އުފެދިފައިވާ ދުވަސްވަރެއްގަ އެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އާއި ރަނިލް ވިކްރަމަސިންހަގެ ތެރޭން ބޮޑު ވަޒީރަކީ ކާކު ކަމެއް ނޭނގެ އެވެ. ސަރުކާރުގެ ގިނަ މުއައްސަސާތައް ހުއްޓިފައިވާއިރު ޕާލަމެންޓުގެ ބައްދަލުވުމުގެ ތެރޭގައި ވެސް ވާދަވެރި ޕާޓީތަކުން ގެންދަނީ ހަމަނުޖެހުން ހިންގަމުންނެވެ.
ލަންކާގެ އިގްތިސާދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ. އިގްތިސާދީ ކުރިއެރުން މިދިޔަ އަހަރު ހުރީ 3.1 ޕަސެންޓުގަ އެވެ. މިއީ ވޭތުވެދިޔަ 16 އަހަރު ތެރޭ ނުދޭ ވަރުގެ ދަށްވުމެކެވެ. ލަންކާގެ ބެލެންސް ޝީޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ގައުމީ އެއާލައިން ސްރީ ލަންކަން އަށް ވަމުންދާ ގެއްލުމާއި ދަރަންޏެވެ. ސްރީ ލަންކަންގެ ދަރަނި މިހާރު ވަނީ ދެ ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ގައުމީ އެއާލައިން ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިހާތަނަށް އިންވެސްޓަރުންގެ މާބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެއް ނުވެ އެވެ.