ސްރީލަންކަން ރުޕީސްގެ އަގު ބޮޑުތަނުން ދަށަށް ވެއްޓިއްޖެ އެވެ.

ސްރީލަންކާގެ ފައިސާގެ އަގު މި އަހަރު ފެށުނީއްސުރެ އޮކްޓޫބަރު މަހުގެ ފަހު ހަފްތާއާ ހަމައަށް އެވްރެޖްކޮށް އުޅުނީ ޑޮލަރެއް 150 ރުޕީސްގަ އެވެ. އެހެން ނަމަވެސް މިދިޔަ ހުކުރު ދުވަހު ލަންކާ ރުޕީސްގެ އަގު ވަނީ 180 އަށް ވެއްޓިފަ އެވެ.

ލަންކާ ފައިސާގެ އަގު އިންތިހާ ދަށަށް ވެއްޓިފައިވާ އިރު އެ ގައުމުގެ ސިޔާސީ ހަލަބޮލިކަން ވަނީ އިތުރުވެފަ އެވެ. ސްރީލަންކާގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސް އިން ވަނީ ލަންކާގެ ރޭޓިން ޑައުންގްރޭޑްކޮށްފަ އެވެ. މިއީ މޫޑީސްއިން ލަންކާގެ ރޭޓިން ޑައުންގްރޭޑް ކުރި ފުރަތަމަ ފަހަރެވެ. މޫޑީސް އިން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން އެ ގައުމު ރޭޓް ކުރަމުންނެވެ.

މޫޑީސްގެ މި ނިންމުމާއެކު އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ސްރީލަންކާ އަށް ދިނުމަށް ހަމަޖެހިފައިވާ ލޯނާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވަނީ މަޑު ޖައްސާލައިފަ އެވެ. އޮކްޓޫބަރު މަހުގެ ފަހުކޮޅު ލަންކާގައި ފެށުނު ސިޔާސީ ހަމަނުޖެހުންތަކާއެކު އެ ގައުމުގެ ފައިސާގެ އަގު ވަނީ 3.8 ޕަސެންޓް ދަށަށް ވެއްޓިފަ އެވެ. މި އަހަރު އެ ގައުމުގެ ފައިސާގެ އަގު ވަނީ 17 ޕަސެންޓް ދަށަށް ގޮސްްފަ އެވެ.

ލަންކާ ރުފީސްގެ އަގު ވެއްޓިފައިވާ މި ދަނޑިވަޅަކީ ރާއްޖެއިން ޗުއްޓީ އަށް ގިނަ ބަޔަކު ލަންކާ އަށް ފުރާނެ ދުވަސްވަރެކެވެ. މި އަހަރުގެ ޖުލައި މަހު ދައުލަތުގެ މާލީ އިދާރާ އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2017 ވަނަ އަހަރު އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވަނީ ލަންކާއަށެވެ.

ލަންކާ ރުޕީސްގެ އަގު ދަށަށް ދިއުމުގެ ކުރިން އެއް ދިވެހި ރުފިޔާ އަށް 9 ރުޕީސް ލިބޭއިރު މިހާރު އެއަދަދު އުޅެނީ އެއް ރުފިޔާ އަށް 11 ލަންކާ ރުޕީސް އެވެ.