ދިވެހިރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް އިސްލާމީ އިންތަކާއި މިންތަކުގެ ތެރޭގައި ހުންނަންވާނެކަން ކަށަވަރުކުރެވޭނެ ހަރުދަނާ، ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ހެނދުނު އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ ދުވަހުގެ ހާދިސާ އިން ލިބިދޭ އެއް ފިލާވަޅަކީ ގައުމުގެ މިނިވަންކަމާއި އިސްލާމްދީނާ ގުޅިލާމެހިފައިވާ މިންވަރު ކަމަށެ.

"އިސްލާމްދީނަށް ބީރައްޓެހި ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިފައި،" ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން އެ ސަބަބަކަށްޓަކައި އިސްލާމްދީން ހިމާޔަތް ކުރެވޭނެ ނިޒާމެއް ގައުމުގައި ފުރިހަމައަށް ގާއިމުވެފައި އޮންނަންޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން."

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުތީމުގައި. -- ފޮޓޯ: ރައީސް އޮފީސް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުތީމުގައި. -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ ކަމަށާއި، އެހެންކަމުން ރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހުންނަންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި ކަން މިއީ ލިޔެކިޔުމުން ފެންނަން އޮތް ކަމެއް ކަމަށެވެ.

"ނަމަވެސް އުފެދޭ ސުވާލަކީ، މިކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް އެބައޮތްތޯ؟ އެފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރޭގައި އެބައޮތްތޯ؟ އެންމެ ފަސޭހަ، އެންމެ ސާދާ އަދި އެންމެ ކުރު ޖަވާބަކީ އަދި އެފަދަ ނިޒާމެއް ނެތްކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެންކަމުން އެމަނިކުފާނު ގަސްދުކުރައްވަނީ މިކަން މިހެން އޮތް އޮތުމަށް ނިމުމެއް ގެންނަވައި، ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ، ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރެއްވުމަށް ކަމަށެވެ.

"އެހެންވީމާ، އެފަދަ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ދުވަސް ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާއާކުރުމަށެވެ. ހިތްދަތިކަމުގައި އެތައް އަހަރަކު ރާއްޖެ ޕޯޗުގީޒުންގެ އަތްދަށުގައި އޮންނަން ޖެހުނީ އެންމެ މީހަކު މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އެ ހިސާބުން އެ މީހަކާއި ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫހާނީ ގުޅުން ކެނޑި، ވަތަނީ ލޯތްބާއި ކުލުނުގެ އަސާސް ރޫޅި ފުނޑުފުނޑުވީ ކަމަށެވެ.

"ދީން ދޫކޮށްލާ ހިސާބުން އެ ހިޔާނާތްތެރިވެވުނީ ހަމައެކަނި ދީނަކަށް ނޫން. އެ ހިޔާނާތްތެރިވެވުނީ ދިވެހި ގައުމަށް، ދިވެހިރާއްޖެއާއި ދިވެހި ދައުލަތަށް، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް، ދިވެހީންގެ އަބުރާއި އިއްޒަތަށް އަދި މުޅި ދިވެހި ތާރީހަށްވެސް މެ. ނަތީޖާ ކިހާ ނުރައްކާތެރިތޯ؟ ކޮންފަދަ ހިތާމަވެރިތޯ؟،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ރައީސް ވިދާޅުވީ އުތީމު މަހާރަދުން ޖިހާދުކުރެއްވީ ދީނަށްޓަކައި ކަމަށާއި، އުތީމު ފަސްގަނޑުގައި އެހެރަ ކަނދުވަލު މިސްކިތުގައި އުތީމު ތިންބޭން ހަނގުރާމައިގެ ދިދަ ނެންގެވީ މާތްވެގެންވާ އިސްލާމްދީނަށްޓަކައި ކަމަށެވެ.

"މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި ނަސްރު ލިބިވަޑައިގަންނަވަންދެން ޖިހާދުކުރެއްވުން، ނޫންނަމަ ޝަހީދުވެގެން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ﷲގެ ރަޙްމަތަށް ވާސިލުވުން (އެ ތަކުރުފާނުގެ މަގުސަދަކީ). އެހެންވީމާ، މިކަމުންވެސް ގައުމީ ދުވަހުގެ ހާދިސާ އާއި މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން ނިކަން ފުރިހަމައަށް އެބަފެނޭ،" ރައީސް ވިދާޅުވި އެވެ.