ދިވެހިރާއްޖޭގެ ސަގާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ގައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާއީ އަދި ގައުމީ ހަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ އަންނަންއޮތް ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ހަގީގަތެއް ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގްސަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ އިޖުތިމާއީ  ވެއްޓާއި އަމާންކަން ކަށަވަރުވެގެންދިޔައީ އިސްލާމީ ހިދާޔަތުގެ ސަބަބުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އިސްލާމްދީން އައުމުގެ ކުރިން ދިވެހި މުޖުތަމައުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާއީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ހަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ހަގީގަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންސާނީ ފުރާނައިގެ ހުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ އިސްލާމްދީނުގެ ސަބަބުންން ކަމަށެވެ. އަދި މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައު އާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުސީބާތެއްކަން ފާހަގަކުރައްވައި، އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ބުއްދީގެ އިސްލާހާ އެކު އުފެއްދުންތެރި، ހިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ދީނީ ކަންކަމަށް ހޭދަކުރުމަށާއި އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހާއްސަކޮށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ގައުމީ ވަގުފު ކުންފުންޏެއް އުފެއްދެވިކަން ރައީސް ވަނީ މި ރަސްމިއްޔާތުގައި އިއުލާނުކުރައްވައިފަ އެވެ.

މި ކުންފުންޏަކީ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތެއް ކަމަށާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި، ދީނީ ކަންކަމަށް ހޭދަކުރެވޭނެ މާލީ ވަސީލަތްތައް ފުޅާކުރުމުގެ އިތުރުން، ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި 2040 ގެ ނިޔަލަށް ރާއްޖެ ހިމެނުމަށް ކުރާ ތަރައްގީގެ މަސައްކަތުގައި މުހިންމު ދައުރެއް މި ކުންފުނިން އަދާކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ތާރީހަށް ނަޒަރު ހިންގަވަމުން ރައީސް ވިދާޅުވީ، ދިވެހީން ގައުމުގެ ދިފާއުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ ރޫހާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ. އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި މުޖުތަމައު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހީން ތިބުމުންނާއި، ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަންނަ ގޮންޖެހުންތަކުން ދުރުވެ، އީމާންތެރިކަމުގެ ރޫހު އާކުރުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލެއްވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްއޮތް 1 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ހާއްސަ ލޯގޯ އާއި ޝިއާރު ވެސް އިފްތިތާހްކޮށްދެއްވައިފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން، އައްރާޖިހީ ކުންފުނީގެ ސީއީއޯ ބަންދަރު އަބްދުﷲ އައްރާޖިހީ އާއި ބޭރު ގައުމުތަކުގެ ސަފީރުން އަދި ގިނަ އަދަދެއްގެ ޒުވާން ޚަތީބުންނާއި ގާރީން ބައިވެރިވެވަޑައިގަތެވެ.