ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ވެސް، ނަމާދު ވަގުތު ޖެހުމާ އެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ސްޕޯޓްސް މިނިސްޓްރީން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އިއްޔެ އަންގައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ކުޅިވަރުކުޅޭ ހުރިހާ ތަނެއްގައި، ނަމާދަށް ގޮވުމާ އެކު 20 މިނެޓް ވަންދެން ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލައި، އެކަން ތަންފީޒުކުރަމުން ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
"... އެހެންކަމުން ތިޔަ އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތައް އިސްވެ ދެންނެވުނު ފަދައިން ނަމާދުވަގުތަށް މެދުކަނޑާލައި މިކަން ތަންފީޒުކުރަމުން ގެންގޮސްދެއްވުމަށް ދަންނަވަމެވެ،" ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަަކަށް ފޮނުވި ސާކިއުލާގައި ބުންޏެވެ.
ސާކިއުލާގައި ބުނެފައިވަނީ ކްލަބްތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ކުޅިވަރު މައިދާންތަކުގައި ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ބަދަލު ގެނެސް، އެ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.
ކޮންމެ ހޯމަ ދުވަހެއްގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުޅިވަރު މައިދާނުގައި އުޅޭއިރު ނަމާދު ގަޑި ނިމޭ ވަގުތު ވެސް ކުޅެން ތިބުމަކީ ދިވެހިންގެ ޒަމާންވީ އާދައަކަށް ވެފައިވާ ކަމަށެވެ.
އެހެންވެ، ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާއިރު މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވެން ވާނީ އެ ހަގީގަތުގެ މައްޗަށް ކަމަށް ބިނާކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސަރުކާރުން އަޅާ ކުޅިވަރާ ގުޅޭ އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ތަންތަން ހެދުމަށް ނިންމައި މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށެވެ.
މިހާރު ވެސް ކޮންމެ ދުވަހަކު ގިނަ ބަޔަކު ކުޅިވަރު ކުޅުމަށް ގޮސް އުޅޭ މާފަންނު ސްޓޭޑިއަމާއި ކުޅިވަރު އެކުވެނީގައި ނަމާދު ކުރުމަށް ތަނެއް ނުހުރެ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ތަންތަނުގައި ނަމާދުކުރެވޭނެ ޒަމާނީ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އެވެ. އޭގެ ސަބަބުން ކުޅިވަރު ކުޅޭ ގަޑީގައި ނަމާދު ވަގުތު ނުގެއްލޭ ގޮތަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ބަދަލާ އެކު، ބަންގި ގޮވާ ގަޑީގައި ގާތްގަނޑަކަށް 20 މިނިޓަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ކަމަށެވެ.
"މިސާލަކަށް ކުޅިވަރު އެކުވެނީގައި ނުހުންނާނެ އެ ކަހަލަ [ނަމާދުކުރާނެ] ތަނެއް. ނޫނިއްޔާ މާފަންނު ސްޓޭޑިއަމްގައި ނުހުންނާނެ. އެހެންވީމާ އެ ތަންތަނުގައި ވެސް އެންމެ ޒަމާނީ ފެންވަރުގައި ކުޅިވަރު ކުޅެން އުޅެފައި ނަމާދު ގަޑި ގެއްލުނަ ނުދިނުމަށްޓަކައި ގޮސް ނަމާދު ކުރެވޭ ގޮތަށް ގާއިމުކުރުމަށް އަދި ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލެވޭ ގޮތަށް 20 މިނިޓު ވިޔަސް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަމާދު ވަގުތާ ދިމާކޮށް ކުޅިވަރު ކްލާސްތައް ޓްރެކް ސަރަހައްދާއި މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ދާތީ ދޭތެރެއަކުން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެ އެވެ.