އިސްލާމިކް އެފެއާޒްގެ ދާއިރާއިން އެެއްބާރުލުން ދިނުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އަކާއި ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި މެލޭޝިއާ އިން މިއަދު ސޮއިކޮށްފި އެވެ.
ދެ ގައުމުން މި އެމްއޯޔޫތަކުގައި ސޮއިކުރީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ.
ދީނީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެ އެމްއޯޔޫގައި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޖުހާރީ ބިން އަބްދުލް ޣަނީ އެވެ.
ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫގައި ވެސް މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޖުހާރީ އެވެ. އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެެއްވީ ޑިފެންސް މިނިސްޓަރު ހަަސަން ރަޝީދެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ އަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދު މާލެވަޑައިގަތުމުން އޭނާއަަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަންވަރަށް މަރުުަހަބާ ދެންނެވުމުގެ ގޮތުން ސިފައިން ހަތްބަޑީގެ ސަލާމަކާއި ގާޑް އޮފް އޮނާ އެއް ވެސް އެރުވި އެވެ.