ތަރައްގީގައި މެލޭޝިއާ ކުރިއަށް ދިޔަ މަގަކީ ރާއްޖެ ފަދަ ގައުމުތަކަށް މުހިއްމު ފިލާވަޅުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި އެ މަނިކުފާނަށް އެރުވި ރަސްމީ ޖާފަތުގައި ރައީސް މުއިއްޒު ވިދާޅުވީ މެލޭޝިއާ އިން ދައްކައިދިނީ ގައުމުގެ އަމިއްލަވަންތަަކަން ދަމަހައްޓައިގެން ވެސް ޒަމާނީ ތަރަައްގީ ގެނެވިދާނެ ކަން ކަމަށެވެ. ރައްޔިތުންނަށް އިންވެސްޓް ކުރަމުން އިގުތިސާދު ފުޅާކުރެވިދާނެކަން އެ ގައުމުން ދައްކައިދީފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
" މެލޭޝިއާގެ ދަތުރަކީ [އެ ގައުމު ތަރައްގީވީ ގޮތަކީ] ރާއްޖެ ފަދަ ގައުމުތަކަށް މުހިއްމު ފިލާވަޅުތަކެއް. މެލޭޝިއާ އިން ދައްކައިދިނީ އަމިއްލަވަންތަކަން ދަމަހައްޓައިގެން ވެސް ގައުމެއް ޒަމާނީ ކުރެވިދާނެކަން. އެ ގައުމެއްގެ ރައެްޔިތުންނަށް އިންވެސްޓް ކުރަމުން ވެސް އިގުތިސާދު ފުޅާކުރެވިދާނެކަން. އެ ގައުމެއްގެ އަގުތައް ދަމަހައްޓައިގެން ވެސް ޓެކްނޮލޮޖީ އާއި އާ އީޖާދުތައް ބަލައިގަނެވިދާނެކަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ މުޅިން ބަދަލުކޮށްލަން [ޓްރާންސްފޯމޭޝަން އަށް] ކުރާ ދަތުރުގައި ރައްޔިތުންނަށް ބޮޑެތި ފުރުސަތުތައް ފަހިކޮށްދޭން އަޒުމް ކަނޑައަޅާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ތައުލީމާއި ހުނަރު ކުރިއަރުވަން ރާއްޖެ އިން އިންވެސްޓްކުރަމުން އަންނަ ކަމަށާއި އާ ޓެކްނޮލޮޖީ އާއި ޑިޖިޓަލައިޒޭޝަން ބަލައިގަންނަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މުސްތަގުބަލަށް ނަޒަރު ހިންގާއިރު އަޅުގަނޑުމެނަށް މެލޭޝިއާ ފެންނަނީ އެ ގައުމެއްގެ ފަރާތުން ކަންތައްތައް ދަސްކޮށް، އެކުގައި މަސައްކަތް ކޮށްގެން ކުރިއަށް ދެވޭނެ ބައިވެރިއެއްގެ ގޮތުގައި،" ރަައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް އެތައް ދަހަރެއް ބައްޓަން ކުރެވޭ ފަދަ ދާއިރާތަކަށް ދެގައުމުގެ އެއްބާރުލުން ފުޅާކުރެވިދާނެ ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސާއި ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ސައިބަ ސެކިއުރިޓީއަކީ އެފަދަ ދާއިރާތައް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ސިއްހަތާއި ތަރައްގީ އާއި ޓޫރިޒަމާއި ވިޔަފާރި އާއި އިންވެސްޓްމެންޓާއި ނޫ އިގުތިސާދުގެ ދާއިރާ އަކީ ވެސް މެލޭޝިއާއާ އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކުގެ ގޮތުގައި ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
"މި ބައިވެރިވުމުގެ އެންމެ އެތެރޭގައި ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ޒުވާނުން އުޅޭތަން އަޅުގަނޑު ދެކޭ ހިތްވޭ،" ރައީސް ވިދާޅުވި އެވެ.
ތައުލީމާއި މާލީ ދާއިރާއާއި އެހެން ގިނަ ދާއިރާތަކަކުން މެލޭޝިއާއިން ރާއްޖެއަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި ދިވެހިރައްޔިތުންގެ ނަމުގައި އެމަނިކުފާނު މެލޭޝިއާއަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.
މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާލިބުން ދަތިވާ މައްސަލަައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވެފައި ވާތީ އެކަމަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި އަންވަރު ވިދާޅުވި ގޮތުގައި މެލޭޝިއާގެ ކިބައިން ގިނަ ކަންތައްތަކެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ ސަމާލުކަމަށް ގެންނެވި އެވެ.
އޭގެ އެއް ކަމަކީ މެލޭޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނިގަރާ މެލޭޝިއާ (އެމްއެންބީ) ގައި ރާއްޖޭގެ ސެންޓްރަލް ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެކެވެ. އަންވަރު ވިދާޅުވީ އެ ފެސިލިޓީ ހަމަޖައްސައިދޭން އެއްބަސްވެވަޑައިގެންފައިވާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދެ ބޭންކުން ވީ އެންމެ އަވަހަކަށް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްއެންބީން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަޖައްސައިދެނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ.
މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރުންނާ އެކު އެ ގައުމުގައި ތިބެން ވިސާ ނުލިބޭ މައްސަލާގައި އޭނާ ވިދާޅުވީ އެއީ ބިއުރޮކްރެޓިކް މައްސަލައެއް ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ ކެބިނެޓް ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.