ރާއްޖޭން އެދިފައިވާ ގޮތަށް މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދޭނެ ކަމަށާއި ރާއްޖެއިން އެދުނު އެހެން ގިނަ އެހެން ކަންތައްތަކަށް މެލޭޝިއާ ސަރުކާރުން އިޖާބާދޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއާ އެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި އަންވަރު ވިދާޅުވި ގޮތުގައި މެލޭޝިއާގެ ކިބައިން ގިނަ ކަންތައްތަކެއް، ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާގެ ސަމާލުކަމަށް ގެންނެވި އެވެ.

އޭގެ އެއް ކަމަކީ މެލޭޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނިގަރާ މެލޭޝިއާ (އެމްއެންބީ) ގައި ރާއްޖޭގެ ސެންޓްރަލް ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެކެވެ. އަންވަރު ވިދާޅުވީ އެ ފެސިލިޓީ ހަމަޖައްސައިދޭން އެއްބަސްވެވަޑައިގެންފައިވާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދެ ބޭންކުން ވީ އެންމެ އަވަހަކަށް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްއެންބީން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަޖައްސައިދެނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ.

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރުންނާ އެކު އެ ގައުމުގައި ތިބެން ވިސާ ނުލިބޭ މައްސަލާގައި އޭނާ ވިދާޅުވީ އެއީ ބިއުރޮކްރެޓިކް މައްސަލައެއް ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ ކެބިނެޓް ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. 

"އެއީ އަޅުގަނޑު ނުދެކެން މިއީ ސިޔާސަތުގެ މައްސަލައެއް ކަމަކަށް. އެހެނީ މެލޭޝިއާގައި ދިވެހިން ދިރިއުޅުމާއި، މަސައްކަތްކުރުމާ ދޭތެރޭ ނޫނީ މެލޭޝިއާގައި ކިޔެވުމާ ދޭތެރޭގައި ވެސް އަޅުގަނޑުމެންގެ މައްސަލައެއް ނެތް،" އަންވަރު ވިދާޅުވި އެވެ.

މެލޭޝިއާއިން ސިއްހީ ފަރުވާ ހޯދާ ދިވެހިންނަށް ކުރިމަތިވާ ބައެއް ދަތިތަކުގެ މައްސަލަ ވެސް ހަމަ އެގޮތަށް ހައްލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއިން ތެޔޮ ފެނޭތޯ ބަލަން ޕެޓްރޮނާސްއާ ވާހަކަދައްކާނަން"

ރާއްޖެއިން ތެޔޮ ފެނޭތޯ މަސައްކަތްކުރަން މެލޭޝިއާގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޮނާސްގެ އެހީތެރިކަން ހޯއްދަވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ޖަވާބުދެއްވަމުން އަންވަރު ވިދާޅުވީ އެ ކުންފުންޏާ އެކަމާ މަޝްވަރާކުރައްވާނެ ކަަމަށެވެ.

ޕެޓްރޮނާސް އިން މިހާރު މަސައްކަތްކުރަމުން އަންނަ ގިނަ ގައުމުތަކެއްގެ ނަންތައް ވިދާޅވުމަށް ފަހު އޭނާ ވިދާޅުވީ ކައިރީގައިވާ ރާއްޖެއަށް އައުމަކީ އެ ކުންފުންޏަށް މާބޮޑު ކަމަކަށް ވާނެ ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއަށް މާލެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއަށް މާލެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި ޕެޓްރޮނާސް އިން މިހާރު އަންނަނީ ކެނެޑާ އާއި ބްރެޒިލް އާއި ޕެރޫ އާއި ތުރުކުމެނިސްތާނާއި ސޫދާނާއި ސޫރިނާމުގައި ވެސް މަސައްކަތްކުރަމުންނެވެ.

"އެހެންވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ ކައިރިއަށް، ދިވެހިރާއްޖެއަށް އަަންނަން އެ މީހުންނަށް [ޕެޓްރޮނާސްގެ މާހިރުންނަށް] މާ ބޮޑު މައްސަލައަކަށް ވާނެ ކަަމަކަށް. ތެޔޮ ނުހޯދުނަސް އެންމެ ކުޑަމިނުން ދުވަސްކޮޅަކަށް އަރާމުކޮށްލެވޭނެ އެ މީހުންނަށް،" ސަމާސާ ރާގުގައި އަންވަރު ވިދާޅުވި އެވެ.

މެލޭޝި އާއި ރާއްޖެއިން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުގެ ޖޮއިންޓްކޮމިޝަންގެ ބައްދަލުވުމެއް މި އަހަރު ނިމުމުގެ ކުރިން ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ވެސް ގިނަ ކަންތައްތަކާ މެދު މަޝްވަރާކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.