މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންނަ ހަފުތާގައި ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ބޮޑުވަޒީރު އަންވަރު ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އަރުވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށާއި މިއީ މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ނޮވެމްބަރު 2022 ގައި އަންވަރު ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު ރައީސް މުއިއްޒާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އާ ދޮރުތައް ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބުންޏެވެ.
"މީގެ އިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ނަމަވެސް، އެ އެއްބަސްވުންތަކުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުން އަދި ނުދެ އެވެ.
ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅުގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އެ މަނިކުފާނުގެ އަރިހަށް ވަކިވަކިން އިހުތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1968 ގަ އެވެ.
އެނގިފައިވާ ގޮތުގައި ބޮޑުވަޒީރު އަންވަރު ރާއްޖެއަށް ވަޑައިގަންނަވާނީ ބްރެޒިލް އާއި އިންޑިއާ އާއި ޗައިނާ އަދި ރަޝިއާ އިސްނަގައިގެން އުފައްދާފައިވާ އިގުތިސާދީ ޖަމިއްޔާ، "ބްރިކްސް"ގެ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހުގަ އެވެ.
އަންވަރުގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރަކު ނުވަ އަހަރު ފަހުން ރާއްޖެއަށް ކުރައްވާނެ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ރާއްޖެ ވަޑައިގަތީ މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބް ރަޒާގެވެ.