މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި އަންވަރު އިބްރާހިމް ރާއްޖެ އަށް ވަޑައިގަންނަވާނީ އަންނަ ހަފުތާގަ އެވެ. އަންވަރު އިބްރާހިމް ރާއްޖެ އަށް ވަޑައިގަންނަވާނީ ބްރެޒިލް އާއި އިންޑިއާ އާއި ޗައިނާ އަދި ރަޝިއާ އިސްނަގައިގެން އުފައްދާފައިވާ އިގުތިސާދީ ޖަމިއްޔާ، "ބްރިކްސް"ގެ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެވެ.

އަންވަރު އިބްރާހިމްގެ ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރަކު ނުވަ އަހަރު ފަހުން ރާއްޖެ ކުރައްވާނެ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ރާއްޖެ ވަޑައިގަތީ މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބް ރަޒާގެވެ. 

ޒަމާނުއްސުރެ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އަދި މަތީ ތައުލީމް ފަދަ ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ފަސް ދާއިރާއަކުން އެއްބަސްވުންތަކެއްގައި ސޮއިކުރި އެވެ. އެ ފަހަރު ސޮއިކުރީ ސިއްހީ ދާއިރާއާ ގުޅޭ އެއްބަސްވުމަކާއި ޓޫރިޒަމް ދާއިރާއާ ގުޅޭ އެއްބަސްވުމަކާއި ޑިޕްލޮމެޓުން ތަމްރީނު ކުރުމުގެ އެއްބަސްވުމަކާއި ބައިލެޓްރަލް ކޮންސަލްޓޭޝަނާ ގުޅޭ އެއްބަސްވުމެއްގަ އެވެ.

އެ ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމާ އެކު ރައީސް މުއިއްޒު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭަޓްމެންޓްގައި ރައީސް ވިދާޅުވީ ދެގައުމުގެ ދެމެދު ސޮއިކުރި އެމްއޯޔޫތަކަކީ ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅާ ބިންގަލެއް ކަމަށެވެ. މުސްތަގުބަލުގައި ވެސް އިތުރު އެހެން ދާއިރާތަކުން މެލޭޝިއާއާ އެކު ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.