ދިރިއުޅުމުގެ ހަޔާތުގައި ބާއްޖަވެރިކަމާއި އުފަލާއި ހިތްހަމަ ޖެހުމަކީ ކޮންމެ އިންސާނަކު ވެސް ބޭނުންވާ ކަމެކެވެ. ނަމަވެސް ވަޒަން ހަމަ ޝާމިލު ގޮތެއްގައި މި ބޭނުން ފުއްދާނެ ގޮތެއް ވަރަށް ގިނަބަޔަކަށް ނޭނގެ އެވެ.

އެހެންވެ އިންސާނާގެ މާއްދީ ބޭނުންތަކާއި އެދުންތައް އެކަނި ފުދުމުން ނުވަތަ ދުނިޔަވީ ބޭނުންތައް އެކަނި ހާސިލުވުމުން އެއީ ފުރިހަމަ ބާއްޖަވެރިކަން ކަމަށް ބައެއް މީހުން ބަލަ އެވެ. ނަމަވެސް ކައުނުގައިވާ ހަގީގަތްތަކަށް ބަލައިލުމުން އެނގެނީ އިންސާނާގެ ބޭނުންތަކުގައި ރޫހާނީ އަދި ނަފުސާނީ ބޭނުންތަކެއްވެސް ވާކަމެވެ. އަދި ދިރިއުޅުމުގެ ހަޔާތަކީ އެ ހަޔާތުގެ ބޭއިންސާފުތަކާ އެކުގައި މުޅިން ނިމިގެންދާ ހަޔާތަކަށް ވެސް ވެގެން ނުވާނެކަން ވެސް އެނގެ އެވެ. އިންސާފު ލިބޭނެ ގޮތެއް އޮންނަން ޖެހޭނެ އެވެ.

އެހެންކަމުން ހަގީގީ ބާއްޖަވެރިކަމާއި އުފަލާއި ހިތްހަމަޖެހުމަކީ މި ދުނިޔަވީ ހަޔާތާ ހަމައިން ނިމޭނެ ކަމެއް ނޫނެވެ. އަނިޔާވެރިންނަށް ހައްގު އަދަބު ލިބި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބެން އޮތް ހަޔާތުން ބާއްޖަވެރިކަމާއި އުފަލާއި ހިތްހަމަޖެހުން ލިބުން މާ މުހިންމެވެ. މިކަން އިންސާނާ އަށް ހާސިލު ކުރެވޭނީ އެންމެ ފުރިހަމަ ހިދާޔަތު ކަމުގައިވާ އިސްލާމްދީނުގެ ހިދާޔަތުން އަލިކަން ލިބިގެންނެވެ.  

އަޅުގަނޑުމެން ދިވެހިން މީގެ ނުވަސަތޭކަ އަހަރުގެ ކުރިން އަނދިރި ކަމެއްގެ ތެރޭގައި ތިއްބަސް އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް މި އައީ މި އަލިކަމުގެ ތެރޭގަ އެވެ. އީމާންކަމުގެ ނޫރުން އަޅުގަނޑުމެންނަށް މަގުދައްކަވައި، އިސްލާމްދީނުގެ ހިދާޔަތް ދެއްވި ކަމަށްޓަކައި މާތް ﷲ އަށް ފަށްފަށުން ޙަމްދު ކުރަމެވެ. 

އިސްލާމްދީނަކީ އިންސާނާގެ ރޫހާއި ޖިސްމުގެ ބޭނުންތައް ވަޒަންހަމަކޮށް ޝާމިލުކޮށް ދަމަހައްޓައިދޭ ފުރިހަމަ ދީނެކެވެ. އަލްމާއިދާ ސޫރަތުގެ ތިން ވަނަ އާޔަތުން އެނގޭ ގޮތުގައި އިސްލާމް ދީނަކީ ފުރިހަމަ ކޮށްދެވިފައިވާ އަދި ﷲގެ ހަޒުރަތުގައި ހަމައެކަނި ބަލައިގަނެވޭ އެކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ދީނެވެ. އެ ދީނުގެ ހުކުމްތައް އެންމެ ފުރަތަމަ ނަބިއްޔާއާ ހަމައިން ފެށިގެން އެންމެ ފަހުގެ ނަބިއްޔާ އާ ހިސާބަށް ވަނީ ފުރިހަމަ ކުރެވިފަ އެވެ. 

އިސްލާމްދީނުގެ ފުރިހަމަކަމާއި ޝާމިލުކަން

އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް އޭގައި ޝާމިލުވެފައިވާ ފުރިހަމަ ދީނެކެވެ. އެންމެ ފުރަތަމަ ކަމަކީ ފުރިހަމަ ސާފު އަގީދާއެއް އެ ދީނުގައި އޮތުމެވެ. މި އަގީދާގެ އަސާސަކީ ތައުޙީދެވެ. ތައުޙީދަކީ އެއްކައުވަންތަ ﷲ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވާ ކަމަށް ގަބޫލުކުރާ އަގީދާ އެވެ. އެއްކައުވަންތަ ކަލާނގެ އަށް އީމާންވުމަކީ ބާތިލު ހުރިހާ އަގީދާތަކުން އިންސާނާ ސަލާމަތް ކޮށްދޭ ކަމެކެވެ. މި އަގީދާގައި އެއްވެސް އަތަކަށް ހައްދުފަހަނައެޅުމެއް ނުވެ އެވެ. ކަލަކު ވޮޑިގެން ނުވާ ކަމަށް ގަބޫލުކުރުމާއި ﷲއާ އެހެންފަރާތްތައް ޝަރީކު ކުރުމުން އިންސާނާ މިންޖު ކޮށްދެ އެވެ. 

ދެވަނަ ކަމަކީ ފުރިހަމަ އަހުލާގީ ނިޒާމެއް އިސްލާމްދީނުގައި އޮތުމެވެ. ރިވެތި އަހުލާގަކީ ދިރިއުޅުމުގެ ހަޔާތް ބާއްޖަވެރިކޮށް، އުފާ ކުރުމަށްޓަކައި ހަމަ ކޮންމެހެން ލާޒިމު ކަމެކެވެ.

 ތިންވަނަ ކަމަކީ އިސްލާމް ދީނުގައި ފުރިހަމަ ޝަރީއަތެއް އޮތުމެވެ. އިސްލާމީ ޝަރީއަތާއި އަހުލާގާއި އަގީދާގެ ނިޒާމުތައް ގުޅިގެން އަޅުކަންތަކަށް އިންސާނާ އާދަކުރުވަ އެވެ. މުއާމަލާތްތަކުގައި އަދުލުވެރިކަމާއި އިހުސާންތެރިކަމާއި އެ ނޫން ވެސް ރިވެތި ސިފަތައް ދަމަހައްޓައިދެ އެވެ. 

ހަތަރުވަނަ ކަމަކީ ގިޔާމަތާ ޖެހެންދެން ވެސް އެއަށް ބަދަލެއް ނާންނާނެ ސާބިތު މުހިންމު އަސާސްތަކެއް އޮތުމާ އެކު ޒަމާނާއި ތަނާއި ހާލަތާއި މީހުން ތަފާތުވުމުން އެ އިން ކޮންމެ ތަފާތަކަށް ވެސް އިންސާފުވެރި ފުރުސަތެއް ލިބޭނެ ފަދަ ފަހެލިކަން އިސްލާމް ދީނުގައި އޮތުމެވެ. މިފަދަ ފަހެލި ކަމެއް ނެތް ނަމަ އިސްލާމްދީނަކީ ކުޑަ ދުވަސްކޮޅެއްގެ ވަގުތީ އެއްޗަކަށް ވީހެވެ. ނަމަވެސް ބަދަލު ނުވާ ސާބިތު އަސާސްތަކުގެ އަލީގައި އިލްމުވެރިން އިޖުތިހާދު ކޮށް ކޮންމެ ޒަމާނަކަށް ވެސް ފެތޭ ގޮތަށް ފަތުވާތައް ނެރުމުގެ ޖާގަ އިސްލާމްދީނުގައި އޮވެ އެވެ. 

ހިދާޔަތުގެ ނިއުމަތާއި އޭގެ ހެޔޮ އަސަރު

އިސްލާމްދީނުގެ ހިދާޔަތަކީ އިންސާނާ އަށް ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. ދިވެހިރާއްޖެ ފަދަ ގައުމެއްގައި ނުވަ ގަރުނު ވަންދެން އިސްލާމްދީން ދެމިއޮތުމަކީ މި ހިދާޔަތުގެ މަތިވެރިކަމާއި ބާރުގަދަކަން އަންގައިދޭ ކަމެކެވެ. ހަމައެއާ އެކު، މި ދިވެހި މުޖުތަމައަށް އޭގެ ހެޔޮ އަސަރު ވަރަށް ބޮޑަށް ފޯރާފައިވާ ކަމެކެވެ. މިގޮތުން އެއްކަމަކީ އެއްވެސް މަޖުބޫރު ކުރުވުމެއް ނެތި ހިތުން ރުހުމުން މި ނިއުމަތް ދިވެހިން ގަބޫލު ކުރުމެވެ. މިއާ އެކުގައި ދިވެހިންގެ ހިތްތަކަށް ހަމަޖެހުމާއި އަމާންކަން ލިބިގެން ދިޔުމެވެ. 

ދެވަނަ ކަމަކީ ދިވެހިންގެ ވަކި ހާއްސަ އައިޑެންޓިޓީއެއް ގާއިމުވެގެން ދިއުމެވެ. މި އައިޑެންޓިޓީގެ ސަބަބުން ދިވެހިންގެ މެދުގައި އިސްލާމީވަހުދަތާއި އުހުއްވަތްތެރިކަން އުފެދިގެން ދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައު އެއްބައިވަންތަކޮށްދީ، ރިވެތި އަހުލާގާއި އިޖުތިމާއީ މަތިވެރި ގިޔަމުތައް ދެމެހެއްޓިގެން ދިޔަ އެވެ. ދިވެހިންގެ ތެރޭގައި އެކަކު އަނެކަކަށް އެހީތެރިވުމާއި އޯގާތެރިވުމާއި އަޅާލުން ފަދަ ގިޔަމުތައް ދެމެހެއްޓުން ވެގެން ދިޔައީ މުޅި މުޖުތަމައު އެއްބައިވަންތަ ކުރުވި ވަރުގަދަ ބާރަކަށެވެ. އިސްލާމީ ހިދާޔަތުގެ ހެޔޮ އަސަރު ފެނިގެންދާ އަނެއް ގޮތަކީ ދިރިއުޅުމުގެ ހަޔާތުގެ އަމާޒު ވަރަށް ސާފުކޮށް ބަޔާންވެގެން ދިއުމެވެ. ހަމައެކަނި ދުނިޔަވީ މާއްދީ މަންފާ އަށް ވިސްނައިގެން އާހިރަތް އަބާއްޖަވެރި ވާނޭ ފަދަ ދިރިއުޅުމެއްގެ ބަދަލުގައި ދެދުނިޔޭގެ ކާމިޔާބު ހޯދޭނެ މަގެއް ފެނިގެން ދިއުމެވެ. މިގޮތުން އިންސާނަކަށް ހަގީގީ ބާއްޖަވެރިކަން ލިބޭނެ އަމާޒެއް ކަނޑައެޅި ހިތްތަކުގައި ބިންވަޅު ނެގިގެން ދިޔަ އެވެ. މި އަމާޒަކީ ﷲ އަށް އަޅުވެތިވާ ސާލިހު ޚަލީފާއެއްގެ ގޮތުގައި ދުނިޔޭގައި ދިރިއުޅުމުގެ އަމާޒެވެ. މިއީ ﷲ އަށް އަޅުވެތިވުމާއި ﷲގެ އަމުރުތަކަށް ކިޔަމަންވުމާއި ދިރިއުޅުމުގައި ކޮންމެ އިންސާނަކު ވެސް ކޮންމެވެސް މުހިންމު ދައުރެއް އަދާކުރަންޖެހޭކަން އަންގައިދޭ އަމާޒެކެވެ. 

ނިއުމަތަށް ޝުކުރުވެރިވުމާއި އަމާނާތް ރައްކާތެރިކުރުން

އިސްލާމީ ހިދާޔަތުގެ މަތިވެރި ނިއުމަތް ގިނަ ދުވަސްވަންދެން ދެމިއޮތުމުން މިކަމަށްޓަކައި ހަމްދު ކުރަން ޖެހެ އެވެ، އަދި އަމަލީ ގޮތުން ޝުކުރުވެރިވުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެ އެވެ. އަމަލީ ގޮތުން ޝުކުރުވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މި ދީނުގެ މަތީ ސާބިތުވެ ތިބުމެވެ. ޒަމާނީ ގޮންޖެހުންތަކާއި އޮއިވަރުތަކުގެ ކުރިމަތީގައި އިސްލާމީ އުސޫލުތައް ގުރުބާން ނުކޮށް އޭގައި ވަރުގަދަ އަށް ހިފެހެއްޓުމެވެ.

ދެވަނަ ކަމަކީ އަންނަން އޮތް ޖީލުތަކަށް މި މަތިވެރި އަމާނާތް ފޯރުކޮށްދިނުމެވެ. މިގޮތުން އިސްލާމީ ސައްހަ އަގީދާ އާއި ޝަރީއާ އާއި އަހުލާގީ މިންގަނޑުތަކުގެ މަތީގައި ދަރިން ތަރުބިޔަތު ކުރަން ޖެހެ އެވެ. އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭނެ އިސްލާމީ އިލްމުތައް ފަތުރަން ޖެހެ އެވެ. އިސްލާމީ ވަންތަކަން ދަރިންގެ ހިތްތަކުގައި އަށަގަންނަވަން ޖެހެ އެވެ.

ތިންވަނަ ކަމަކީ އިސްލާމީ ރިވެތި ނަމޫނާތައް އަބަދުވެސް ފެންނަމުން ދިއުމާ އެކު ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމެވެ. އުންމަތެއް ހެޔޮ އުންމަތަކަށް ވާނީ އެ ތަނުގައި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރެވޭ ނަމަ އެވެ. ތެދުވެރިކަމާއި އަދުލުވެރިކަމާއި އިހުސާންތެރިކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި އަހުލާގު މުސްލިމުންގެ ކިބައިން އަބަދުވެސް ފެނިގެންނެވެ. 

އިސްލާމީ ހިދާޔަތުގެ އަލިކަމުގައި ނުވަ ގަރުނުވީ ހިނދު ކީރިތި ރަސޫލާ ﷺ މީސްތަކުންނަށް ދޫކުރެއްވި ތަރިކަ ކަމުގައިވާ މަގުފުރެދުމެއް ނުވާ ސާފު ސީދާ މަގުގައި އަބަދަށް ދެމިތިބުމުގެ އަޒުމް އެންމެހާ ދިވެހިން ވަރުގަދަ ކުރަންޖެ ހެވެ. މި ނިއުމަތަށް ޝުކުރުވެރިވުމުގެ ތައުފީގު ދެއްވުމަށް އެދި ދަންނަވަން ޖެހެ އެވެ. މި ފުރިހަމަ ދީނުގައި ސާބިތު ކޮށްދެއްވުމަށް އެދި ދުއާކުރަން ޖެހެ އެވެ. ހަމައެއާ އެކު، އަންނަން އޮތް ޖީލުތަކަށް މި އަމާނާތް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވަން އެދެން ޖެހެ އެވެ. މި އަޒުމްތަކަށް ވާސިލުވެވޭނީ ގަދައަޅައި މަސައްކަތް ކޮށްގެންނެވެ.