ބޯކޮށާ ތަނަކަށް ގޮސް ބޯ ދޮވި މީހަކަށް ސްޓްރޯކެއް ޖެހިއްޖެ އެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި އޭނާ އަށް ސްޓްރޯކް ޖެހުނީ ބޯ ދޮންނަންވެގެން އިދިފުށަށް އޮތް ގޮތަކުން ނާރުތަކުގައި ލޭ ގަނޑުގަތުމުގެ ސަބަބުންނެވެ.
ޑޭވް ޓެއިލާ އަކީ 45 އަހަރުގެ ސައުންޑް އިންޖިނިއަރެކެވެ. ސެލޫނަށް ދިޔަތާ ދެ ވަނަ އަށް ވީ ދުވަހު ވިޔަފާރި ބައްދަލުވުމެއްގައި ހުއްޓާ އޭނާގެ ބޮލަށް ތަދުވާން ފެށި އެވެ. އަދި މުޅި ހަށިގަނޑު އައްސިވާކަމުގެ އިހްސާސް ވާން ފެށި އެވެ. އަދި ކުއްލިއަކަށް ބިންމައްޗަށް ވެއްޓުނެވެ.
ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ޑޮކްޓަރުން ބުނީ ޓައިލާ އަށް ޖެހުނީ "ބިއުޓީ ޕާލާ ސިންޑްރޯމް" ކަމަށެވެ. މިއީ މަދުން ނަމަވެސް ފުރާނައަށް ނުރައްކާވެދާނެ ފަދަ އަނިޔާއެކެވެ. މިހެން ދިމާވަނީ ކަރުގައިވާ އެންމެ މުހިއްމު އެއް ނާރު ދެމެން ނުވާ ވަރަށް ބޮޑަށް ދެމި އެއަށް ގެއްލުން ވުމުންނެވެ. ނަތީޖާއަކަށް ވަނީ އެ ލޭ ނާރުން ރަނގަޅަށް ލޭ ދައުރުވުން ހުއްޓުމެވެ. ނުވަތަ ލޭ ގަނޑުގަންނަނީ އެވެ. މިކަމުގެ ސަބަބުން ސިކުނޑިއަށް ލޭ ފޯރުކޮށްދޭ މިންވަރު ދަށްވެ އެވެ.
ދެ އަންހެން ކުދިންގެ ބައްޕަ ޓެއިލާ މިދިއަ އާދިއްތަ ދުވަހު ބުނީ އެ މައްސަލަ ދިމާވެގެން ތިން މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނު ކަމަށެވެ.
އޭނާ ބުނި ގޮތުގައި އަދިވެސް ތަދުވެ އެވެ. ހިނގެނީ ދަނޑިގަނޑު ބޭނުންކޮށްގެންނެވެ. ސްޓްރޯކް ޖެހުމުގެ ސަބަބުން ލޮލުގެ ފެނުމަށް ލިބުނު ގެއްލުމާ އެކު ކާރު ވެސް ނުދުއްވެ އެވެ.
ސްޓްރޯކް ޖެހިގެން ވެއްޓުނު ވަގުތު ގައިގެ އެއް ފަޅި އެއްކޮށް އައްސިވީ ކަމަށާއި އެމްބިއުލެންސަށް އެރުވިއިރު ލޮލުގެ ކަޅި ވެސް އެނބުރި އެނބުރި ހުރި ކަމަށް އޭނާ ކިޔައިދިނެވެ.
ޓައިލާ އަށް ފަރުވާ ދިން ލަންޑަންގެ ނެޝެނަލް ހޮސްޕިޓަލް ފޯ ނިއުރޮލޮޖީ އެންޑް ނިއުރޯސާޖަރީ އަށް އޭނާ ގެންދިއުމާ އެކު ޑޮކްޓަރުން ފުރަތަމަ ވެސް ކުރި ސުވާލަކީ މީން ދުވަހަކު ބޯ ކޮށިންތޯ އެވެ.
ދަ ސްޓްރޯކް އެސޯސިއޭޝަނުން ބުނަނީ އެ މައްސަލަ ދިމާވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް ބީބީސީން ބުނެފައިވާ ގޮތުގައި "ބިއުޓީ ޕާލާ ސިންޑްރޯމް" ޖެހިގެން ކޮންމެ އަހަރަކު އެތައް ބަޔަކަށް ފަރުވާދެ އެވެ.
އެލިޒަބަތު ސްމިތު ކިޔާ ކެލިފޯނިއާގެ 48 އަހަރުގެ އަންހެނަކަށް ވެސް އެ ފަދަ ހާދިސައެއް 2013 ގަައި ދިމާވި އެވެ. ސެލޫންއަކަށް ބޯކޮށަން ގޮސް އިސްތަށިގަނޑު ދޮންނަން 10 ވަރަކަށް މިނިޓް ވަންދެން އިދިފުށަށް އޮށޯވެ އޮތުމުގެ ސަބަބުން ވަރަށް ނުރައްކާތެރި ސްޓްރޯކެއް ޖެހުނެވެ.
ހަމަ އެކަހަލަ ހާދިސާއެއް 42 އަހަރުގެ އަންހެނަކަށް 1997 ގައި ދިމާވި އެވެ. ދުނިޔޭގެ މަޝްހޫރު ސައިންސް މަޖައްލާއެއް ކަމަށްވާ 'ދަ ލާންސެޓް"ގައި ޖެހި ރިޕޯޓެއްގައި ވާ ގޮތުން އެމީހާ އަށް ވެސް ސްޓްރޯކް ޖެހުނީ ސެލޫނަކުން ބޯ ދޮވުމުންނެވެ.
"ބިއުޓީ ޕާލާ ސިންޑްރޯމް" އަކީ 1993 ގައި އެމެރިކާގެ ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. މައިކަލް ވެއިންޓްރައުބު ދިން ނަމެކެވެ.
ޑރ. ވެއިންޓްރައުބު ވަނީ އެކަމާ ގުޅޭ ސާވޭއެއް ހަދައި އޭގެ ރިޕޯޓު ޝާއިއުކޮށްފަ އެވެ. މި ސާވޭގައި އެކަހަލަ ވަކިވަކި ފަސް ހާދިސާއެއްގެ މައުލޫމާތު ހިމެނި އެވެ. އެ ރިޕޯޓްގައި ކިޔައިދިނީ އުމުރުން 54 އަހަރާއި 84 އަހަރާ ދެމެދުގެ އަންހެނުންގެ ބަޔަކަށް ދިމާވި ކަންތައްތަކެވެ. އެ އެންމެން ވެސް ސެލޫނުން ބޯ ދޮވުމުގެ ސަބަބުން ސްޓްރޯކް ޖެހި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިން ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެ އެވެ.
މި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް ސްޓްރޯކް ޖެހުނުލެއް ވަރުގަދަކަމުން ސިކުނޑިއަށް ދާއިމީ ބޮޑު ގެއްލުމެއް ލިބުނެވެ.
ޓެއިލާ ގޮވާލާފައި ވަނީ މި މައްސަލައާ މެދު ހޭލުންތެރިކަން ބޮޑުކުރަން މަސައްކަތް ކުރުމަށެވެ. އަދި ސެލޫންތަކަށް ދާ މީހުން ފަހަތަށް ބޯ ގެންގޮސްގެން އިސްތަށިގަނޑު ދޮވުމުން ލިބިދާނެ ގެއްލުމާ ބެހޭ މައުލޫމާތު ދޭން ވެސް އޭނާ އެދެ އެވެ.
މި ޚަބަރަށް ފާޑުކިޔަމުން ބައެއް މީހުން ބުނީ ބޯ ދޮންނަ އިރު ކަނދުރާގެ ދަށަށް އިސްޕަންޖުގަނޑެއް ލެއްވީމާ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް މިއީ ސައިންޓިފިކް އެއްވެސް ދިރާސާއެއްގެ އެހީގައި ބުނެފައިވާ ވާހަކައެއް ނޫނެވެ.