.
15 މެއި 2022 - 07:00
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ލަވަ މުބާރާތް، ޔޫރޯވިޝަންގައި މިފަހަރު ހުރިހާ ސަމާލުކަމެއް ޔުކްރެއިން އަށް ލިބިއްޖެ އެވެ.
ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޔޫރޯވިޝަން އަކީ މިއުޒިކް މުބާރާތްތަކުގެ އޮލިމްޕިކްސެވެ. ބައިވެރިވާ ކޮންމެ ގައުމަކުން ވެސް ލަވައެއް ހުށަހަޅާ އެ ބޮޑު މުބާރާތަކީ ގިނަ ގައުމުތަކުން ކާމިޔާބު ކުރަން ބޭނުންވާ މުބާރާތެކެވެ.
ނަމަވެސް މި އަހަރުގެ މުބާރާތް ވެފައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޮވާޝަލް އަހަރަކަށެވެ. ރަޝިއާ އިން ޔުކްރެއިން އަށް ހަމަލާތައް ދެމުންދާ އިރު، އެ ދެ ގައުމަކީ ވެސް ޔޫރޯވިޝަންގެ ކޮންމެ އަހަރަކު ބައިވެރިވާ ގައުމުތަކެވެ. އެކަމަކު އެ ހަނގުރާމައާ ގުޅިގެން ގުޅިގެން މިފަހަރު ރަޝިއާ ވަނީ އެ މުބާރާތުން ބޭރުކޮށްލައިފަ އެވެ.
ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ޔުކްރެއިން އޮއްވާ ޔޫރޯވިޝަންގައި އެ ގައުމުން ބައިވެރިވުމުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން މިފަހަރު ހުއްޓުނީ އެ ގައުމަށެވެ.
މި އަހަރުގެ ޔޫރޯވިޝަންގައި ޔޫކްރެއިން އިން ބައިވެރިވީ ހަ މެމްބަރުންގެ ބޭންޑެއްގެ ގޮތުގަ އެވެ. ރޭގައި އެ މުބާރާތުގެ ޝޯތައް ނިންމާލާފައިވާއިރު، މިހާރު ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަނީ ނަތީޖާ އަށެވެ.
މުބާރާތުން ޔުކްރެއިން މޮޅުވެއްޖެ ނަމަ، އަންނަ އަހަރުގެ މުބާރާތް ބާއްވާނީ އެ ގައުމުގަ އެވެ. ނަމަވެސް މިހާރު ޔުކްރެއިން އާއި ރަޝިއާ އާ ދެމެދުގައި އޮތް ހަމަނުޖެހުންތަކުގެ ސަބަބުން ކަންތައް ވާނެ ގޮތެއް އަދި ނޭނގެ އެވެ. މި އަހަރުގެ މުބާރާތް ބޭއްވީ އިޓަލީގަ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy