ޖަރުމަނުގެ މިއުޒިކް ފެސްޓިވަލެއްގައި ބޮން ގޮއްވާލައިފި

މިއުނިކް (ޖުލައި 25) - ޖަރުމަނުގެ ސިޓީއެއް ކަމަށް އަންސްބެކުގެ ހާމަތަނެއްގައި ބޭއްވި މިއުޒިކް ފެސްޓިވަލުގައި ބޮން ގޮއްވާލީ ސީރިއާ އިން އެތެރެވުމަށް ފަހު ހިމާޔަތް ހޯދުމަށް މަސައްކަތް ކުރި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.


ބެވޭރިއާ ސްޓޭޓުގެ ދާޚިލީ ވަޒީރު ޖޯހިމް ހާމަން ވިދާޅުވީ 27 އަހަރުގެ މީހާ ބޮން ގޮއްވާލީ އޭނާ ފެސްޓިވަލަށް ވެއްދުމަށް ދެކޮޅު ހެދުމުން ކަމަށެވެ. މި ހާދިސާގައި ވަނީ 12 މީހުން ޒަޚަމްވެފަ އެވެ. ބޮން ގޮއްވާލި މީހާ ޖަރުމަނަށް ވަދެފައި ވަނީ މީގެ ދެ އަހަރު ކުރިން ކަމަށް ވެސް ހާމަން ވިދާޅުވި އެވެ.

މިއީ އެއް ހަފުތާތެރޭ ބެވޭރިއާ ސްޓޭޓުގައި ދިން ތިން ވަނަ ހަމަލާ އެވެ. އެ ސްޓޭޓުގެ ޝޮޕިން މޯލެއްގައި ހުކުރު ދުވަހުގެ ރޭ ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ވަނީ ނުވަ މީހުން މަރުވެފަ އެވެ. އޭގެ ކުރިން ރޭލެއްގައި މީހަކު ކޯރާޑިއަކުން ހަމަލާ ދީ ވަނީ އެތައް ބަޔަކު ޒަޚަމްކޮށްލައިފަ އެވެ. ރޭލުގައި ހަމަލާދީފައި ވަނީ އަފްޣާނިސްތާނުގެ ރެފިއުޖީއެކެވެ.

މިއުޒިކް ފެސްޓިވަލުގައި ބޮން ގޮއްވާލާފައި ވަނީ ފެސްޓިވަލުގެ މައި ގޭޓާ ކައިރީގަ އެވެ. ބޮމުގެ ހަމަލާއާ އެކު ދެހާހެއްހާ މީހުން ވަނީ އެ ސަރަހައްދުން ދުރަށް ގެންގޮސްފަ އެވެ. އެންމެ ފުރަތަމަ ރިޕޯޓްތައް ބުނީ އެއީ ގޭހުގެ ގޮވުމެއް ކަމަށެވެ.