ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)ގެ ގުޅުމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން އެ ދެ ބޭފުޅުންގެ ކައިވެނީގެ ތާރީޚު މީޑިއާ އަށް ވެސް މިހާރު ވަނީ ތިލަވެފަ އެވެ. ސިޔާސީ މަތީ މަގާމްތަކެއްގައި ތިއްބެވި ދެ ބޭފުޅެއްގެ ކައިވެނި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރާ އިރު، އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ވާހަކަފުޅުތަކުން ވެސް މި ދުވަސްވަރު ފާހަގަކުރެވެނީ އެ ކައިވެންޏާ ބެހޭ ގޮތުން ކުރައްވާ ސަމާސާތަކެވެ. ނުވަތަ ވައްބަހުން ރައީސް ދައްކަވާ "ލާނެއް" ބައެއް ވާހަކަފުޅުތަކުން ނެގޭ މާނައަކީ އެއީ އެވެ.

އިރުތިޝާމް، 46، އާއި ޝާޑު، 42، މި މަހު 17ގައި ކައިވެނިކުރައްވާނެ ކަން އާއްމުންނަށް އެނގުމުގެ މާ ކުރިން ރައީސް ޔާމީން ވަނީ ޖަލްސާއެއްގައި އެ ދެ ބޭފުޅުންގެ ގުޅުމަށް ވައްބަހުން ޖައްސަވައިފަ އެވެ. އޭގެ ފަހުން މިއަދު ސްޓެލްކޯގައި އޮތް ޕީޕީއެމްގެ ހަފުލާއެއްގައި ވާހަކަފުޅުދައްކަވަމުން ވެސް އެފަދަ ސަމާސާއެއް ކުރެއްވި އެވެ. ދެ މުނާސަބަތުގައި ވެސް ރައީސްގެ ޖޯކުތައް އައީ ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމާއި ގެދޮރުވެރިކުރުމުގެ ސިޔާސަތާ ގުޅުވައިގެންނެވެ.

ރައީސްގެ މިއަދުގެ ދިމާކޮށްލެއްވުން އަމާޒުކުރެއްވީ، ބެލެވޭ ގޮތުގައި، ހުޅުދޫ ދާއިރާގެ މެމްބަރު ޝާޑު އަށެވެ. އޭނާއަކީ އައްޑޫ ބޭފުޅަކަށް ވާތީ އެ ގޮތަށް ސަމާސާކޮށްލެއްވީ ކަމަށް ވެދާނެ އެވެ.

"އަޅުގަނޑު ފަހަރެއްގައި ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން އައްޑު އަތޮޅުގެ ޒުވާނުންނަށް ގެދޮރުވެރިކަން ފޯރުކޮށްދޭން ކުރާ މަސައްކަތުގައި އެއްވެސް ޝޯޓް ކަމެއް އޮތިއްޔާ ހަމަ ވަރަށް ކައިރިން ފެނިވަޑައިގަންނަވާނެ. މިހެން ގެދޮރުވެރިކަން ނެތިގެން ޒަވާޖީ ހަޔާތެއް ފެށިފައި ނެތް މީހުންނަށް އެހެން ސްޓްރެޓެޖީތައް ވެސް ފެނިވަޑައިގަންނަވާނެ. އެކަހަލަ ބައެއް ކަންކަން އެޑަޕްޓް ކޮށްލައްވައިގެން ކުރިއަށް ވަޑައިގެންފި ކަމަށް ވަންޏާ އަޅުގަނޑުމެން މި ކުރާ މަސައްކަތުން ވަރަށް ބޮޑެތި އުއްމީދުތަކެއް، ޚާއްސަކޮށް އައްޑު އަތޮޅުގެ ބޭފުޅުންނަށް މިއީ ހަމަ ވެގެންދާނެ ކަންތައް،" ވަރަށް ބޮޑަށް ހިނިފުޅުވަޑުވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ 31 ކައުންސިލަރަކު، ވެރިކަންކުރާ ޕީޕީއެމަށް ސޮއިކުރަން މިދިޔަ މަހު 30ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅު އަމާޒުކުރެއްވީ، ބެލެވޭ ގޮތުގައި، އިރުތިޝާމަށެވެ. އާއްމުކޮށް ދިވެހިން ފުރަތަމަ ކައިވެނިކޮށް އުޅޭ އުމުރުފުރަ އަށް ވުރެ ލަހުން އިރުތިޝާމް އަލަތު ކައިވެނި ބައްލަވައިގަންނަވާތީ ސަމާސާއަކަށް "ލޭޓް ބްލޫމާސް"އޭ ވިދާޅުވީ ކަމަށް ވެދާނެ އެވެ.

"ޒުވާނުންނަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ތެރޭގައި ޒުވާނުންގެ އާބާދީއަކަށް ދިރިއުޅެވޭނެ ގޮތްތަކާ އެކީގައި ގެދޮރުވެރިކަމާއި މިކަހަލަ އެތައް ކަމެއް ހަމަޖެހެން އެބަ ޖެހޭ. ކޮންމެ ކުއްޖަކު ވެސް، ކޮންމެ މީހަކު ވެސް ޒަވާޖީ ހަޔާތެއް ފަށައިގެން އާއިލާއެއް ރެއިޒް ކުރަން ބޭނުންވާނެ. މިއީ ޝައްކެއް އޮތް ކަމެއް ނޫން. ދެން ތަންކޮޅެއް ލޭޓް ބްލޫމާސް ވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެ. އެކަމަކު އެއީ ވެސް ސަބަބުތަކެއް ހުރެގެން ކަންނޭނގެ،" ކުއްލިއަކަށް ފަޅައިގެން ދިޔަ ހިނިފުޅާ އެކު ކެއްސައި ކޮށި އަރަމުން ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ދެ ރަސްމިއްޔާތުގައި ވެސް ރައީސްގެ އެ ސަމާސާތައް އިވިފައި ތަނުގައި ތިއްބެވި އެހެން މީހުން ވެސް ވަރަށް ބޮޑަށް ހީހެެދި އެވެ.

ސަމާސާކުރުމާއި ލާނެތް ވާހަކަތައް ދެއްކެވުމަކީ ރައީސް ޔާމީންގެ ރަސްމީ ވާހަކަފުޅުތަކުން އާއްމުކޮށް ފާހަގަކުރެވޭ ކަމެއް ނޫނެވެ. އެކަމަކު އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރަކާއި ޕާޓީގެ މަޖިލިސް މެމްބަރެއްގެ ގުޅުމަށް ގަޅި އުކާނުލައްވައި ރައީސަށް ވެސް ނުހުންނެވުނީތާ އެވެ!