ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)ގެ ހައި ޕްރޮފައިލް ކައިވެނީގެ ވާހަކަ އަދިވެސް ބަލެއް ނުވެ އެވެ. ހޮޓެލް ޖެންގައި ހުކުރުދުވަހު ބޭއްވި ހައިބަތު ބޮޑު ކައިވެނީގެ ރަސްމިއްޔާތާއި ހަފްލާގެ ނޭނގި ހުރި ބައެއް ކަންކަން ވެސް ދަނީ ތިލަވަމުންނެވެ. މިއީ އެފަދަ އެއް ވާހަކަ އެވެ.

ޖެންގެ ޓެރަސް ރެސްޓޯރެންޓް އަޒޫރުގައި ހަވީރު ވަގުތު އިރުތިޝާމާއި ޝާޑު ކައިވެނި ބައްލަވައިގަތުމާ އެކު ބައެއް ވަޒީރުން ޝާޑަށް ދެއްވީ ވަރުގަދަ "ހަދިޔާ"އެކެވެ؛ ހަތަރެސްފައިގައި ހިފައި ނަގާފައި ސްވިމިން ޕޫލަށް އެއްލާލީ އެވެ.

މި ސަމާސާގައި އިސްކޮށް ތިއްބެވީ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ޝާޑޫ (ކ) ޕޫލަށް އެއްލާލުމަށް ފަހު އަނިލް (ވ) އާއި ޒަމީރު (ކ) ހިނިފުޅުވަޑުވަނީ.
ޝާޑޫ (ކ) ޕޫލަށް އެއްލާލުމަށް ފަހު އަނިލް (ވ) އާއި ޒަމީރު (ކ) ހިނިފުޅުވަޑުވަނީ.

ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކަޅު ފަޓުލޫނަކާއި ހުދު ގަމީހަކާ އެކު ކަޅު ވެސްޓެއް ތުރުކުރައްވައިގެން ހުންނެވި ޝާޑު ޕޫލަށް އެއްލާލުމުގެ ކުރިން ބޫޓު ބާލުވަ އެވެ. "ވަން، ޓޫ، ތްރީ..." ކިޔާފައި މެމްބަރު ޕޫލަށް ވައްޓާލާ ތަނުން އިރުތިޝާމް ޕޫލް ކައިރި އަށް ވަޑައިގަނެ އެވެ. އަދި ޝާޑާ ދިމާއަށް އަތް ދިއްކޮށްލައްވަ އެވެ. ރިފްއަތު ޑިޒައިންކޮށްފައިވާ ރަން ކުލައިގެ ހެދުމެއްގައި ހުންނެވި އިރުތިޝާމްއާ ގާތްވެލެއްވުމަށް ފަހު ޝާޑު އުއްޑުން އޮންނަވައި ޕޫލް ތެރޭގައި ފަހަތަށް ފަތާލައްވަ އެވެ.

ޝާޑު ޕޫލުގައި އޮންނެވި އިރު އިރުތިޝާމް ޕޫލް ކައިރީގައި
ޝާޑު ޕޫލުގައި އޮންނެވި އިރު އިރުތިޝާމް ޕޫލް ކައިރީގައި

ފިޝަރީޒް މިނިސްޓަރު ޝައިނީ މި ސަމާސާ ސިފަކުރެއްވީ "ސަކަރާތުގެ ތެރެއިން ދިޔަ ކަމެއް"ގެ ގޮތުގަ އެވެ. ޝާޑަށް ވަޒީރުން މި "ލަނޑު" ދެއްވީ ވަރަށް ބޮޑަށް ރާވައިގެންނޭ ވެސް ބުނެވިދާނެ އެވެ.

"ދިވެހިންގެ ތެރޭގައި އޮންނަ ކަމެއް، ކައިވެނިކުރާ މީހާ މޫދަށް ލުމަކީ. އެ ގޮތަށް ތެންމާލުމުގެ ގޮތުން އަޅުގަނޑުމެން ކުރި ކަމެއް. އިރޫ އަކަށް ވެސް ޝާޑަކަށް ވެސް އެނގިވަޑައެއް ނުގަންނަވާނެ އެކަން ކުރަން އުޅުނު ކަމެއް. ކައިވެނީގެ ރަސްމިއްޔާތު ނިމުނީމާ އަޅުގަނޑުމެން، 'ދަނީ'އޭ ބުނެފައި ސަލާންކޮށްލަން (ޝާޑު) ބޭރަށް ނެރެފައި ޖީބު ވެސް ހުސްކޮށްފައި ޕޫލަށް އެއްލާލީ،" ޑރ. ޝައިނީ މިއަދު ވިދާޅުވި އެވެ.

ރަސްމިއްޔާތަށް ފަހު ހަފްލާ އަށް ދެމަފިރިކަނބަލުން ހެދުން ބަދަލުކުރައްވާ ގޮތަށް އޮތްކަން އެއީ ނަސީބެކެވެ. މާ ބޮޑު ލަނޑެއް ނުލިބި ޝާޑު ސަލާމަތްވި އެވެ.

"(ޝާޑު) ވަރަށް ހީކަރުވާފައި ހުންނާނީ ވެސް. ދެން އަޅުގަނޑުމެން ގެންގޮސް ކޮފީ ދީ، ހުރިހާ ކަމެއް ކޮށްފައި (ހަފްލާ އަށް) ފޮނުވީ،" ޝައިނީ ވިދާޅުވި އެވެ.

ޕޫލަށް އެއްލާލުމުން ޝާޑު ފަތާލައްވަނީ
ޕޫލަށް އެއްލާލުމުން ޝާޑު ފަތާލައްވަނީ

އެހެންވީމާ މި ކައިވެނީގެ "ބެސްޓް މެން" އަކީ އިރުތިޝާމްއާ އެކު ކެބިނެޓްގައި ތިއްބަވާ މިނިސްޓަރުން ހެއްޔެވެ؟

ޕޫލަށް އެއްލާލި ހިސާބުން ސަމާސާ ނިމުނީއެއް ނޫނެވެ. އެއީ ކައިވެނީގެ އުފަލުގައި ބައިވެރިވި މެހްމާނުންނަށް ފެނުނު ބަ އެވެ. ދެން އޮތީ ނުފެންނަ ބައިގެ ވާހަކަ އެވެ.

ދިވެހިންގެ "އާދަކާދައިގައި" އޮންނަ ފިރިމީހާ "ފޮރުވުމުގެ" ކަންތައް ވެސް މި ކައިވެނީގައި އޮތެވެ. އެނގިފައިވާ ގޮތުގައި އިރުތިޝާމް އަރިހަށް ޝާޑަށް ވަޑައިގެންނެވުނީ އެ ރޭ ފަތިހު އެވެ. އެ ހުރިހާ އިރަކު ހޮޓަލުގައި ޝާޑު ހިފަހައްޓަވައިގެން އުޅުއްވީ ޝައިނީ އާއި އަނިލް އެވެ.