ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) އާ މިދިޔަ މަހު ކައިވެނި ބައްލަވައިގަތް، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ޝާޑްގެ ރަށް ހުޅުދުއަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއަދު މެންދުރު އިރުތިޝާމާއި ޝާޑް އެކުގައި އައްޑުއަށް ވަޑައިގެން، ޝާޑް ވަނީ ކުރިން ރަށަށް ވަޑައިގެންފަ އެވެ.

އިރުތިޝާމް ހަވީރު ހުޅުދުއަށް ވަޑައިގަތުމުން ރަށުގެ ބަނދަރުމަތިން މަރުހަބާކީ މަލުގެ ދޫލައަކުންނެވެ.

ބަނދަރުމަތީގައި ހަދާފައި ހުރި ހަޓްގެ ތަޅުންގަނޑު މައްޗަށް ދޮންވެލި އަޅައި، މަލުގެ ފިޔަތަކުން ޒީނަތްތެރިކޮށްފައިވެ އެވެ. އަދި މުޅި ސަރަހައްދުގައި ފިޔާތޮށި ކުލައިގެ ދިދަ ދަމައި، ގައުމީ ދިދަ ޖަހައި، ގިނަ ބަޔަކު ފިޔާތޮށި ކުލައިގެ ޓީޝާޓާ އެކު މަރުހަބާ ކިޔަން ގޮސް ތިއްބެވެ.

ޔޫތު މިނިސްޓަރު އިރުތިޝާމަށް މަރުހަބާ ކިޔަން މަލުގެ ދޫލަ ހަދާފައި. ފޮޓޯ/ ކިޔުންތެރިއެއް
ޔޫތު މިނިސްޓަރު އިރުތިޝާމަށް މަރުހަބާ ކިޔަން މަލުގެ ދޫލަ ހަދާފައި. ފޮޓޯ/ ކިޔުންތެރިއެއް

މިއީ ޝާޑާ ކައިވެނި ބައްލަވަލައިގަތް ފަހުން އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިނިސްޓަރުކަން ލިބިވަޑައިގަތް ފަހުން އިރުތިޝާމް އައްޑު ކުރެއްވި ފުރަތަމަ ދަތުރެވެ.

ހެލްތު މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އިރުތިޝާމް އައްޑުއަަށް ވަޑައިގަންނަވަން އެތައް ފަހަރަކު ޕްލޭން ކުރެއްވި އެވެ. އެހެން ނަމަވެސް އެ މަގާމުން ޔޫތު މިނިސްޓްރީގެ މަގާމަށް ބަދަލުކުރެއްވި އިރު، އައްޑު އަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

ޔޫތު މިނިސްޓަރު އިރުތިޝާމް ހުޅުދޫން މަރުހަބާ ކިޔަނީ. ފޮޓޯ/ ކިޔުންތެރިއެއް.
ޔޫތު މިނިސްޓަރު އިރުތިޝާމް ހުޅުދޫން މަރުހަބާ ކިޔަނީ. ފޮޓޯ/ ކިޔުންތެރިއެއް.

އައްޑޫގެ ބައެއް މީހުން ބުނާ ގޮތުގައި އޭރު މިނިސްޓަރު އައްޑު އަށް ވަޑައިނުގަތީ ސަރުކާރުން އައްޑޫގައި ހަދަން ނިންމި 100 އެނދުގެ ހޮސްޕިޓަލް މަޝްރޫއާ ގުޅޭ ގޮތުން، ރައްޔިތުންގެ މެދުގައު ހުރި ކަންބޮޑުވުންތަކާ ގުޚިގެން، އަމާޒުވެފައިވާ ފާޑު ކިޔުންތަކާ ހެދި އެވެ. ނަމަވެސް މެމްބަރު ޝާޑާ ކައިވެނި ކުރައްވައި، އައްޑު އަށް ވަޑައިގަތުމުން ގަމުގެ އެއާޕޯޓުން މިއަދު މެންދުރު، އެކަމަނާއަށް ޕީޕީއެމްގެ ސަޕޯޓަރުން މަރުހަބާ ކިޔާފައިވެ އެވެ.

ހުޅުދު އަށް ހަވީރު ވަޑައިގަތުމުގެ ކުރިން މިނިސްޓަރު ވަނީ ގަމާއި ހިތަދޫގެ ޔޫތު ސެންޓަރަށް ވަޑައިގެން އެތަންތަނުގެ އޮފިޝަލުންނާއި ޒުވާނުންނާ ބައްދަލު ކުރައްވައިފަ އެވެ.

ހުޅުދޫގައި ހަވީރު އޮތް ބައްދަލުވުމުގައި ޔޫތު މިނިސްޓަރުގެ އިރުތިޝާމް. ފޮޓޯ: ކިޔުންތެރިއެއް
ހުޅުދޫގައި ހަވީރު އޮތް ބައްދަލުވުމުގައި ޔޫތު މިނިސްޓަރުގެ އިރުތިޝާމް. ފޮޓޯ: ކިޔުންތެރިއެއް

މިއަދު ހަވީރު ހުޅުދޫގައި ވަނީ މިނިސްޓަރު ބައިވެރިވަޑައިގަންނަވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ބައްދަލުވުމެއް ވެސް މަގުމަތީގައި ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މެމްބަރު ޝާޑް ވެސް ވާހަކަ ދެއްކެވި އެވެ.

އެ ބައްދަލުވުމުގައި ޝާޑް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އައްޑު އަށް ތަރައްގީ ގެނެސް ދިނުން ކަމަށާއި ހުޅުދު އާއި މީދޫގެ ތަރައްގީ އަށް ރާވާފައިވާ ކަންކަން ވެސް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ.

ޔޫތު މިނިސްޓަރު އިރުތިޝާމްގެ މިއަދު ހުޅުދޫގައި. ފޮޓޯ: ކިޔުންތެރިއެއް
ޔޫތު މިނިސްޓަރު އިރުތިޝާމްގެ މިއަދު ހުޅުދޫގައި. ފޮޓޯ: ކިޔުންތެރިއެއް

"އަޅުގަނޑުމެން ދެހާސް އަށާރައާ ހަމައިން ނިންމައިލާނީކީ ނޫން. ދެހާސް އަށާރައިގައި ވެސް ރައީސް ޔާމީން ވެރި ކަމަށް ގެންނަވައި މި އަތޮޅުގެ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

ހުޅުދޫގައި ބޭއްވި ބައްދަލުވުމުގައި ޝާޑް ވާހަކަ ދައްކަވަނީ. ފޮޓޯ/ ކިޔުންތެރިއެއް.
ހުޅުދޫގައި ބޭއްވި ބައްދަލުވުމުގައި ޝާޑް ވާހަކަ ދައްކަވަނީ. ފޮޓޯ/ ކިޔުންތެރިއެއް.

އެ ބައްދަލުމުގައި ޔޫތު މިނިސްޓަރު ވެސް ވާހަކަ ދެއްކެވި އެވެ.

އެކަމަނާ ވިދާޅުވީ މިހާރުގެ ސަރުކާރަކީ ރައްޔިތުންގެ ކުރިއެެރުމަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި ހާއްސަކޮށް ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ހަފުތާ ބަންދުގައި ޔޫތު މިނިސްޓަރު ހުންނަވާނީ، ފިރިކަލުންގެ އާއިލާގެ މީހުންނާ އެކު ހުޅުދޫގަ އެވެ.