ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމާއި ސ. ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) މި މަހުގެ 17 ވަނަ ދުވަހު ގެ ރޭ ކައިވެނި ބައްލަވައިގަންނަވަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ދެ ބޭފުޅުން ރޭގައި ވަނީ ރަން ކިޔުއްވައިފަ އެވެ.

މިއީ އުމުރުން 46 އަހަރުގެ އިރުތިޝާމްގެ އަލަތު ކައިވެންޏެވެ. އަދި އުމުރުން 42 އަހަރުގެ ޝާޑުގެ ތިންވަނަ ކައިވެނި ކަމަށް އެނގިފައިވެ އެވެ. ޝާޑުގެ ތިން ކުދިން އެބަތިއްބެވެ.

އިރުތިޝާމާއި ޝާޑުގެ ކައިވެނި އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގަ އެވެ.

"މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ކައިވެންޏަށް ވާނެ. ކެބިނެޓް މިނިސްޓަރަކާއި މެމްބަރަކު ކައިވެނި ކުރެއްވުމަކީ މީގެ ކުރިން ރާއްޖޭގައި ވީ ކަމެއް ނޫން. އެހެންވީމާ މި ހަފުލާ ވަރަށް ބޮޑުވާނެ ކަމަށް ބެލެވޭ،" ދެ ބޭފުޅުންގެ ގާތް މީހަކު ބުންޏެވެ.

އިރުތިޝާމަކީ 1988 އިން ފެށިގެން ސަރުކާރުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ފޮރިން މިނިސްޓްރީގަ އެވެ. އިރުތިޝާމް ވަނީ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު، ބައެއް ގައުމުތަކަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ފުރުއްވައިފަ އެވެ.

މީގެ އިތުރުން އޮގަސްޓް 2014 އިން މޭ 2015 އަށް ލޯ އެންޑް ޖެންޑަ މިނިސްޓަރުގެ ނައިބުގެ މަގާމު ފުރުއްވި އެވެ. އަދި މޭ 2015 އިން ޖޫން 2016 އާ ހަމައަށް ހެލްތު މިނިސްޓަރުގެ މަގާމު އިރުތިޝާމް އަދާކުރެއްވި އެވެ. އޭނާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ޖޫން 22، 2016 ގަ އެވެ.

އިރުތިޝާމް ސަރުކާރުގައި ގިނަ ދުވަހު ހޭދަކުރެއްވީ ޑިޕްލޮމެޓިކް ދާއިރާގަ އެވެ. އޭނާ ހާއްސަ ވެފައި ވަނީ އިންޓަނޭޝަނަލް ރިލޭޝަންސް، ޑިޕްލޮމެޓިކް ސްޓަޑީޒް، މާކެޓިން، ސްޓްރީޖިކް މެނޭޖްމަންޓް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިންނެވެ.

ޝާޑަކީ ކުރިން ރިސޯޓުގެ ވަޒީފާގައި އުޅުއްވުމަށް ފަހު، މާލޭގައި އަމިއްލަ ވިޔަފާރި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު، ޝާހިދު ފާހަގަކުރެވިފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އޭނާ އަކީ ވެރިކަން ކުރާ ޕީޕީއެމްގެ ވެސް ވަރަށް އިސް މެމްބަރެކެވެ.