މިހާރު ލައިޓް

ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟

މިވަރުގެ ބޮޑު 'ލެޖެންޑަކަށް' ދޮންތުއްތު ބަދަލުވީ ކިހިނެތް ހެއްޔެވެ؟ ޑޮކްޓަރަކަށް ނުވެ އޭނާ ޑޮކްޓަރަކަށްވީ ކިހިނެތް ހެއްޔެވެ؟ ޑޮކްޓަރުން ނެތިގެން ސަރުކާރުން އޭނާ ހޯދަން ދިޔައީ ކީއްކުރަން ހެއްޔެވެ؟

އޭނާ އަކީ މެޑިކަލް ޑޮކްޓަރެއް ނޫނެވެ. އެކަމަކު އޭނާ އަކީ މުޅި އައްޑޫ އަތޮޅު އެ މީހަކަށް ފަހުރުވެރިވާ އެ މީހުންގެ އެންމެ މަޝްހޫރު 'ޑޮކްޓަރެވެ.' ޑޮކްޓަރު ދޮންތުއްތު ނޭނގޭ މީހަކު އައްޑޫ އަތޮޅުގައި ވެސް މަދުވާނެ އެވެ. އަދި ޑޮކްޓަރު ދޮންތުއްތު ނޭނގޭ މީހަކީ އައްޑޫ މީހެއް ވެސް ނޫނެވެ. މިއީ އެ މީހުންގެ ތެރޭގައިވީ ލެޖެންޑުންގެ ލެޖެންޑެކެވެ.

ސ. ފޭދޫ، ދިލްކަޝްވިލާގެ 'މެދުވާތަށް' އޮތީ ކަށިވެލި ލައިފަ އެވެ. ފެހިކަން ގަދަ ގަސްތަކުގެ ތެރޭގައި ކޮންމެވެސް މީހަކު އެބަ އުޅެ އެވެ. އެއީ އަދި ޑޮކްޓަރު ދޮންތުއްތުއެއް ނޫނެވެ. ގަސްތަކުގެ ތެރެއިން ބޯދިއްކޮށް ބަލައިލީ ބިދޭސީ އެކެވެ. އެއީ ޑަރޯގާއެކެވެ. މި ގޭގެ ބަގީޗާ ބަލަހައްޓާ މީހާ އެވެ.

އޭނާ އިޝާރާތްކޮށްލީ ގޭގެ މައި ދޮރާ ދިމާލަށެވެ. އެ ވަގުތު އެ ދިމާލުގައި ހުއްޓި އަހަރެމެންނާ ދިމާލަށް ބަލަހައްޓައިގެން ހުރި މުސްކުޅި ފިރިހެނަކު ފެނެ އެވެ. އެއީ ޑޮކްޓަރު ދޮންތުއްތެވެ. ހަޔާތުގެ ވާހަކަތައް ކިޔައިދޭން އޭނާ އެހެރީ ދޮރު ހުޅުވައި ހިނިތުންވެލައިގެންނެވެ.

އެތެރެއަށް ވަދެގެން ގޮސް ދޮންތުއްތު ޖައްސާލީ އޭނާގެ ރަސްމީ ސޯފާގަ އެވެ. ގަޑިން މެންދުރު 12 ޖަހަނީ އެވެ. އުމުރުން 88 އަހަރުގެ ދޮންތުއްތު އެންމެ ފުރަތަމަ ވެސް ބުނީ 'މި އުޅެނީ ޓީވީން އެއްވެސް އެއްޗެއް ނުފެނިގެން.' އެވެ. އެ ޓީވީއާ ދިމާލަށް ކަޅިއެއް އެއްލައި ބަލައިލިއިރު މީޑިއާނެޓު ނުލިބިގެން ޓީވީ އިނީ ފޫހިވެ، ނިވިފަ އެވެ.

ޓީވީ ބަހައްޓާފައި ހުރި ރެކު ފުރާލާފައި ވަނީ ދޮންތުއްތުގެ ދަރިންނާއި ކާފަދަރިންގެ ފޮޓޯތަކުންނެވެ. އަދި މުޅި ދިލްކަޝްވިލާގޭ ސިޓިންރޫމު ޒީނަތްތެރިކޮށްލާފައި ވަނީ ދޮންތުއްތާއި އޭނާގެ ދަރިންގެ ދަރިންގެ ފޮޓޯތަކުންނެވެ. ނުވަތަ ސިއްހީ ދާއިރާ އަށް މެދުނުކެނޑި 50 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން އަރުވާފައިވާ ހަނދާނީ ފިލާތަކާއި އައްޑޫގެ އަމިއްލަ ފަރާތްތަކުން އަރުވާފައިވާ ޝަރަފުގެ ފިލާތަކުންނެވެ.

ދޮންތުއްތުގެ ޓީވީގައި ވަނީ ނޯސިގްނަލް: އެކަމަކު ޓީވީ ރެކުގައި ވަނީ ދަރިންގެ ހަނދާންތައް. -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްތު އޭނާގެ ގޭގެ ސިޓިންރޫމުގެ ސޯފާގައި. -- މިހާރު ފޮޓޯ: އަލީ ނާސިރު

މީގެ 83 އަހަރު ކުރިން ގަމުގައި މިލިޓަރީ ބޭހެއް އަޅައިގެން ތިބި އިނގިރޭސި ސިފައިންގެ އޮފިސަރުންނާ އެކު ޒުވާން ދޮންތުއްތު ނަގާފައިވާ ވަރަށް ބައިވަރު ފޮޓޯތައް ވެސް ފްރޭމުކޮށް ފާރުތަކުގައި ހަރުކޮށްފައި ހުއްޓެވެ. އައްޑޫ އަތޮޅުގެ ތާރީޚު ކިޔައިދޭ ފޮޓޯތަކުގެ ދާރުލްއާސާރެއްހެން ސިފަވެގެން ދިލްކަޝްވިލާގެ ބަލައި ނިމުމާ އެކު ދެން އެ ފެށުނީ ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އެވެ.

"އަޅުގަނޑުގެ ކިތާބީ ނަމަކީ އިބްރާހިމް ހަލީލް. އެކަމަކު މި ރަށި އިބްރާހިމް ހަލީލް އަކީ ކާކުކަމެއް ނޭނގޭނެ އެއްވެސް މީހަކަށް އަދި އެހެން ބުނެލާއިރަކަށް. އާންމުކޮށް މީހުންނަށް އެނގޭނީ ޑޮކްޓަރު ދޮންތުއްތުއޭ ބުނީމަ. މުޅި މި އަތޮޅުގެ އެންމެނަށް ވެސް އެނގޭނީ ޑޮކްޓަރު ދޮންތުއްތުއޭ ބުނީމަ،" ފެންތައްޓެއް ގެނެސް ކަރު ތެންމާލައިގެން ދޮންތުއްތު ސުމަކުން ފަށައިގަތެވެ.

ދެން ކިޔައިދޭން ފެށީ އިބްރާހިމް ހަލީލްގެ އޭނާ އަށް ދޭން ޖެހުނު ސަބަބެވެ.

"ވީގޮތަކީ 1988 ވަނަ އަހަރު އަޅުގަނޑު ހައްޖަށް ދާން ވެގެން ޕާސްޕޯޓް ހައްދަން ދިޔައީމަ ދޮންތުއްތޫގެ ނަމަކަށް ޕާސްޕޯޓެއް ނެހެއްދުނު. ބުނެފި އަރަބި ނަމަކަށޭ ޕާސްޕޯޓް ހެއްދޭނީ،" ދޮންތުއްތު އޭނާގެ ސޯފާގައި ހަމަޖެހިލި އެވެ.

އަހަރެން ހަމަޖެހިލީ އޭނާގެ ވާހަކައިގެ ތެރޭގަ އެވެ. އޭނާގެ ކިތާބީ ނަމާއި ވަނަމާއި އާންމު ނަމާއި ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ދޮންތުއްތުގެ އެތައް އެތައް ނަމެއްގެ ތެރޭގަ އެވެ.

"ދެން ޕާސްޕޯޓް ހައްދަން ދިޔައީމަ ނަމެއް ހޯދަން ޖެހިގެން ބަލަން ފެށީ ކޮން ނަމެއްގަ ތޯ ޕާސްޕޯޓް ހައްދާނީ. ދެން އަޅުގަނޑު މަދަރުސާ އަށް ދިޔަ ދުވަސްވަރު މަދަރުސާ އިން އަޅުގަނޑަށް ދީފައި އޮތް ނަމަކީ އިބްރާހިމްފުޅު. ދެން އިބްރާހިމް ފުޅުގެ ބަދަލުގައި އިބްރާހިމް ހަލީލްގެ ނަން އެންމެ ފަހުން އަޅުގަނޑުގެ ކިތާބީ ރަސްމީ ނަމަކަށް ހަމަޖެހިގެން ދިޔައީ،" ހައްޖަށް ދާން ޕާސްޕޯޓް ހަމަޖެހުނީ އެ ހިސާބުންނެވެ.

"އެކަމަކު އަޅުގަނޑުގެ އަމާއި ބައްޕާމެން އަޅުގަނޑަށް ކިޔައި އުޅުނު ނަމަކީ ދޮންތުއްތު. ސަބަބަކީ އަޅުގަނޑު މިއީ އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު. އެހެންވީމަ ދޮންތުއްތު ކިޔައި އުޅުނީ ލޯބިން. އެކަމަކު ތިލަދުންމަތިން ފަށައިގެން އައްޑޫއާ ހަމަ އަށް އުޅޭނެ ޑޮކްޓަރު ދޮންތުއްތުއޭ ބުނީމަ އެއީ ކާކުކަން ދަންނަ މީހުން. ހުރިހާ ބައްޔަކަށް ވެސް، ހުރިހާ މައްސަލައަކަށް ވެސް ފަރުވާ ކުރި ޑޮކްޓަރެއް އަޅުގަނޑަކީ."

ދޮންތުއްުތު ދިރިއުޅޭ ދިލްކަޝްވިލާގެ ސިޓިންރޫމް. -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްތު އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭއިރު ކައިރީގައި އަންހެނުން ހަދީޖާ މަޑުކޮށްލައިގެން: ދެ މީހުން ކައިވެނިކުރީ 1968 ވަނަ އަހަރު. -- މިހާރު ފޮޓޯ: އަލީ ނާސިރު

އޭނާ އަކީ އޭރު އަދި ސަރުކާރުގެ ވެސް އެއް ވަނަ ހޮވުމެވެ. މެޑިކަލް ޑޮކްޓަރުން ނެތް ރާއްޖެއެއްގައި ހުރި އެފަދަ ދެ ވަނައެއް ނެތް ތަޖުރިބާކާރެކެވެ.

"ކޮލެރާ ރޯގާގެ ދުވަސްވަރު ސަރުކާރުން އަންގައިގެން ފުވައްމުލަކާއި ހުވަދޫ އަތޮޅުގެ ރަށްތަކަށް ގޮސް ވެސް ބޭސްކުރިން. ބަލަ ވަރަށް މަދުވާނެ އޭރު އަސްލު ޑޮކްޓަރުން ރާއްޖޭގައި. އަޅުގަނޑު ހަނދާންވަނީ ރާއްޖޭގައި އޭރު ތިބީ ދިވެހި ދެ ޑޮކްޓަރުންހެން."

އުމުރާއި ސިއްހަތަށް ބަލާފައި ދޮންތުއްތުގެ ހަނދާން ވެސް ވަރަށް ގަދަ އެވެ. އެންމެ ރަނގަޅެވެ. އެކަމަކު މިވަރުގެ ބޮޑު 'ލެޖެންޑަކަށް' ދޮންތުއްތު ބަދަލުވީ ކިހިނެތް ހެއްޔެވެ؟ ޑޮކްޓަރަކަށް ނުވެ އޭނާ ޑޮކްޓަރަކަށްވީ ކިހިނެތް ހެއްޔެވެ؟

"ބަލަ އަޅުގަނޑު އެންމެ ފުރަތަމަ އުޅުނީ ފިހާރައެއްގައި ކޭޝިއަރަކަށޭ. އަދި ހުރެބަލަ. ދެން ވީ ގޮތް ކިޔައިދޭނަމޭ،" އަޅުގަނޑުގެ ސުވާލުތައް މާ ގިނަވާން ފެށުމުން ދޮންތުއްތުގެ ވާހަކައާ އެކު ގޮވައިގެން ގެންދިޔައީ މާ ބޯދާ ޒަމާނަކަށެވެ.

އެއީ އިނގިރޭސި ސިފައިންގެ ވައިގެ އަސްކަރީ މަރުކަޒެއް ގަމުގައި ތަރައްގީކުރަންވެގެން އެ ރަށުން މީހުން ބާލަން ފެށި ދުވަސްވަރެވެ. ދޮންތުއްތު ބުނީ އޭރު އޭނާ އަށް ވާނީ ފަސް ވަރަކަށް އަހަރު ކަމަށެވެ. އޭގެ ފަހުން އަލުން އެނބުރި ގަމަށް ދިޔަ ހަނދާންތައް ވެސް ކިޔައިދިނެވެ. އެއަށް ފަހު އިނގިރޭސި ސިފައިންނަށް ގަން ކުއްޔަށް ދިނުމާ ގުޅިގެން އަނެއްކާވެސް ގަމުން މީހުން ބޭލި ގޮތް ވެސް ކިޔައިދިނެވެ.

"ގަމުން އެ ފަހަރު މީހުން ބޭލުން ކުރިއަށް ގެންދިޔައީ ސްޓޭޖު ސްޓޭޖަށް ބަހާލައިގެން. އެގޮތަށް ގަމުން ބޭލިއިރު އަޅުގަނޑު އުޅުނީ ގަމުގައި ރައްޓެއްސެއްގެ ގެއެއްގައި. އޭރު އަޅުގަނޑުގެ އާއިލާ މީހުން ވެސް ގަމުން ފައިބައިފި،" ނަމަވެސް ގަމުގައި ވަޒަންވެރިވި ސިފައިންގެ އެކި މަސައްކަތްތަކަށް އައްޑޫގެ ރަށްތަކުން މީހުން ނަގަން ފެށުމުން ދޮންތުއްތު އަށް ވެސް ލިބުނީ ރަނުގެ ފުރުސަތެކެވެ.

އުމުރުން ވިއްސަކަށް އަހަރުގައި އޭނާ އަށް ލިބުނީ ތަރުޖަމާނެއްގެ ވަޒީފާ އެވެ.

ދޮންތުއްތު ގަމުގައި އިނގިރޭސި ސިފައިންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. -- މިހާރު ފޮޓޯ: އަލީ ނާސިރު

އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނަ ރާއްޖެ ވަޑައިގެންނެވިއިރު އެ ރަސްމިއްޔާތުގެ ތެރޭގައި ދޮންތުއްުތު (މ) -- މިހާރު ފޮޓޯ: އަލީ ނާސިރު

"އެ ވަޒީފާ އެމީހުންގެ ހެލްތު ސެންޓަރެއްގައި އޮތްކަން އެނގުނުއިރު އަޅުގަނޑު އުޅުނީ ފިހާރައެއްގައި ކޭޝިއަރަކަށް. ދެން ހަމަ ވަގުތުން ކޭޝިއަރުކަން ދޫކޮށްލާފައި ދިޔައީ ތަރުޖަމާނަކަށް ވާން،" ދޮންތުއްތު ބުނީ މިއީ އޭނާ މެޑިކަލް ސްކޫލަކަށް ނުގޮސް މެޑިސިންގެ ދާއިރާ އިން އޭރު ރާއްޖޭގައި ނެތް ވަރުގެ ތަޖުރިބާކާރަކަށް ބަދަލުވި ގޮތުގެ ފެށުން ކަމަށެވެ.

"ސިއްހީ މަރުކަޒުގައި އުޅުނީ ފުރަތަމަ ތަރުޖަމާނަކަށް. ދެން ކަމްޕައުންޑަރަކަށް. ކަމްޕައުންޑަރަކީ ބޭސްއަޅާ މީހާ. ދެން މީހުން ގައި ބޭސްއަޅައި ދޭން ވެސް ފެށިއްޖެ. ސިއްހީ މަރުކަޒަށް އަންނަ ދިވެހިންގައިގައި ވެސް ބޭސްއަޅަން ފެށިއްޖެ."

ފާއިތުވަމުން ދިޔަ އަހަރުތަކާ އެކު އެ ސިއްހީ މަރުކަޒު ބޮޑު ހޮސްޕިޓަލަކަށް ބަދަލުވެއްޖެ އެވެ.

"ދެން ބަދަލުވީ ކޮމްޕައުންޑާ ޕްރެޝާގެ ވަޒީފާއަކަށް. ދެން މެޑިކަލް އެސިސްޓަންޓަކަށް ޕްރޮމޯޓް ވެއްޖެ. ދެން ސީނިއާ މެޑިކަލް އެސިސްޓަންޓަކަށް ބަދަލުވެއްޖެ. ބަލި މީހުން ބަލަން ކަށިގަނޑާއި ބޭސް ދީފައި އިނގިރޭސި ސިފައިން އަޅުގަނޑު ފޮނުވަން ފަށައިފި އައްޑޫގެ އެހެން ރަށްތަކަށް ވެސް،" ޑޮކްޓަރެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުކަން ލިބެން ފެށި ގޮތް އޭނާ ކިޔައިދިނެވެ.

"އިނގިރޭސި ސިފައިން ފުރައިގެން ދިޔައިރު ވެސް އަޅުގަނޑު ހުރީ ސީނިއާ މެޑިކަލް އެސިސްޓަންޓެއްގެ ވަޒީފާގައި. އޭރު ސިއްހީ ދާއިރާގައި އަޅުގަނޑަށް އެނގިފައި ހުރި ވަރު އެނގޭ މީހުން ވެސް ވަރަށް މަދުވާނެ ރާއްޖޭގައި. ސަބަބަކީ 17 އަހަރު ވަންދެން އިނގިރޭސި ސިފައިންގެ ހޮސްޕިޓަލްގައި އަޅުގަނޑު އެ މީހުންގެ ޑޮކްޓަރުންނާ އެކު މަސައްކަތްކުރީމަ."

ކޮންމެއަކަސް އިނގިރޭސި ސިފައިންގެ ދުވަސްވަރު ނިމުމަކަށް އައުމުން ސަރުކާރަށް ޑޮކްޓަރުން ބޭނުންވެއްޖެ އެވެ. ރާއްޖޭގެ ރަށްތަކުގައި ފެތުރެން ފެށި ރޯގާ އާއި ބަލިތަކާ ކުރިމަތިލާނެ ތަޖުރިބާކާރުންގެ މުހިންމުކަން ބޮޑުވެއްޖެ އެވެ. އަދި ސަރުކާރުން ނިންމީ އިނގިރޭސި ސިފައިންގެ ބެލުމުގެ ދަށުގައި ސިއްހީ ތަޖުރިބާކާރުންނާ އެކު މަސައްކަތްކުރި އައްޑޫ އަތޮޅުގެ ފަސް 'ޑޮކްޓަރުން' ނަށް ރަސްމީ ހުއްދައެއް ދޭށެވެ.

ދޮންތުއްތު އިންޓަވިއު ދޭއިރު އޭނާގެ އަންހެނުން ހަދީޖާ ކައިރީގައި މަޑުކޮށްލައިގެން. -- މިހާރު ފޮޓޯ: އަލީ ނާސިރު

"އަޅުގަނޑާ އެކު އޭރު އިނގިރޭސި ސިފައިންނާ އެކު މަސައްކަތްކުރި ފަސް މީހަކަށް ވަގުތުން ސަރުކާރުން ދީފި ބޭސްކުރުމުގެ ރަސްމީ ހުއްދައެއް،" ދޮންތުއްތު ކިޔައިދިނެވެ.

"އޭރަކު ނެތޭ އަޅުގަނޑުމެން ވަރުގެ ބަޔަކު. މުޅި ރާއްޖޭގައި ވެސް ނެތޭ އަޅުގަނޑުމެން ފަސް މީހުންނަށް ވުރެ މޮޅު ބަޔަކު. އެހެންވީމަ މެޑިސިން ޕްރެކްޓިސްކުރުމުގެ ރަސްމީ ފާހެއް ދިނީ ސަރުކާރުން. އޭރު އަޅުގަނޑު ހުރީ ހުރިހާ އާންމު ބަލިތަކަށް ހާއްސަވެފައި. އާންމު ބަލިތައް ދެނެގަނެ ބޭސްދީ ސާޖަރީ ކުރަން ވެސް އެނގޭ. އަޅުގަނޑު މެޑިސިން ކިޔަވަން ސްކޫލަކަށް ދިޔައީކީއެއް ނޫން. އަޅުގަނޑު ދަސްކުރި އެއްޗެއް ދަސްކުރީ އިނގިރޭސި ސިފައިންނާ އެކު އެމީހުންގެ ހޮސްޕިޓަލުގައި ޕްރެކްޓިސް ކޮށްގެން. ލޮލުން ފެނިގެން."

ދޮންތުއްތު ބުނީ އުމުރުން 65 އަހަރުވެގެން ރިޓަޔާކުރި ނަމަވެސް ބޭސްވެރިކަމާ ރަސްމީކޮށް އޭނާ ދުރަށް ދިޔައީ މީގެ ހަތަރު ފަސް އަހަރު ކުރިން ކަމަށެވެ. ވަރަށް ޒަމާން ވަންދެން ގޭދޮށުގައި ކްލިނިކެއް ހުޅުވައިގެން ވެސް އޭނާ ބަލި މީހުން ބެލި އެވެ.

އެކަމަކު މިހާރު އޭނާގެ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީ މި ފިނި ހިޔަލެވެ. ދޮންތުއްތު ބުނަނީ އިތުރަށް އޭނާ ބޭނުންވާ ހަމަ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އަމިއްލަ ވަޒަނި އަމިއްލަ މިނިވަންކަންމަތީގައި ދެމި ހުރެވުން އެންމެ ބޮޑު އުފަލަކީ. މިވެނި އެވެނި ކަމެއް ވި ނަމައޭ ހިތަށް އަރާ ހަމަ އެއްވެސް ކަމެއް ނެތް،" ދޮންތުއްތުގެ ވާހަކަ ނިންމާލީ ފަރިތަ އިނގިރޭސި ބަހުންނެވެ.

"އައި ހޭވް ކޮމްޕްލީޓެޑް މައި ލައިފް."

27 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 3%
icon inlove icon inlove 87%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

30 September 2024

އަދި، މި ނޫހުގަ ކޮމެންޓުކުރާ، ޑަކްޓަރު ބަނާނާ ވެސް އެބައުޅޭ ދޯ؟

The name is already taken The name is available. Register?

އަބްޑޫޅް +

30 September 2024

ޑރ ތުއްތުމަނިކު ދަންނަން. އަދި ޑަކްޓަރު ބޮއިދޮންމަނިކު ވެސް ދަންނަން. ޑރ ބޮއިދޮންމަނިކު ގެ ވޭމުއި ސަރުބަތުން ފަސޭހަ ނުވާ ބައްޔެއް ނެތް.

The name is already taken The name is available. Register?

ފިޔޯރީފަޅު

29 September 2024

ވެރީ ގުޑް

The name is already taken The name is available. Register?

އައިޒަލް

29 September 2024

މެޑިކަލް އަދި މެޑިކަލްނޫނަސް މިއީ ޑޮކްޓަރުން ވަރށްގިނަ ރާއްޖެއެއް.

The name is already taken The name is available. Register?

އަލިހުރަސް ކަނޑު ތެރެއިން

29 September 2024

ދޮން ތުއްތުގެ އުމުރަކީ މިހާރު 68 އަހަރު ކަމުގައިވާނަމަ ދޮންތުއްތު އުފަންވީ 1956 ގަ. އިނގިރޭސިން ގަމުން ފޭބީ 1976 ގަ. އޭރު ދޮންތުއްތުގެ އުމުރުން ވާނީ 20 އަހަރު. ދޮންތުއްތު އިނގިރޭސީންނާއެކު އުޅެން ފަށާފައިވަނީ އުމުރުން 15 އަހަރުގައި ކަމަށް ބަލާނަމަ އިނގިރޭސީންނާއެކު އުޅެވިފައި ހުންނާނީ 5 އަހަރު.. (މިއީ މިލޔުމުގައި ބުނެދީފައިވާ ވާހަކަތަކުން އެނގުނު އެއްޗެއް)

The name is already taken The name is available. Register?

ނުބައި

29 September 2024

ލިޔުން ރަނގަޅަށް ކިޔާބަލަ. 88 އަހަރޭ އޮތީ. 68 ނޫން.

The name is already taken The name is available. Register?

ވަހީދުބެ

30 September 2024

އެއިރަކު ނޭނގޭނެ އުމުރު ބުނާކަށް. އެކަން އެނގޭ މިލިޔުމުން ވެސް... ރަސްމީކޮށް ނަމެއް ވެސް ދިނީ 1988 ގައި މިބޭފުޅާއަށް ވެސް

The name is already taken The name is available. Register?

ބަލާނަމަ

04 October 2024

ލިއުން ފަށައިގަތް އިރު ޢުމުރު ވަރަށް ސާފުކޮށް ލިއެފައި އޮތްތަން އަލުން ބަލާލައިފި ނަމަ ފަހުނ ދުވަހަކުވެސް އަވަސް އަރުވާލައިގެން ބޭކާރު ކޮމެންޓް ކުރުމުން ސަލާމަތް ވެވިދާނެ.

The name is already taken The name is available. Register?

ޅޮލް

04 October 2024

ހިޒް އޭޖް އިޒް 88. ހިސާބު ކިތާބު ނިކަން ހަދާބަލަ ރަނގަޅަށް ކިއާފަ. ލޮލް ބޮލް

The name is already taken The name is available. Register?

އައިޖޭ

29 September 2024

މިވަރު ބޭކަލަކައި ބެހޭ މައުލޫމާތު ކިޔާ ނިމުނުއިރުވެސް އާއިލާގެ މާ ބޮޑު ވާހަކ އެއް ނެތީ ކީއްވެބަާ؟ ދަރިްނނާއި އެކުދިންގެ ފަންނަކީ ކޮބަިއބާ؟ އެބައިވެސް މުހިްނމު

The name is already taken The name is available. Register?

ކަމަނަ

29 September 2024

އައިޑީ ކާޑުހެދި އިރު ބައެއް މީހުންގެ އުމުރު ތައް ރަގަޅެއް ނުވާނެތާ ކާޑު ހަދައިފިނީ ކާޑު ޔުނިޓް އުފެދުމުގެ ކުރިން މުނިސިޕަލްޓީން ހަދާފައިވާ ރަޖިސްޓަރީ އާ ރަށްރަޑުގެ ރަޖިސްޓަރީ އަދި ވިހާ މަރުވާ ނޯޓްކޮށްފަހުރި ގޮތަށް ބަލާފަ. ދެން އެއްވެސް ތަނެއްގަ އުމުރު އެނގެން ނެތަ މީހުން އެމޯހުންގެ އެންމެ ދުރު ހަނދާނަކަށް ބަލާފަ ލަފައަކަށް އުމުރު ޖަހައި ގެން.މިހާރު މީނަވެސް މިބުނީތާ އިނގިރޭސިން ގަމަށް އައި އިރު ގާތްގަޑަކަށް އުމުރުން ފަސް އަހަރޭ.އެގޮތުން އިނގިރޭސިން އައިތާޜީޚުގެ ފަސް އަހަރު ކުރިއަކީ އޭނާގެ އުފަން އަހަރު ކަމުގަ ބަލާފަ ކާޑު ހަދާފަ ހުރީ .މިކަމުގަ ކާޑު ޔުނިޓުން އުމުރުތައް އޮޅުވާލަން ހެދި ގޯހެއް ނެތް ކަމަށް ފެންނަނީ.

The name is already taken The name is available. Register?

ޒަހިން

29 September 2024

ޑރ. ދޮންތުއްތުއަކީ މިރާއްޖޭގައި އެންމެ ފުރަތަމަ ލަންޑަން ޖީސީއީ އޯލެވެލް ހަދައިގެން ފާސްވި އެކަކު. ސެޓްފިކެޓްވެސް އޮންނާނެ އޭނާ އަތުގައި. އެވާހަކަ މިރިޕޯޓުގައި ލިޔެފައި ނެތުމަކީ އެއްބައި މަދުވުން ކަހަލަ ކަމެއް. އެވެސް އަދި އައްޑޫގައި ދިރިއުޅެމުން.

The name is already taken The name is available. Register?

ޕެޝަންފުލާވަރު

29 September 2024

ރާއްޖޭގަ ފުރަތަމަ ޖީސީ ހެއްދެވީ ހުޅުމީދޫ ކުދުރަނިޔަގެ ބެއްޔާގެ ޑޮކްޓަރ އަބްދުލްމުހްސިން އިނގިރޭސިންހެ ތެރޭގަ ހުންނަވައިގެންް. ހެއްދެވީ ހިއުމަން ބަޔަލޮޖީ. އޭރު އުޅުއްވީ ޓްރޭނީ މެޑިކަލް އޮފިސަރަކަށް. އިނގިރޭސިން ފޭބުމުން އެބޭފުޅާއަށްވެސް ޑޮކްޓަރީ ބޭސްކުރުމުގެ ލައިސެންސް ސަރުކާރުން ދެއްވި. ޢެތައް އަހަރެއް ވަންދެން ޑޮކްޓަރީ ބޭސް ކުރެއްވި. ނަމަވެސް ގދ.ގައްދޫ އަށްވެސް ނިސްބަތްވާ އެބޭފުޅާއަކީ ދެއްކުންތެރިކަން ކުޑަ ބޭފުޅެއް. މިހާރުވެސް އެބަ ހުންނެވި.

The name is already taken The name is available. Register?

ހަސބް

30 September 2024

ފުރަތަމަ ޖީސީ އޯލެވެލް ހެއްދެވީ ފުވައް މުލަކު ކުދުބެއްޔާ. އޭނާ ފަހުން ދިރިއުޅުނީ ގަ ގެމަނަފުށީގައި

The name is already taken The name is available. Register?

ބ‫ަރަވެލިބެ

29 September 2024

އ‫ައްޑޫ މީހުން ހަމަ ތަފާތީއޭ

The name is already taken The name is available. Register?

ޑަންޑަން

01 October 2024

އޮޕޮޗުނިޓީ/ ފުރުސަތު އެއްޗަކީ. އައްޑުއަށް އިނގިރޭސީން ދިޔައީ ޕައުންޑު ހިފައިގެން. އެއިން އުފެދުނީ ވިޔަފާރި ވެރިން. އިނގިރޭސި ބަސް މުޅި ދުނިޔޭގެ ބަސް. މެޑިކަލްސް، ޓެކްނިކަލް ވަޒީފާ، އިލެކްޓްރިކާއި އިލެކްޓްރޯނިކާއި ވެލްޑިންގ، ވެހިކަލް، މެކެނިކަލް، އައެރޯ މެރިން .. ކިޔާނެ ވަކި އެއްޗެއްނެތް. ދުނިޔޭގެ އެންމެ ކުރިއަރާފަ އޮތް ގައުމެއް އެރަށްތަކަށް ފޭބީމާ އައްޑޫ އަށް ތަމައްދުން ގެ އިންގިލާބެއް އައީ.

The name is already taken The name is available. Register?

ހަމްދާ

29 September 2024

ދޮންތުންތު އަކީ ވަރަށް ރަނގަޅު މީހެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454