ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. 

ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކަށް އެތަނުގެ ޑޮކްޓަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނެ ސޯޝަލް މީީޑިއާގައި އާންމުވެފައިވާ ޕޯސްޓަކާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީ ވެސް ބަލި މީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ ބަލި މީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް އަދި މައްސަލައަކީ އެ ހޮސްޕިޓަލުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ހާއްސަ އިސްކަމެއްދީގެން ބަލައި މައްސަލަތަކެއް ކަމަށެވެ. އަދި އެކަންކަމާ ގުޅިގެން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ފަންނީ މިންގަނޑުތަކުގެ އިތުރުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބައެެއް ވާހަކަތަކަކީ މި ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަ ކުރަމެވެ." އެ ބަޔާނުގައިވެ އެވެ. 

އެ ހޮސްޕިޓަލަކީ ބަލި މީހުންނަށް ދޭ ފަރުވާ އާއި ސިއްހީ ހިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ހޮސްޕިޓަލެއް ކަމަށް އެ ބަޔާނުގައި ބުންޏެވެެ. 

ހުޅުމާލޭ ހޮސްޕިޓަލުން ބުނިގޮތުގައި ބަލި މީހުންނަށް ފަރުވާދިނުމުގައި ބަލިމީހާގެ ކަރާމާތާއި މިނިވަން ކަމަށް އިހުތިރާމް ކުރުމާއި ބަލި މީހުންގެ ރުހުން ހޯދުމުގެ އިތުރުން ފަންނީ މިންގަނޑުތަކާއި ކްލިނިކަލް އުސޫލުތަކާ އެއްގޮތަށް ހުރިހާ މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުން އަމަލުކުރުމަށް އެ ހޮސްޕިޓަލުން އަބަދުވެސް ބާރު އަޅަ އެވެ. 

އެހެންވެ، ދައުލަތުގެ ސިއްހީ ހިދުމަތްދޭ މުއައްސަސާއަކަށްވުމުން، ބަލި މީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަކީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ ހޮސްޕިޓަލުން ކަށަވަރުކުރާނެ ކަންކަން ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

ހޮސްޕިޓަލާއި ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިން އަދި އެ ފަރާތްތަކުގެ އާއިލާތަކަށް ނަފްސާނީ ނުތަނަވަސްކަން ލިބި، ސިއްހީ ހިދުމަތަށް އޮންނަ އިތުބާރު ގެއްލުމަކީ އެތަނުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

ކަށަވަރުނުވާ މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސްކޮށް، އެ ބަޔާނުގައިވަނީ ބަލިމީހުންނަށް ރައްކާތެރި، އަހުލާގީ އަދި ފަންނީ މިންގަނޑުތަކަށް ފެތޭ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލު ދެމި އޮންނާނެ ކަމަށެވެ.