ލައިފްސްޓައިލް / މީހުން

ވާހަކަ ބަގީޗާ އިން ދިވެހީން ބިން "މާ"

ިބިންމާ އިބްރާހީމް ވަހީދު "މިހާރު" އަށް އިންޓަވިއުދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބެލެނެވެރިންގެ ބައްދަލުވުމުގައި މުދައްރިސް ވިދާޅުވި އެވެ. މީނާގެ ހަމައެކަނި މައްސަލައަކީ ގޭގައި ލިޔަން ހަވާލުކުރާ މަޒުމޫނާއި ވާހަކަ ނުނިންމުމެވެ. އެކަމާ ބައްޕަ ވަރަށް ހިތްހަމަނުޖެހުނެވެ. އެކަމަކު އެއީ މުދައްރިސަށް އޮޅިގެން ވިދާޅުވެވުނު އެއްޗެކެވެ. އޭނާ އަކީ ބަރާބަރަށް މަސައްކަތް ނިންމާ ދަރިވަރެކެވެ. އެހެންވެ އެ ދުވަހު އޭނާ ހިތަށް އެރި އެވެ. ތިމަންނާ އަށް ވާހަކަ ލިޔެވޭކަން މުދައްރިސަށް ދައްކާލާނަމެވެ.

އޭގެ އަހަރުތަކެއް ފަހެވެ. ރޭޑިއޯ އިން އިވުނީ 1987 ވަނަ އަހަރުގެ ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވާން ގައުމީ މަރުކަޒުން ހުޅުވާލި އިއުލާނުގެ ޚަބަރެވެ. އެ ދުވަހު އޭނާ ނިންމީ، މުދައްރިސް ބުނި ދެރަ ބަހަށް އޭރު ލިޔަމުންދިޔަ، އެކަމަކު މާގިނަ ބަޔަކަށް ދައްކަން ނުކެރި ފޮރުވާފައި ހުރި ވާހަކަތަކުގެ ފެންވަރު ވަޒަންކޮށްލުމަށްޓަކައި މުބާރާތުގައި ބައިވެރި ކުރުވާށެވެ.

މާބޮޑު އުއްމީދެއް ނެތި އޭނާ ހުށަހެޅި ކުރުވާހަކަ "އެ ދުވަސް" އަށް އެ އަހަރުގެ މުބާރާތުން ދެ ވަނަ ލިބުނެވެ. އެއީ ވާހަކަ ލިޔާ އިބްރާހިމް ވަހީދެއް ދިވެހިންނަށް ލިބެން މެދުވެރިވި ސަބަބެވެ. އެ ކާމިޔާބާ އެކު، އަމިއްލަ ނަފުސަށް ލިބުނު އިތުބާރާ އެކު ވެސް އޭނާ މިކަން ކުރިއަށް ގެންދަން ފެށީ ހުސް ވަގުތުކޮށްލާ ޝައުގުވެރި ކަމެއްގެ ގޮތުގަ އެވެ. ސްކޫލް ނިންމައި 1986 ވަނަ އަހަރުން ފެށިގެން އޭނާގެ ފުލްޓައިމް ވަޒީފާއަކީ ޓީވީ މޯލްޑިވްސްގެ ކެމެރާމަންކަމެވެ.

ޕްރޮފެޝަނަލް ލިޔުންތެރިއެއްގެ ގޮތުގައި މި މަސައްކަތުގެ ތެރެއަށް ވަންނަން އޭނާ އަށް މެދުވެރިވި ސަބަބަކީ 1994 ވަނަ އަހަރު "ހަވީރު" ނޫހުން ލިބުނު ފުރުސަތެކެވެ. ޒުވާން ލިޔުންތެރިއެއްގެ ތާޒާ ވާހަކަތަކުން އެ ނޫހުގެ ވާހަކަ ސަފުހާގައި އާ ކުލައެއް ޖައްސާލުމުގެ ނިޔަތުގައި، "ހަވީރު" ގެ އޭރުގެ އެސިސްޓަންޓް އެޑިޓަރު މުހައްމަދު ޝަހީބު އެއް ދުވަހަކު އިބްރާހީމް ވަހީދު ގާތު އެދުނީ މުބާރާތުގައި އޭރު ބައިވެރިކުރަމުން ދިޔަ ވާހަކަތައް ނޫހުގައި ޖަހަން ދިނުމަށެވެ.

ޖެނުއަރީ 31، 1994 ގައި "ހަވީރު" ގައި ޝާއިއުކުރި އިބްރާހީމް ވަހީދުގެ "އެހެނަސް" ވާހަކައާ އެކު ފެށި އެ ދަތުރަށް މިއަދު ބަރާބަރު 31 އަހަރު ފުރުނީ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް، އޭނާގެ ވާހަކައެއް ކިޔާލަން ދިވެހީންނަށް ނުލިބޭ ހަފުތާއެއް ނުދެ އެވެ. އެހެން ބައެއް ނޫސްތަކަށް ލިޔުނަސް، އޭރުން ފެށިގެން އޭނާގެ ވާހަކަތަކަކީ "ހަވީރު"، އަދި އެ ނޫސް ހުއްޓާލަން ޖެހުމުން 2016 ގައި އުފެއްދި "މިހާރު" ނޫހުގެ މަޖުބޫރު މާއްދާއެކެވެ. "މިހާރު" ގައި ނަމަ ކޮންމެ އާދިއްތަ ދުވަހަކާއި ބުދަ ދުވަސް އެއީ "ބިންމާ" ގެ ދުވަހެވެ.

މުބާރާތުގައި ބައިވެރިކުރަން ލިޔާ ވާހަކަތައް އެންމެ ފުރަތަމަ ނޫހުގައި ޖެހި ނަމަވެސް ދުވަސްކޮޅެއް ފަހުން ސީދާ ނޫހަށް ހާއްސަ ކޮށްގެން ވާހަކަ ލިޔަން ފެށި އެވެ. އޭރު ދިވެހީން ދަންނަނީ ވާހަކަ މުބާރާތުން ވަނަ ހޯދާ އިބްރާހީމް ވަހީދެކެވެ. ނަމަވެސް، ޓީވީ މޯލްޑިވްސްގައި އެއްކޮށް މަސައްކަތްކުރި މަޝްހޫރު އޮގަރު އިބްރާހީމް ވަހީދު ދިން ލަފައެއްގެ މަތިން އޭނާގެ ބައިލައިން އަށް، އާއިލީ ނަން ކަމަށްވާ "ބިންމާ" އިތުރުކުރުމާ އެކު ވާހަކަ ލިޔާ ބިންމާ އިބްރާހީމް ވަހީދެއް ތައާރަފުވި އެވެ. އޭރު އޭނާގެ ކޮއްކޮ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުﷲ ވަހީދު ވެސް ދިޔައީ "ބިންމާ" ގެ ނަން ބޭނުންކުރަމުންނެވެ. ނަމަވެސް ބިންމާ އަބްދުﷲ ވަހީދަށް ވުރެ ބިންމާ އިބްރާހީމް ވަހީދު އިސާހިތަކު މަޝްހޫރުވި އެވެ.

ބިންމާ އިބްރާހީމް ވަހީދު (ކ) އަށް 1996 ވަނަ އަހަރު ރައީސް މައުމޫން އާއްމު ހިދުމަތުގެ އިނާމު ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެ މަޝްހޫރުކަމުގެ ފަހަތުގައި އޮތީ ކިތަންމެ ޝައުގުވެރި މަސައްކަތެއް ކަމަށް ވިޔަސް، ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އޭރު އެކަން ކުރަން ޖެހުނީ ވަރަށް ބޮޑު ގުރުބާނީތަކެއް ވެގެންނެވެ. ލިޔަން ވަގުތު ވަނީ ޓީވީ މޯލްޑިވްސްގެ ބުރަ ޑިއުޓީ ނިންމާފައި އައިސް ދަންވާ ފަހުންނެވެ. ކޮޓަރީގައި މޭޒެއް ބަހައްޓާނެއް ޖާގައެއް ނެތުމުން ލިޔަނީ އެނދުގައި އޮށޯވެގެން އޮވެ އެވެ. ބަންޑުން އޮވެ ލިޔަމުން ގޮސް މެޔަށް ތަދުވާން ފެށުމުން އުއްޑުން އޮވެ ލިޔަން ފަށަނީ އެވެ.

ވާހަކަ ލިޔެގެން އޭރު ލިބެނީ މަހަކު އެންމެ 350 ރުފިޔާ އެވެ. އެއީ އޭރު އޭނާގެ މާލީ ހާލަތު ހުރި ގޮތުން ވަރަށް ކުޑަކުޑަ އެއްޗެކެވެ. އެހެންވެ އެއީ އެއްވެސް މާނައެއް ނެތް، ބޭކާރު މަސައްކަތެއްގެ ގޮތުގައި ބައެއް ރައްޓެހިން ސިފަކުރި އެވެ. އެކަމަކު ވެސް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ހުއްޓާނުލާ ކުރިއަށް ގެންދިޔައީ އެވެ.

"ހީވަނީ ލޭގެ ބަދަލުގައި ނާރުތަކުގައި ވެސް ދެލިހެން ހުންނަނީ،" ބިންމާ ބުންޏެވެ.

އޭރު އޭނާ ވަނީ ބައެއް ޓީވީ ޑްރާމާތަކާއި ފިލްމުތަކަށް ސްކްރިޕްޓް ވެސް ލިޔެދޭން ފަށައިފަ އެވެ. އެކަމަކު ބިންމާ އެންމެ މަޝްހޫރުވީ، އެ ވާހަކައެއްގެ މައްޗަށް ކާމިޔާބު ފިލްމެއް ވެސް ހެދި "ފަތިސްހަނދުވަރު" ވާހަކަ އިންނެވެ. އެއީ ބިންމާގެ އަންހެނުން އަދި މިއަދާ ހަމަޔަށް ވެސް އޭނާގެ ކޮންމެ ވާހަކައެއް އެންމެ ފުރަތަމަ ކިޔާ ފާތިމަތު ޚޫރުޝީދާ ދިން ހިޔާލެއްގެ މައްޗަށް 1995 ވަނަ އަހަރު "ހަވީރަ"ށް ލިޔުނު ކުރުވާހަކައެކެވެ.

އަންހެނުން އެދުނީ، ފަތިސް ގަޑީގައި ހަނދުވަރު ބަލަން އިންދާ ދިމާވާ ބިރުވެރިކަމެއްގެ ވާހަކައެއް ލިޔުމަށެވެ. ބިންމާ އެކަމަށް އެއްބަސްވެ ނިންމީ، ރަހަ ތަފާތުކޮށްލުމަށްޓަކައި ފިރިހެން ޖިންނިއެއްގެ ކެރެކްޓަރު އެ ވާހަކައިގައި ހިމެނުމަށެވެ. ރާއްޖޭގައި ކިޔައި އުޅޭ ގިނަ ބިރުވެރި ވާހަކަތަކުގައި މުޅިން ވެސް އުޅެނީ އަންހެން ޖިންނި ކަމުން، ފިރިހެން ޖިންނިއެއް ދިވެހީން ބަލައިގެންފާނެތޯ ޚޫރުޝީދާ ސުވާލު ވެސް އުފެއްދި އެވެ. ފިރިހެން ޖިންނިއެއް ދެކެ އަންހެން އިންސާނެއްގެ ހިތުގައި އުފެދޭ ލޯތްބެއްގެ މައްޗަށް ލިޔުނު އެ ވާހަކަ ދިނުމުން ޝަހީބު އެދުނީ ސިލްސިލާއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

"ޝަހީބު ބުނީ ތިއީ ނިންމަން ހެޔޮވާވަރު އެއްޗެއް ނޫނޭ،" ބިންމާ ބުންޏެވެ.

އެ ވާހަކައިގައި ޖަހަން ބިންމާ ދިން އަންހެން ކުއްޖެއްގެ ފޮޓޯގެ ބަދަލުގައި، ރޮނގުދެމި ރަތާއި ކަޅު ގަމީހެއް ލައިގެން ހުރި ފިރިހެން މޮޑެލެއްގެ ފޮޓޯ، ޕެޕޭ ޖީންސް އިސްތިހާރަކުން ނަގައިގެން ނޫހުގައި ޖެހީ ވެސް ޝަހީބެވެ. އެ ހިސާބުން އިސްތަށިގަނޑު ދިގުކޮށް ހުރި އެ މޮޑެލްގެ ޕޯޒް އާއި އެ ގަމީސް މަޝްހޫރުވެ ބިންމާ ވާހަކައިގެ ތެރެއަށް އެކަންކަން ވެއްދީ އެވެ.

"ފަތިސްހަނދުވަރު" ގެ ޕޯސްޓަރު.

އެ ވާހަކަ ރީތިވީ ހަމައެކަނި އާއްމުންނަކަށް ނޫނެވެ. ރާއްޖޭގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް ވާހަކަ ކަމުގޮސް އެ އަށް ފިލްމު ހަދަން ޝައުގުވެރިކަން ފާޅުކުރަން ފެށި އެވެ. އޭގެ ތެރެއިން އީސާ ޝަރީފް ވަގުތުން ވަގުތަށް ފައިސާދީ، ވާހަކައިގެ ރައިޓްސް ގަތެވެ. ސްލޭމް ސްޓޫޑިއޯ މެދުވެރިކޮށް، އީސަ ފިލްމު އުފައްދާ 1997 ގައި އޮލިމްޕަހުގައި އެޅުވުމާ އެކު، އޭގެ ޖާދޫގައި ނުޖެހޭ މީހަކު މަދެވެ. ބިންމާގެ އުފެއްދި ފިރިހެން ޖިންނި "ޖިނާ" ވެގެންދިޔައީ ދިވެހި ފިލްމީ ތާރީހުގެ އެންމެ ކްލެސިކް އެއް ކެރެކްޓަރަށެވެ. އޭގެ ޑައިލޮގްތައް މިއަދު ވެސް އެހާމެ މަޝްހޫރެވެ.

"މޫސަ އަށް ވަރަށް ބޮޑު ކްރެޑިޓެއް ދޭން ޖެހޭ. އޭނާ އެ ރޯލު ވަރަށް މޮޅަށް އަދާކޮށްފައި އޮތީ،" ބިންމާ ބުންޏެވެ.

އެ ފިލްމުގެ ކާމިޔާބީގެ އަނެއް ސިއްރަކީ ބިންމާ ބުނި ގޮތުގައި އޭނާގެ ހިޔާލަށް ލިޔުނު މަންޒަރުތައް، އޭރުގެ ޓެކްނޮލޮޖީގެ ފެންވަރުން އީސަ ބެލުންތެރިންގެ ހަމަލޮލަށް ގެނެސްދީފައިވާލެއް ވެސް މޮޅުކަމެވެ.

"ސްޕެޝަލް އިފެކްޓްސް ބައި މިހާރަށް ބަލާފައި ވަރަށް ޖޯކު ވެދާނެ. އެކަމަކު އޭރަށް ބަލާފައި އެއީ ވަރަށް ފެންވަރު ރަނގަޅު އެއްޗެކޭ ބުނެވޭނީ،" ބިންމާ ބުންޏެވެ.

ބިންމާ ފާހަގަނުކުރި ނަމަވެސް، އޭނާގެ ވާހަކަތަކަށް ހެދި ފިލްމުތަކުގެ ކާމިޔާބީގެ އެއް ސަބަބަކީ، އެ ވާހަކަތައް އޭނާ ލިޔެފައި ހުރީ ޒަމާނީ ސްޓޯރީޓެލިން ސްޓައިލަށް ކަމަށް ވުމެވެ. ބިންމާގެ ބައްޕަ މަރްހޫމް އަލީ އީސަ އަކީ ގޭގައި ފިލްމް ކުއްޔަށް ދޫކުރާތަނެއް ހިންގި މީހަކަށް ވުމުން، އޭނާ ކުޑައިރު ވަރަށް ގިނައިން ފިލްމު ބެލި އެވެ. ތަކުރާރުކޮށް އެއް ފިލްމެއް ވެސް އެތައް ފަހަރަކު ބަލަ އެވެ. ވާހަކަ ލިޔުމުގެ ފަންނަކީ ވެސް، ނޭނގި ނަމަވެސް އޭރު ބިންމާގެ ގައިގައި އަށަގަން ފަންނަކަށް ވެދާނެ އެވެ.

"އޭރުއްސުރެ ވެސް، އެ މީހުން ވާހަކަ ލިޔެފައި ގޮތާއި އެމީހުން ހާދިސާ އުފައްދާފައި ހުންނަ ގޮތާ ދޭތެރޭގައި ވިސްނޭ،" ބިންމާ ބުންޏެވެ.

ސްކޫލް ނިންމާފައި ޓީވީ މޯލްޑިވްސް އަށް ވަންނަން ބޭނުންވީ ވެސް އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. ޓީވީގައި އެޑިޓިންގެ މަސައްކަތް ކުރަން ބޭނުންވި ނަމަވެސް، ކެމެރާކުރަން ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފައި އޭނާ އަށް ވަދެވުނީ އާއްމުންނަށް ނުފެންނަ މަންޒަރުތައް ރެކޯޑްކޮށް ދައްކައިދޭ ދުނިޔެއަކަށެވެ. ޕްރޮގްރާމް ބައިގެ އިތުރުން ނިއުސްރޫމުގައި ވެސް އުޅެން ޖެހޭތީ، އެކްސިޑެންޓްތަކާއި އެފަދަ ބައެއް ހާދިސާތަކުގެ މަންޒަރުތައް ކެމެރާކުރަން އޭނާ އަށް ފުރުސަތު ލިބެ އެވެ.

"އެގޮތަށް ވީޑިއޯ ކުރާއިރު ވެސް ވިސްނަން ޖެހޭ ކޮން ގޮތަކަށް، ކޮން އޭންގަލަކުން، ކޮން ޝޮޓެއް ނަގައިގެންތޯ ބަލާ މީހާ އަށް މި މަންޒަރު އެންމެ ރަނގަޅަށް ދެއްކޭނީ. އެހެން ގޮސް އެ ވަދެވެނީ ވެސް ހަމަ އަނެއްކާ ވާހަކައެއް ކިޔައިދިނުމުގެ ތެރެއަށްތާ،" ބިންމާ ބުންޏެވެ.

ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވުމުގެ ކުރިން އޭނާ ވަނީ ފިލްމެއް ވެސް ކުޅެފަ އެވެ. އޭނާއާ އެކު ޓީވީގައި މަސައްކަތްކުރި މުހައްމަދު ނިޔާޒް (ޓެޑްރީ) 1994 ގައި ޑައިރެކްޓްކުރި "ދެރިޔާ" ގައި ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި އެވެ. ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެ ފިލްމުގައި ބިންމާ ރޯލެއް އަދާކުރިޔަސް އެއީ އޭނާ މާ ޝައުގުވެރިވި މަސައްކަތެއް ނޫނެވެ.

"ޓެޑަކީ ވަރަށް ގާތް ރައްޓެއްސެއް. އޭނާ އެދުމުން ކުޅެދިނީ،" ބިންމާ ބުންޏެވެ.

"ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރާ ހިތްވަނީ."

އެކަމަކު ކެމެރާމަންގެ މަސައްކަތުން ވެސް ބިންމާ ވަނީ އަހަރުތަކެއް ކުރިން ރިޓަޔާ ކޮށްފަ އެވެ. މިހާރު އޭނާ އަކީ ފުލްޓައިމް ލިޔުންތެރިއެކެވެ. ބިންމާ ބުނި ގޮތުގައި ހަފުތާއަކު ކުރުވާހަކައެއް އެކަނި ލިޔަން ބެލި ކަމަށް ވިޔަސް މިއީ 24 ގަޑިއިރުގެ މަސައްކަތެކެވެ. އެއް ވާހަކަ ލިޔެ ނިމޭއިރަށް އަނެއް ވާހަކައެއްގެ ހިޔާލު ސިކުނޑީގައި ކުރަހާލުމުން ފެށިގެން ޑްރާފްޓްކޮށް، އެޑިޓްކޮށް، ޕްރޫފްބެލުން މިއީ ގިނަ ވަގުތު ހޭދަވާ ކަމެކެވެ. އޭނާ އެންމެ ޖެހިލުންވަނީ ވެސް ވާހަކައެއްގައި ކުށެއް އޮވެދާނެތީވެ އެވެ. އެހެންވެ ފޮނުވުމުގެ ކުރިން ވަރަށް ބޮޑަށް ބަލަ އެވެ.

އެކަމަކު އެބަތިބި ކުޑަކުދިންނަށް ދިވެހި ދަސްކޮށްދޭން ބޭނުންވާ ބެލެނެވެރިން ވެސް. އެހެންވީމަ އެހާ އަވަހަށް އެ ފޮތް ވިކި ހުސްވީ، އެއީ ދެން ހެޔޮ ފާލެއް ކަމަށް ބެލިދާނެ،"--- ބިންމާ

"ނޫހަށް ވާހަކަ ފޮނުވަން އެ އޮންނަ ވަގުތަށް ވުރެ އެންމެ މިނެޓަށް ވެސް ފޮނުވުން ލަސްވެގެން ނުވާނެ. ނުވަތަ ނުނިމި އޮވެގެން ނުވާނެ. އެއީ އަބަދުވެސް ވިސްނާ ކަމެއް،" ބިންމާ ބުންޏެވެ.

"ތަނަކަށް ފުރަން ޖެހުނަސް އެންމެ ފުރަތަމަ ބަލަނީ އެ ހަފުތާއެއްގައި ލިޔަން ޖެހޭ ވާހަކަ ނިންމޭތޯ."

އެއީ ތެދެކެވެ. "ހަވީރު" ގެ ރަންޒަމާނުން ފެށިގެން "މިހާރު" ގެ ތަޖުރިބާއަކީ ވެސް ބިންމާގެ ވާހަކަ ލަސްވެގެން ނުވަތަ ނުލިބިގެން ދުވަހަކު ވެސް އޭނާ އަށް ގުޅަން ނުޖެހޭ ކަމެވެ. އެހާވެސް އެ ކަމަށް ބިންމާ ފަރުވާތެރިކަން ބަހައްޓަ އެވެ. ބިންމާގެ ޚަބަރެއް ނުވެގެން އެޑިޓަރުގެ ސިކުނޑި ހާސްވާން ދުވަހަކު ވެސް ފުރުސަތެއް ނުދެ އެވެ.

އާއްމުންނަށް ފެންނަނީ ކޮންމެ ހަފުތާއަކު ބިންމާގެ އެންމެ ކުރުވާހަކައެއް ނަމަވެސް، އޭނާގެ ޝެޑިއުލުގައި ވަރަށް ގިނަ މަސައްކަތް ހިމެނެ އެވެ. އޭގެ ތެރޭގައި ފޮތުގެ ގޮތުގައި ޝާއިއުކުރާ ދިގު ވާހަކަތައް ލިޔުމާއި ފިލްމާއި ޑްރާމާތަކަށް ސްކްރިޕްޓް ލިޔުމާއި ފޭސްބުކް ޕޭޖަށްލާ ޕޯސްޓް ހެދުން ހިމެނެ އެވެ. އޭނާގެ ޕޭޖުގައި ކޮންމެ ދުވަހަކު ވެސް ދިވެހި ލަފްޒުތަކުގެ މައުލޫމާތާއި ތާރީހީ މައުލޫމާތު ޝާއިއުކުރެ އެވެ. އަދި މިހާރު އޭނާ އަންނަނީ މީހެއްގެ ބަޔޯގްރަފީ ފޮތެއް ވެސް ލިޔަމުންނެވެ.

އެ ހުރިހާ ފަންނަނީ މަސައްކަތެއްގެ ތެރެއިން ފަހަކަށް އައިސް އާއްމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ އޭނާ ލިޔުނު ކުޑަކުދިންގެ ސަތޭކަ ކުދި ވާހަކަ ފޮތަށެވެ. އޭނާ ވިއްކަން ނެރުނު 900 ފޮތް އެންމެ 54 ދުވަހުގެ ތެރޭގައި ވިކި ހުސްވެ، މިހާރު ވެސް ގިނަ ބަޔަކު އެ ފޮތަށް އެދެމުން އަންނާތީ، ރޯދަމަހަށް އިތުރު ޗާޕެއް ނެރެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ިބިންމާ އިބްރާހީމް ވަހީދު "މިހާރު" އަށް އިންޓަވިއުދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ މަސައްކަތް ބިންމާ އެހާމެ ޝައުގުވެރިކަމާ އެކު ކުރާ ސަބަބަކީ، އެއީ ކުޑަކުދިންގެ ހިތްތަކުން ދިވެހި ބަހަށް ޖާގަ ހޯދައިދޭވެނެ ކަމަކަށް ވުމެވެ. ބިންމާ ބުނި ގޮތުގައި "މިހާރު ބައެއް ގޭގޭގައި ހުންނަނީ ދިވެހި ބަސް ވަނަ ނުދޭން ވެލިބަސްތާ ޖަހާފަ" އެވެ. އޭގެ ސަބަބުން ކުދިންގެ ހިތްތަކުން ދިވެހި ބަހަށް އޮތް ޝައުގުވެރިކަން ދަނީ ގެއްލެމުން ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު އެބަތިބި ކުޑަކުދިންނަށް ދިވެހި ދަސްކޮށްދޭން ބޭނުންވާ ބެލެނެވެރިން ވެސް. އެހެންވީމަ އެހާ އަވަހަށް އެ ފޮތް ވިކި ހުސްވީ، އެއީ ދެން ހެޔޮ ފާލެއް ކަމަށް ބެލިދާނެ،" ބިންމާ ބުންޏެވެ.

އެހެންވެ ލިޔުންތެރިއެއްގެ ހައިސިއްޔަތުން، ދިވެހި ބަސް ދިރުވައި އާލާކުރުމަށް އޭނާ ފަރުދީ ޒިންމާއެއްގެ ގޮތަށް ކުޑަކުދިންގެ ވާހަކަ ލިޔުމަށް ހާއްސަ ސަމާލުކަމެއް ދެ އެވެ. މިހާރު ބިންމާ ވިސްނާފައި އޮތީ، އޭނާގެ އުމުރުން ހަ އަހަރަށްދާ ކާފަދަރިފުޅަށް ފުރޭ ކޮންމެ އަހަރަކާ އެކު އެ އުމުފުރައަށް ހާއްސަކޮށްގެން ވާހަކައެއް ނެރުމަށެވެ. އެންމެ ތުއްތު ކުދިންނަށް ހާއްސަ ވާހަކަ ފޮތް ހުރި ނަމަވެސް، އެ އަށް ވުރެ ދޮށީ ކުދިންނާއި ޓީންއޭޖް ކުދިންނަށް ދިވެހި ފޮތް ނެތުމުގެ ހުސްކަން، ފިލުވުމަކީ ބިންމާގެ މިހާރުގެ އެއް އަމާޒެވެ.

ކުޑަކުދިން ވެސް ހިމެނޭހެން ދިވެހި މުޖުތަމައުގެ އެކި ފަންތީގެ މީހުން ބިންމާގެ ވާހަކަތައް ކިޔާއިރު، ބިންމާ ކިޔައި އުޅެނީ ކޮން ލިޔުންތެރިއެއްގެ ވާހަކަތޯ މިއީ ގިނަ ބަޔަކު ހިތުގައި އުފެދޭ ސުވާލެކެވެ. އޭނާގެ ޖަވާބަކީ އެއްވެސް ވަރަކަށް ވާހަކަ ކިޔައި ނޫޅޭ ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް އޭނާ އަށް ކަމުދާ ލިޔުންތެރިއަކު ނެތީމައެއް ނޫނެވެ. އެހެން ލިޔުންތެރިންގެ ވާހަކަ ކިޔާ ނަމަ ނޭގި ނަމަވެސް އެ އިން ވާހަކައެއްގެ ހިޔާލު އޭނާގެ ވާހަކައެއްގެ ތެރޭ ގެނެވިދާނެ ކަމުގެ ބިރު ހީވާތީވެ އެވެ.

"އެކަމަކު މީހުން ލިޔެފައި ހުންނަ (އެހެން ކަހަލަ) ފޮތް ކިޔަން. ޑޮކިއުމެންޓަރީ ވެސް ބަލަން. ހާއްސަކޮށް މީސްމީހުންނާއި ރަށްރަށާއި ސަގާފަތާ ބެހޭ އެއްޗެހި. އޭގެ ބޭނުމަކީ އާއްމު މައުލޫމާތު މުއްސަނދިކުރުން،" ބިންމާ ބުންޏެވެ. ޒުވާން ލިޔުންތެރިންނަށް ބިންމާ ދޭން އޮތް ނަސޭހަތަކީ ވެސް އެއީ އެވެ. އާއްމު މައުލޫމާތު މުއްސަނދިކުރުމެވެ. ވަކި ހާއްސަ ދާއިރާއެއްގެ ލިޔުން ލިޔާ ނަމަ އެ ސަބްޖެކްޓެއް ވަރަށް ރަނގަޅަށް ދަސްކުރުމެވެ. ދިވެހި ބަހުން ލިޔާ ނަމަ ދިވެހި ބަސް، އިނގިރޭސި ބަހުން ލިޔާ ނަމަ އެ ބަހަށް ރަނގަޅަށް ފަރިތަވުމެވެ.

"އަބަދުވެސް ވަޅި ތޫނުކޮށްގެން ގެންގުޅެން ޖެހޭނީ. ވަޅި ތޫނުނުކުރަންޏާ ކިހިނެއް ގަސް ގަނޑާނީ؟،" އޭނާ ބުންޏެވެ.

ބިންމާ އިބްރާހީމް ވަހީދު: ދިވެހި ބަހަށް އޭނާ އަންނަނީ އަގުހުރި ހިދުމަތްތަކެއްކޮށްދެމުން.

ބިންމާ އޭނާގެ ވަޅި ތޫނުކުރަން ފެށިތާ ސާޅީސް އަހަރުވާން ގާތްވެފައިވާއިރު މިހާތަނަށް ކުރުވާހަކަ އާއި ދިގުވާހަކަ ހިމެނޭހެން ޖުމްލަ 1،073 ވާހަކަ ވަނީ ލިޔެފަ އެވެ. ސަތޭކަ އަށް ވުރެ ގިނަ ފޮތް ޗާޕުކޮށްގެން ވަނީ ނެރެފަ އެވެ. އޭގެ ތެރެއިން އޭނާގެ ފޭވަރިޓަކީ ކޮން ވާހަކައެއް ހެއްޔެވެ؟

"އެއީ "ދުންފިނި" ނަމުގައި ލިޔުނު ވާހަކަ،" ބިންމާ މާބޮޑު އުނދަގުލެއް ނެތި ބުނެލި އެވެ.

ސުޕަނެޗުރަލް ނުވަތަ ރޫހާނީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔުނު އެ ވާހަކައިގެ ސެޓިންއަކީ ގްރީކެވެ.

"އެއީ މިހާތަނަށް ލިޔެވުނު އެންމެ ހިތްހަމަ ޖެހޭ ވާހަކަ. އަބަދުވެސް ބަލަނީ ކުރިން ލިޔުނު އެއްޗިއްސާ ތަފާތު ވާހަކައެއް ލިޔަން. އެގޮތަށް ލިޔުނު ވަރަށް ތަފާތު ވާހަކައެއް އެއީ."

ބިންމާ ވަނީ ރާއްޖޭގައި އާއްމުކޮށް އަތްލަން ނުކެރޭ، ދައްކަން ނުކެރޭ މައުލޫތަކަށް ވާހަކަ ލިޔެ އެކަންކަމަށް އާއްމުން ހޭލުންތެރި ވެސް ކޮށްފަ އެވެ. ކުރިން ރާއްޖޭގައި އާއްމުކޮށް ލިޔާ ބިރުވެރި ވާހަކަތައް ނިމޭނީ ހުވަފެނަކުން ހޭލެވާ ތަނަށެވެ. އެއީ އެފަދަ ކަންކަމަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަން ބޭނުންނުވާ ލިޔުންތެރިންގެ ސްޓައިލެއް ކަމަށް ވެދާނެ އެވެ. ބިންމާ ވަނީ އެ ޓްރެންޑް ބަދަލުކޮށްފަ އެވެ. ސިހުރުހާހޫރަ، ޖިންސީ ގޯނާ، ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް، ކައިވެނީގެ ބޭރުން އުފައްދާ ގުޅުން ފަދަ އެތައް މައުލޫއުތަކަށް އޭނާ ވަނީ ވާހަކަ ލިޔުމެވެ.

އެއީ އޭނާގެ ކާމިޔާބީގެ ވަރަށް ބޮޑު ސިއްރެކެވެ. އަނެއް ސަބަބަކީ ބިންމާ އަކީ ޕޮޕިއުލާ ފިކްޝަން ލިޔުންތެރިޔަކަށް ވުމެވެ. މުޖުތަމައުގެ އާއްމު މައްސަލަތަކަށް ބިނާކޮށް ލިޔެފައި ހުންނަ، ކިޔަން ފަސޭހަ ލުއި ބަސްމަގާއި އާއްމު ބަހުރުވަ އެކުލެވޭ ވާހަކަތައް ވެގެންދިޔައީ ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު މުނިފޫހިފިލުވާނެ މާގިނަ ގޮތްތަކެއް ނެތް ދިވެހި ޒުވާނުންނަށް އަގުހުރި އެއްޗަކަށެވެ. އެކަމަކު ބިންމާ ދެކޭ ގޮތުގައި އޭނާ އަކީ މޮޅު ލިޔުންތެރިއެއް ނޫނެވެ.

"އެއް ކަމެއްގައި އެހާ ގިނަ ދުވަހު ދެމި ހުރީމާ މީހުން ބަލައިގަންނާނެތާ،" ބިންމާ ބުންޏެވެ.

"މޮޅު ލިޔުންތެރިންނަކީ ސައިކުރާ ނައީމްމެން، މަޑުލު ވަހީދުމެން. އެ ވަރަށް ލިޔެވޭ ކަމަށް ގަބޫލެއް ނުކުރަން."

އެހެންވިޔަސް މައްސަލައެއް ނެތެވެ. ބިންމާ މި ފަންނުގެ ތެރެއަށް ވަންނަން މެދުވެރިވި ދެރަބަސް އޮޅިގެން ނަމަވެސް ވިދާޅުވެވުނު މުދައްރިސް ވަނީ، ބިންމާގެ ހުނަރަށް ތައުރީފުކުރައްވައިފަ އެވެ. ޓީވީ މޯލްޑިވްސްގައި މަސައްކަތްކުރި ދުވަސްވަރު އެ މުދައްރިސުގެ އިންޓަވިއުއެއް ނަގަން ބިންމާ އެ ގެ އަށް ދިޔަ ދުވަހެއްގައި، އެ މުދައްރިސް އޭނާގެ އަނބިކަނބަލުންނަށް ބިންމާ ތައާރަފު ކޮށްދެއްވީ "ރާއްޖޭގައި ހުރި އެންމެ މޮޅު ވާހަކަ ލިޔުންތެރިޔާ" ގެ ގޮތުގަ އެވެ.

"މުދައްރިސުގެ ދުލުން އެފަދަ ތައުރީފެއް އިވުނީތީ ވަރަށް އުފާވި،" ބިންމާ ބުންޏެވެ.

އެ ދުވަހު އެ ގެއިން ނުކުންނަމުން ވަރަށް ނާހަން ހުރެފައި ވެސް ބިންމާ އެ މުދައްރިސާ ސުވާލު ކުރި އެވެ.

"އަޅުގަނޑު ލިޔުންތެރިޔަކަށްވީ ކިހިނެއްކަން އެނގިވަޑައިގަންނަވާތޯ؟،"

"އާނ." މުދައްރިސް ވިދާޅުވި އެވެ. "މުދައްރިސަކު ބުނުއްވި ދެރަބަހަކަށޭ އިންޓަވިއުއެއްގައި ބުނި އަޑު އެހިން."

އެ ވަރުން ވެސް ބިންމާގެ ހިތެއް ހަމައެއް ނުޖެހުނެވެ.

"އެ މުދައްރިސަކީ ކާކުކަން އެނގިވަޑައިގަންނަވާތޯ؟،" ބިންމާ އެހި އެވެ.

ހިނިގަނޑެއް ޖަހާލާފައި އެ މުދައްރިސް ވިދާޅުވީ ތި ވާނީ ތިމަންނައަށް ކަމަށެވެ.

"އެ ދުވަހު އެހެން ބުނެވުނީތީ މިއަދު ދެރައެއް ނުވަން،"

ދެރަވާންވީ ސަބަބެއް ނެތެވެ. އެ ބަހުގެ ސަބަބުން ދިވެހި ބަހުގެ ވާހަކަ ބަގީޗާ އަށް މީރުވަސްދުވާ މަލެއް އިތުރުވީ އެވެ.

32 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 93%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޡާ...

02 February 2025

މިއީ މުސްކުޅިވެސް ނުވާ މީހެއް. އަހަރެމެން ކުޑައިރުވެސް މީނަގެ ވާހަކަތައް ކިޔަމުންއައީމު. އަހަރެމެން މިހާރު މުސްކުޅިވީ އިރުވެސް މީނަ މިހުރީ ޒުވާންކަމުގައި. ސިއްރު ބުނެލަދީ!

The name is already taken The name is available. Register?

ކިއްލާ2222

03 February 2025

އޭނަ ވ ބޮޑަށް ބަދަލުވެފަ އެއިނީ! އެ އުމުރުގަ ޖަހާނީ އެ ވައްތަރު! 60 އހަރު ހެން ހަމަ ހީވަނީ ދެން 60 އހަރަކުން އެޔަށްވުރެން މުސްކުޅި އެއް ނުވާނެ! ކުރީ ޒަމާނުގަ 80 އހަރު މީހުން 60 އހަރޭ ބުނާތީ އޮޅިފަ ތި ހިރީ! ވަސާގެން އުޅޭ މީހުންނަށް ނަޒަރު ހިންގާލާ ދިރާސާ ކޯށްލަބަލަ

The name is already taken The name is available. Register?

ވޯލް

02 February 2025

ކިޔަވާ ދުވަސްވަރު ޓީޗަރުން ބުނާ އަދި ކުރާ ބައެއް ކަންކަމުން ކުދިން ދެރަވެ އަދި ބައެއް ފަހަރު ބޮޑު މައްސަލައަކަށްވެސް ވޭ، ޚާއްސަކޮށް މިޒަމާނުގައި. އެކަމަކު ކުދިންނަށް ނުވިސްނުނަސް ބެލެނިވެރިން ވިސްނެންވީ، ޓީޗަރުން އެފަދަ ބަސްބުނަނީ އެ ކުދިންގެ ލާބަޔާ މަންފާއަށް އެދޭތީކަން. އަދި ކިޔަވާދިނުމުގައި އެކުދިންގެ ކެޕޭސިޓީ އެންމެ ރަގަޅަށް އެންގޭނީވެސް ޓީޗަރަށް.

The name is already taken The name is available. Register?

ބިންމާ ފޭން (އީ4)

02 February 2025

ބިންމާއަކީ މިޖީލުގެ އެންމެ މޮޅު ވާހަކަ ލިޔުންތެރިޔާ އޭ ބުންޏަސް މިކަމާ ދެބަސްވާނެ މީހަކު ނުހުންނާނެ. ބިންމާގެ ވާހަކަ ތަކުގެ އެންމެ މޮޅުތަންކޮޅަކީ ވާހަކާގެ ފުލޯ ހިފަހައްޓާލެއް މޮޅުކަން. ބަސްމަގު އެހާ ފަށުވި، ބުނާނެ އެއްޗެއް ނެތް. އަޅުގަނޑަކީ ބިންމާގެ ހުރިހާ ވާހަކައެއް ހެން ކިޔާ މީހެއް. މާތްﷲ ބިންމާ އަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެެއްވާށި! އާމީން.

The name is already taken The name is available. Register?

ނެތްމާ

01 February 2025

ސުރުޚީ ވަރަށް މޮޅު، ވަރަށް ސަޅި. އެކަމު ފިރިހެނަކަށް މަލެކޭ ބުނުން އެހާ ގުޅޭބާ. ބިންމާގެ ހުރިހާ ވާހަކައެއް ނުކިޔަން އެކަމު ބިންމާގެ ބައެއް ވާހަކަތައް ވަރަށް ޝައުގުވެރި. ލިއުންތެރިކަން ވަރަށް ކަމުދޭ. ކިޔާލި މަދު ވާހަކަތަކުން ބިންމާގެ އަމިއްލަ ކެރެކްޓަރ ފާޅުވާހެން ހީވޭ ބައެއް ފަހަރު. އެކަމު ހަގީގަތުގަ ބިންމާއާ ދިމާނުވާތީ އެކަން އޮންނާނީ ހަމަ ހީވާ ހީވުމެއްގެ ގޮތުގަ.

The name is already taken The name is available. Register?

މަންމައެއް

01 February 2025

ވަރަށް އުފާވެއްޖެ ފުރާވަރުގެ އުމުރަށް ވާހަކަ ލިޔުމުގެ ވާހަކަ އައީތީ އަވަހަށް ލިބޭނެކަމަށް އުއްމީދުވެސް ކުރަމު

The name is already taken The name is available. Register?

ބިންމާ 1.0

01 February 2025

އަޅުގަނޑަށް ފެންނަ ގޮތުގައި ބިންމާގެ ނަން ދިވެހި ތާރީޚުގައި ފެވިގެންދާނީ ވާހަކަ ލިޔުމުގެ ރޮނގުން ޤައުމު ދުށް ދެވަނައެއް ނެތް ފަދަ ލިޔުންތެރިިއެއްގެ ގޮތުގައި. ދިވެހި ބަސް ކުރިއަރުވާ ދެއްވި މުދައްރިސެއްގެ ގޮތުގައި. މުނިފޫހި ފިލުވައިދިން ބައިވެރިއެއްގެ ގޮތުގައި. ބިންމާގެ ކޮންމެ ވާހަކައަކީވެސް ނުހަނު ޝައުގުވެރިކަމާއިއެކީ ކީ ވާހަކަތަކެއް. ކުޑައިރުންސުރެ މިއަދާއި ހަމައަށް. އަބަދުވެސް ކާމިޔާބީއަށް އެދެން!

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

31 January 2025

ބިންމާގެ ކުރުވާހަކަތައް ކޮންމެސްވަރަކަށް ކިޔައިއުޅެން. ދެފަހަރެއްގެމަތިން ވަގުތުކޮޅަކަށްނަމަވެސް އޭނާއާ ދިމާވި. ވަރަށް ސާދާ ބޭފުޅެއް.

The name is already taken The name is available. Register?

ހައްޕު

31 January 2025

އަދިކިރިޔާ މިއެނގުނީ ބިންމާ ކޮނޑުމައްޗަށް ކެމެރާލައިގެން އުޅޭއިރު , ގަމީހުގައި ރުލެއްޖެހިދާނެތީ ބިރުން އުޅޭހެން އުޅެނީ ކީއްވެކަން. ކެމެރާކުރުމަކީ ބޭނުންވެގެން ކުރާކަމަކަށް ނުވާތީ ވާގޮތެއްކަން.

The name is already taken The name is available. Register?

1

31 January 2025

މާ އަދި ނުބިނދެއެވެ. ބިނދެފިއްޔާ މޯޅިވާނެއެވެ.

The name is already taken The name is available. Register?

ފިނިފެންމާ ސައީދު

31 January 2025

ވަރަށް ގިނަ މީހުންނަށް ވާހަކަލިޔަން ދަސްކޮށްދިން މުދައްރިސެއްވެސްމެ އޭނާއަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454