އުފަން ރަށް، ތ. ކިނބިދޫގައި އުޅެ ބޮޑުވީ ސަގާފަތާއި އިހުގެ ދިރިއުޅުން އެންމެ ފުރިހަމައަށް ތަޖުރިބާކުރަމުންނެވެ. އެ އުފާވެރި ހަނދާންތަކާއެކު އަލީ އައްސަދުގެ ދިރިއުޅުން ފުރިހަމަ އެވެ. އެކަމަކު، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ދިވެހިވަންތަކަން ފުނޑުފުނޑުވެގެންދާތަން ބަލަން އޭނާއަށް ވީ އުނދަގޫ ކަމަށެވެ. 

ސްރީ ލަންކާގައި ކިޔެވި، ވިޝުއަލް ކޮމިއުނިކޭޝަން ކޯހުން ދަސްވި ފިލާވަޅުތަކާއެކު "ދަ ލޯކަލް ލިވިން" އުފަންވީ، އައްސަދަށް ކުރެވުނު ތަޖުރިބާ، އޭނާގެ ލެންސުން ދުރަށް ދައްކައި ރާއްޖެ ޕްރޮމޯޓުކުރާށެވެ.

އެކި ރަށްރަށަށް ދަތުރުކޮށް، ސޯޝަލް މީޑިއާގައި ކުރީގެ ދިރިއުޅުން ދައްކަމުން އަންނަ ޒުވާނާ ބުނީ ޑޮކިއުމެންޓްރީ ފޮޓޯ ނެގުމުގެ ވިސްނުން އައީ މަސައްކަތެއް ނެތުމުން ކޮވިޑު ދުވަސްވަރު ރަށަށް ބަދަލުވި ހިސާބުން ކަމަށެވެ.

ދުވަސްތަކެއް ފަހުން ރަށުގައި ހޭދަކުރެވުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާއަށް ގަބޫލުކުރެވުނީ އެ ރަށުގެ އިހުގެ ސިފަތައް ގެއްލެމުންދާ ކަމެވެ. އޭނާއަށް ފެނުނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އަންނަމުންދާ ތަނެވެ. 

އެ ހިސާބުން، އެންމެ ފުރަތަމަ ނަގަން ފެށީ ވެސް އަމިއްލަ ރަށުގެ ފޮޓޯތަކެވެ. އެކަމަކު، އެ ފޮޓޯތައް ސޯޝަލް މީޑިއާއަށް އަޕްލޯޑުކުރަން ފެށުނީ އޭގެ އަހަރެއް ފަހުންނެވެ. 

"ކުރިން އައްސަދު އުޅެފައި ހުރި އުޅުން ދެއްކުން، އެއީ އަސްލު ބޭނުމަކީ." 27 އަހަރުގެ ފޮޓޯގްރަފަރު ބުންޏެވެ.

އައްސަދު، ރަށެއްގެ ފޮޓޯ ނަގަނީ
އައްސަދު، ރަށެއްގެ ފޮޓޯ ނަގަނީ

އޭނާ ބުނީ ފާއިތުވި 2-3 އަހަރުގެ ތެރޭގައި ނުވަ ރަށެއްގެ ޑޮކިއުމެންޓްރީ ފޮޓޯ ނަގާފައިވާ ކަމަށެވެ. އެ ހުރިހާ ފޮޓޯއަކަށް ވެސް ޕޮޒިޓިވް ފީޑްބެކް ލިބުނަސް އައްސަދު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ އީދުގައި  ކިނބިދޫގައި ހަދާ ކުނބުސްއާ ގުޅޭ ފޮޓޯ ސީރީޒެވެ. 

އެ ފޮޓޯތަކުން ކިޔައިދެނީ ކުނބުސް ހެދުމުގެ ފުރަތަމަ މަރުހަލާއިން ފެށިގެން އެންމެ ފަހު ސްޓެޕެވެ.

ޕެޝަންއެއްގެ ގޮތުގައި ޑޮކިއުމެންޓްރީ ފޮޓޯ ނެގިއަސް، އޭނާގެ ރަސްމީ ވަޒީފާއަކީ މާކެޓިން ވީޑިއޯ އެވެ. އެކަމަކު، އައްސަދު ބުނީ އޭނާ ގިނަ ވަގުތު ހޭދަވަނީ ވެސް ރަށްރަށުގެ ފޮޓޯ ނަގާށެވެ. އެހެންވެ، އާމްދަނީ ލިބޭނެ މަގަކަށް ލޯކަލް ލިވިން ބަދަލުކުރަން އޭނާ ބޭނުންވެ އެވެ. 

އެކަން ހާސިލްކުރުމަށް ކުރިއަށް އަޅާ އެއް ފިޔަވަޅެއްގެ ގޮތުން، ރަށްރަށުގެ ސާދާ ދިރިއުޅުމާއި ސަގާފީ ކަންކަން ވީހާ ވެސް ގިނަ ބަޔަކަށް ދައްކާލުމަށް، އެ ރަށްރަށުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްދިނުމަށް އައްސަދު އެދެ އެވެ. 

އޭނާ ބުނީ މިހާތަނަށް ގިނައިން ގޮސްފައިވަނީ ރައްޓެހިން ތިބޭ ރަށްރަށަށެވެ. އެ ތަންތަނަށް ދަނީ ޕްލޭން ކޮށްގެންނެވެ. އެކަމަކު، ރައްޓެހިން ނުތިބޭ ރަށްރަށުގެ ތަފްސީލީ މައުލޫމާތު ހޯދަނީ އެ ރަށަކަށް ގޮސްގެންނެވެ. ބައެއް ފަހަރު ރަށްރަށަށް ދިއުމުން ގެސްޓްހައުސްތަކުން ހުރުމާއި ކެއުން ހަމަޖައްސައިދޭތީ އޭގެ ބަދަލެއްގެ ގޮތުގައި ފޮޓޯއާ ވީޑިއޯ ނަގައިދިނަސް އަމިއްލަ ޖީބުން ވެސް ބޮޑު ހަރަދެއް ގޮސްފައިވާ ކަމަށް އައްސަދު ބުންޏެވެ. 

އައްސަދު، ރަށެއްގެ ފޮޓޯ ނަގަނީ.
އައްސަދު، ރަށެއްގެ ފޮޓޯ ނަގަނީ.

ކިޔެވުން ނިންމުމަށްފަހު މާލެ ބަދަލުވެ އޭނާ އެންމެ ފުރަތަމަ ނަގަން ފެށީ ވެޑިން ފޮޓޯތަކެވެ. އެކަމަކު، 3-4 އަހަރު ވަންދެން ކައިވެނި ހަފުލާތަކުގެ ފޮޓޯތައް ނެގި ހިސާބުން ފޫހިވެ، ބަދަލެއް ބޭނުންވެއްޖެ އެވެ. ހޮސްޕިޓާލިޓީ ފޮޓޯގްރަފީ ނަގަން ފެށީ އޭގެ ފަހުންނެވެ. 

ފޮޓޯތައް، ލައިންއާޓަށް ބަދަލުކޮށްގެން އައްސަދު ހަދާފައިވާ މި އަހަރުގެ ކަލަންޑަރެއް ވެސް ވަނީ ނެރެފަ އެވެ. ނަކަތަ ފެންނަ އެ ކަލަންޑަރުން ވެސް ދައްކައިދެނީ ދިވެހިންގެ އިހުގެ ދިރިއުޅުމާއި ރަށްފުށު، ސާދާ ދިރިއުޅުމެވެ.