އެ މީހުން އުޅުނީ އާރާއި ބާރާއި މުއްސަނދިކަމުގަ އެވެ. އެކަމަކު ހިނދުކޮޅެއްގެ ތެރޭގައި އެ ހުރިހާ ކަމެއް ހުއްޓުނީ އެވެ. ހުއްޓިފައިވާ މަންޒަރެއް ފަދައިން، އެ މީހަކު އެ ވަގުތު ކުރަން ހުރި ކަމެއްގައި އެގޮތަށް ތިބެ ގާވެފައި އެ ތިބީ އެވެ. 

އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް މާތްﷲ ފޮނުއްވި ރަސޫލުންނަށް ފުރަގަސްދީ، އުރެދުނު އެތައް ގައުމެއްގެ މީހުންނަށް ފޮނުއްވި ކޯފާގައި ކުއްލިއަކަށް ނެތި ދިޔަ ސަދޫމް، ތަމޫދް، އާދު އަދި މަދިޔަން ފަދަ އެތައް ބައެއްގެ ވާހަކަ ގުރުއާނުގައި ބަޔާންކުރައްވާފައި ވާއިރު އިޓަލީގެ އިރުދެކުނުގައި އޮންނަ ޕޮމްޕޭ އަކީ ގުރުއާނުގައި އެފަދަ ގައުމުތަކާ މެދު ދެއްވާފައިވާ އިންޒާރުގެ ހެކީގެ ގޮތުގައި ގަބޫލުކުރެވޭ އެތައް ކަމެއް އެބަހުއްޓެވެ. 

ޕޮމްޕޭގެ ވާހަކަ ގުރުއާނުގައި ކަނޑައެޅިގެން އެނގެން ނެތް ނަމަވެސް މިއީ އިބުރަތުން ފުރިގެންވާ ތަނެކެވެ.

ތާރީހަށް ލޯބިކުރާ މީހުންނާއި އިހުގެ ދިރުއުޅުންތަކަށް ޝައުގުވެރިވާ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ޖަމާވާ ޕޮމްޕޭ އަށް ގޮސް މަގުތަކުން ހިނގަމުން ދިޔައިރު އެ މީހުން އޭރުގެ ދިރިއުޅުން ރީއްޗަށް ސިފަވެ އެވެ. އެ މީހުންގެ އާލަތްތަކާއި ތަންތަން ވީރާނާވެފައި ވާތީ ފެންނަން އެބަ ހުއްޓެވެ. އިހުގައި އެންމެ ތަނަވަސް މީހުންގެ ގެތަކުން ފެންނަ ފެންވަޅުތަކާއި ނިދުމަށް ހާއްސަ ކޮޓަރިތަކާއި ފެންޑާތައް މި ރަށުގެ ކޮންމެ ގެއަކުން ފެނެ އެވެ. އޭރުގެ އެންމެ ފުދުންތެރިންގެ ގެތަކުން ފެންނަ، ރިއްސާއި އެ ނޫން ވެސް އަގު ބޮޑު މައުދަންތަކުން ހަދާފައިވާ ތެއްޔާއި ތައްޓާ ކެއުމަށް ބޭނުންކުރާ ތަށި ފަދަ ސަމުސާ އެރަށުން ފެނިފައިވެ އެވެ.

ޕޮމްޕޭގެ އިމާރާތެއް. އެރަށުގައި 10،000-20،000 މީހުން ދިރިއުޅުނުކަމަށް ލަފާކުރެވޭ -- ފޮޓޯ: މިހާރު
ޕޮމްޕޭގެ އިމާރާތެއް. އެރަށުގައި 10،000-20،000 މީހުން ދިރިއުޅުނުކަމަށް ލަފާކުރެވޭ -- ފޮޓޯ: މިހާރު

ޕޮމްޕޭ ފަނާވެފައިވާ ދިގު މަގުތަކާއި ފަސްއެޅި ވީރާނާވެފައިވާ ތަންތަން އާކިއޮލޮޖިސްޓުން އަންނަނީ އަލުން ސާފުކޮށް ހޯދަމުންނެވެ. އެހެންވެ، މި ތަނާ ގުޅޭ ކަންކަން އަބަދުވެސް އަލަށް އެނގެމުންދެ އެވެ. 

ހަލާކު ކުރެއްވި ގައުމުތަކުގެ ވާހަކައާ ޕޮމްޕޭ ގުޅުވައި ވާހަކަ ދައްކާއިރު، ތާރީހުން އެނގޭ ގޮތުގައި ޕޮމްޕޭގެ އަހުލުވެރިން އަޅުކަންކުރީ "ޕްރިއަޕަސް" ކިޔާ ބުދަކަށެވެ.

އެ ބުދު ސިފަކޮށްފައިވާ ގޮތާ މެދު ވިސްނާލި ނަމަވެސް ޕޮމްޕޭގެ މީހުންގެ މުޅި ދިރިއުޅުން ބިނާވެފައި އޮތީ ފާހިޝް އަމަލުތަކުގެ ތެރޭގައިކަން އެނގެ އެވެ.  ޕޮމްޕޭއިން ފެންނަމުންދާ ތަންތަނާއި ތަކެއްޗަށް ބަލާއިރު ވެސް އެކަން ސާފުވެ އެވެ. 

މި ހުރިހާ ކަމަކުން އިޝާރާތް ކުރަނީ އެއް ހަގީގަތަކަށެވެ. އެއީ ޕޮމްޕޭގެ ރައްޔިތުން ބަދުއަހުލާގީ އަމަލުތަކުގެ ތެރެއަށް ގެނބިފައި ތިބުމާއި މުޅި މުޖުތަމައު އެފަދަ ނުބައި އަމަލުތައް ގުޅިލާމެހިފައި އޮތް މިންވަރެވެ. އެ ސިޓީގައި އާންމު ހޮޓަލަކާއި ނާސިގެތަކާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ. ކޮންމެ ތަނެއްގެ ފާރުތަކުގައި ވެސް މުޑުދާރު ތަސްވީރުތައް ހުރެ އެވެ. މަގުމަތީގެ އިތުރުން އާންމު ގޭބިސީތަކުގެ ތެރެއިން ވެސް ފެންނަނީ އެފަދަ މަންޒަރުތަކެވެ. ލަކުޑިން ފްރޭމް ކޮށްފައި ހުންނަ އަގުބޮޑު ބޮޑެތި ކުރެހުންތަކުގައި ވެސް ބަދުއަހުލާގީ އަމަލުތައް ސިފަކޮށްދޭ ތަސްވީރުތައް ބައިވަރެވެ. ބަލާބެލުމަށް އާދައިގެ ކުރެހުމެއްހެން ހީވާ އެއްޗަކަށް ބަލައިލި ނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭގެ އަސްލު މާނަ އާއި މެސެޖު ސާފުވެ، އެއީ ފާފަތަކަށް މަގުދައްކާ އެއްޗެއްކަން ހާމަވެގެންދެ އެވެ.

ޕޮމްޕޭ އަކީ މުއްސަނދިންނާއި ފަގީރުންނާ ދެމެދު ތަފާތުކުރުން ބޮޑު ތަނެއްގެ ގޮތުގައި ވެސް ލިޔުންތަކުން އެނގެން ހުރެ އެވެ. 

ޕޮމްޕޭގެ ހާއްސަ ކުޅިވަރު މައިދާނެއް -- ފޮޓޯ: މިހާރު
ޕޮމްޕޭގެ ހާއްސަ ކުޅިވަރު މައިދާނެއް -- ފޮޓޯ: މިހާރު

އިޓަލީގެ ނަޕޯލީގެ ބޭރުން ވެސޫވިއަސް އަލިފާން ފަރުބަދަ ގޮވުމުމާ ހަމަޔަށް ވެސް ޕޮމްޕޭގެ އެންމެން ތިބީ ދުނިޔެވީ ކަންކަމުގެ ތެރެއަށް ގެއްލިފަ އެވެ. 

ޕޮމްޕޭ ހަލާކުވެގެން ދިއުމުގެ އެއް ދުވަސް ކުރިން ހިނގައިދިޔަ ކަންކަން މި ރަށުގެ ދާރުލްއާސާރުގައި ކިޔައިދީފައިވެ އެވެ.

ކާރުބާރު ބޮޑު ބާޒާރުތަކާއި ކުޅިވަރުގެ މައިދާންތަކާއި އާންމު ދިރިއުޅުން، ފަރުބަދަ ގޮވުމާ އެކު ހުއްޓި، ނެތިގެންދިޔައީ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ. ފަރުބަދަ ގޮވައި، އެ ހާދިސާއާ ކުރިމަތިވި އިރު ބައެއް ގޭގޭގެ އުނދުނަށް ކައްކަން އުނދާފައި ހުރި ތެލިތައް ވެސް އެ ހުރި ގޮތަށް އާކިއޮލޮޖިސްޓުން ވަނީ ހޯދައިފަ އެވެ. އެ މީހުންގެ ދިރިއުޅުން، ހަމަ އެ ހިނދުން "ގަނޑުވެ" އެތައް ޒަމާނަކަށް ފެންނާނެ ގޮތަށް އެ ހުރީ އެވެ.

ޕޮމްޕޭގެ މީހުންގެ އެންމެ ފަހު ދުވަސް ދާރުލްއާސާރުގައި ސިފަކޮށްދީފައިވަނީ މިހެންނެވެ.

"އެއީ ޕޮމްޕޭއަށް އާންމު އުސޫލުން އުފާވެރި އާދައިގެ ދުވަހެކެވެ. ވަށައިގެންވާ މޭބިސްކަދުރު ބަގީޗާތަކާއި ގޮވާމުގެ ބިންތަކުން ވެސޫވިއަސްގެ އައްސޭރިފަށް ވަނީ ހިމޭންކަމެއްގެ ތެރޭގަ އެވެ. 

ޕޮމްޕޭގެ ރައްޔިތުން މި ރަށުގެ މައި ޖަގަހަ "ސިވިކް ފޯރަމް" ގައި ބާޒާރު ކުރުމާއި ތަކެތި ވިއްކުމުގައި އުޅޭ އިރު މާދަމާ އަކީ އެ މީހުންގެ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްކަން ރޭކާވެސް ނުލަ އެވެ. އެ މައި ޖަގަހަ ވަށައިގެން ވަނީ ވެރީންގެ މުހިއްމު އިމާރާތްތަކެވެ. ރައްޔިތުންނާ ވެރިމީހާ ބައްދަލުކުރުމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުން އެއްވަނީ އެ ސަރަހައްދަށެވެ. އެއީ އެ މީހުން އަޅުކަން ކުރުމަށް ހުންނަ އެންމެ ބޮޑު ފައްޅި ވެސް ހުންނަ ސަރަހައްދުކަމުން އެއީ ކޮންމެ ދުވަހަކު އެންމެ ގިނަ ބަޔަކު އެއްވެ އުޅޭ އެންމެ ބިޒީ ސަރަހައްދެ އެވެ."

ފޯރަމްގެ ދެކުނަށް އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ބޭރުގައި ވަނީ މި ރަށުގެ ރައްޔތުން ކުޅިވަރު ބަލަން ޖަމާވާ އެމްފީތިއޭޓަރެވެ. ތާރީހީ ހިސާބުތަކުން އެނގޭ ގޮތުން އެއީ މީލާދީ 70 ވަނަ ގަރުނުގެ ކުރީގެ އިމާރާތްތަކެކެވެ. އެއީ، ގްލޭޑިއޭޓަރުން ކަނޑި ހަނގުރާމަ ނުވަތަ ކޮމްބެޓް ކުރުމަށް ހާއްސަ ކޮށްފައިވާ މައިދާނެވެ. އެގޮތަށް އެކަކު އަނެކު ހަނގުރާމަ ކުރާ އިރު ރަށުގެ މީހުން އެ މަންޒަރު ބަލަން ވަށައިގެން އިށީންނަން ހާއްސަކޮށްފައިވާ ސަރަހައްދުގައި ތިބެ އެވެ.

އާކިއޮލޮޖިސްޓުން ހޯދާފައިވާ ބައެއް ތަންތަނާއި ތަކެތި -- ފޮޓޯ: މިހާރު
އާކިއޮލޮޖިސްޓުން ހޯދާފައިވާ ބައެއް ތަންތަނާއި ތަކެތި -- ފޮޓޯ: މިހާރު

ޕޮމްޕޭގެ އެންމެ ބޮޑެތި މަހުޖަނުންނަށް ހާއްސަ ކޮށްފައިވާ "ޑޯމަސް" އަކީ ވެސް އެތަނުގެ އަނެއް ހާއްސަ އިމާރާތެވެ. އެ ޒަމާނަކީ، ހިދުމަތްތައް ދިނުމުގައި ފަގީރުންނާއި މުއްސަނދިން ވަކިކޮށްގެން ގެންގުޅުމުގެ އާދަ ބޮޑު ޒަމާނެކެވެ.

މުއްސަނދިން އުޅޭ ސރަހައްދަށް ފަގީރުން ވަދެ ނޫޅޭނެ އެވެ. ޑޯމަސް އަކީ މުއްސަނދިން ފެންވަރަން ހާއްސަ ފެންގަނޑުތަކާއި ކުޅިވަރުކުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހާއްސަ ގެއެކެވެ. އެ ގޭގެ ވަށައިގެން ބަގީޗާތައް ހައްދާފައިވެ އެވެ. އެތަނުގައި ޕްރައިވެޓް ކޮޓަރިތަކާއި މުއްސަނދިން ހިތްފަސޭހަކޮށްލުމަށް ހާއްސަ އޭރިއާތައް ވެސް ހުރެ އެވެ. އެތަނުގެ ކޮންމެ ދިމާލަކުން ވެސް އެންމެ އަގު ބޮޑު މާބުލް ބޭނުންކޮށްގެން ހަދާފައިވާ އިހުގެ ރީތި ކުރެހުންތައް ފެނެ އެވެ.

ޕޮމްޕޭގެ ގެއެއް -- ފޮޓޯ: މިހާރު
ޕޮމްޕޭގެ ގެއެއް -- ފޮޓޯ: މިހާރު

މި ރަށުގެ މުހިއްމު އިމާރާތްތަކާއި ސަރަހައްދުތަކުން އޭރުގެ ޒަމާނީ އަގުބޮޑު އިމާރާތްތައް ފެންނަން ހުރި އިރު އާންމުން ދިރިއުޅުމަށް ރޯމަނުން ހަދާފައިވާ ގެތަކަކީ ވެސް، އޭރުގެ އެންމެ ޒަމާނީ ގެތަކެވެ.

މިގޮތަށް މީހުން ދިރިއުޅެމުން ދަނިކޮށް ކުއްލިއަކަށް މި ރަށަށް ވެހެންފެށީ ހިލައިގެ ވާރެ އެވެ. ފަރުބަދަ ގޮވުމުން ލެޕިލީ ނުވަތަ ކުދި ހިލައިގެ ބައިތައް އެރަށުގެ މައްޗަށް ވެހެން ފެށުމުން، އެންމެން އެކި ތަންތަނަށް ވަދެ، ރައްކާތެރިވާން މަސައްކަތް ކުރި އެވެ. އެކަމަކު ހުއްޓުމެއް ނެތި ވެހެމުން ދިޔަ ހިލަތަކުން ގެތަކުގެ ފުރާޅު ފޫދުއްވާލައި، އެތައް ބަޔަކު މަރުވި އެވެ. ހިލައިގެ ވާރޭ އެއް ދުވަސް ވަންދެން ވެހެމުންދިޔަ ކަމަށް ފަހުގެ ދިރާސާތަކައި ހޯދުންތަކުން އެނގެ އެވެ. މިކަން ހިނގީ މީލާދީން 79 ވަނަ އަހަރުގެ އޮގަސްޓް ނުވަތަ އޮކްޓޫބަރު މަހު ކަމަށް ތާރީހީ އިލްމުވެރިން ލަފާކުރެ އެވެ.

ޕޮމްޕޭގެ މީހުން ބޭނުން ކުރި ބައެއް ތަކެތި -- ފޮޓޯ: މިހާރު
ޕޮމްޕޭގެ މީހުން ބޭނުން ކުރި ބައެއް ތަކެތި -- ފޮޓޯ: މިހާރު

އެ އުނދަގޫ ހާލަތުގައި މި ރަށުގެ މީހުން ގެތަކުން ރައްކާތެރިކަން ހޯދައިގެން ތިއްބާ، އޭގެ އަނެއް ދުވަހުގެ ހެނދުނު ކުރިމަތިވީ ހިލައިގެ ވާރެއަށް ވުރެ ބިރުވެރިކަމެކެވެ. އަލިފާން ފަރުބަދައިން ބޭރުވި ނުރައްކާތެރި ވިހަ ގޭހާއި ދިލަ އަޅީގެ ސަބަބުން މުޅި ރަށް ސުންނާފަތިވި އެވެ.

ޕޮމްޕޭއިން އާކިއޮލޮޖިސްޓުން ހޯދި ކުއްތާއެއްގެ ހަށިގަނޑު -- ފޮޓޯ: މިހާރު
ޕޮމްޕޭއިން އާކިއޮލޮޖިސްޓުން ހޯދި ކުއްތާއެއްގެ ހަށިގަނޑު -- ފޮޓޯ: މިހާރު

މި ރަށުން ފައިބަން މަސައްކަތް ކުރި އެތައް މަހުޖަނުންނަކާއި ވެރީންނެއް ވެސް އެ ވިހަ ގޭހުގެ ޝިކާރައަކަށްވެ، ނެތިގެންދިޔަ އެވެ. އެ ހާލަތުން ރައްކާތެރިވާނެ ހުރިހާ މަގެއް ބަންދުވި އެވެ. އަދި ހިމުން އަޅީގެ ވާރޭ އެރަށަށް ވެހެން ފެށި އެވެ. ރަށުގެ އެންމެން ނެތިގެންދިޔައީ އެވެ.

ބެލެވޭ ގޮތުގައި ޕޮމްޕޭ ފަނާވެގެންދިޔަ އިރު މި ރަށުގައި 10،000 އާއި 20،000 ދެމެދުގެ އަދަދަކަށް މީހުން ދިރިއުޅުނެވެ. އާރާއިބާރާއި ބޮޑާކަމާއި ކިބުރުވެރިކަމާއި އުރެދުމުގައި ހައްދުފަހަނައަޅާފައި ވަނިކޮށް އެ ހުރިހާ ކަމަކާ އެކު، ހިނދުކޮޅެއްގެ ތެރޭގައި ނެތި ދިޔައީ އެވެ.