ރޯމަނުންގެ ރަސްކަމުގެ ޒަމާނުގައި އިޓަލީގެ ޕޮމްޕޭގައި މީގެ 2000 އަހަރު ކުރިން "ފާސްޓް ފުޑް" ތައްޔާރުކޮށް އޭގެ ވިޔަފާރިކުރި ކަމަށް ބެލެވޭ ގަދީމީ ބަދިގެއް ފެނުމާ ގުޅިގެން އެތަން އަންނަ އަހަރު އާންމުންނަށް ހުޅުވައިލަން ނިންމައިފި އެވެ.

އެކަމަކު އެ ބަދިގެ ހުޅުވައިލަނީ ކެއުމުގެ ހިދުމަތްދޭ ގޮތަކަށް ނޫނެވެ. ތާރީހީ ތަނެއް ބަލައިލަން އާންމުން ޒިޔާރަތްކުރާ ތަނެއްގަ ގޮތުގަ އެވެ. "ފާސްޓް ފުޑް" ބަދިގެ، ހުޅުވައިލާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ގަދީމީ ބިނާތައް ހޯދަން މަސައްކަތްކުރާ ރިސާޗަރުންގެ ޓީމަކަށް އެތަން ވަޅުލެވިފައި ވަނިކޮށް މިދިޔަ އަހަރު ފެނުނު ނަމަވެސް މީޑިއާތަކަށް އެތަން ދައްކައިލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި މީޑިއާތަކުން އެތަނުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް އާންމުކޮށްފައިވެ އެވެ.

އެ އެއްޗެހިން ފެންނަ ގޮތުގައި ޕޮމްޕޭގެ ގަދީމީ "ފާސްޓް ފުޑް" ބަދިގެއިން ތައްޔާރުކޮށް ވިއްކި ކާނާތަކުގެ ތެރޭގައި ކުކުޅާއި އަސްދޫނި މަހުގެ ބާވަތްތައް ހިމެނެ އެވެ. އެކަން ރަމްޒުކޮށް ދެނީ ބަދިގޭގައި ހަދާފައި ހުރި ކައުންޓަރެއް ކަހަލަ ތަނެއްގެ ތިރި ޒީނަތްތެރިކުރަން ކުކުޅު/ހާލާއި އަސްދޫނީގ ފަދަ އެއްޗެހީގެ ސޫރަތައް ކުރަހާފައި ހުރުމުންނެވެ. އަދި އެތަނުން ފެނުނު ބައެއް ތަކެތީގެ ތެރޭގައި ބީފާއި އޫރު މަހާއި ކަނޑުމަހާއި ފިނިހަކަ މަހުގެ އަސަރުތައް ވެސް ފެނިފައިވާ ކަމަށް އާކިއޮލޮޖޮސްޓުންގެ ޓީމުން ބުނެފައިވެ އެވެ.

އެ ތަނަށް 2000 އަހަރުވީ ނަމަވެސް ފެންނަން ހުރި ގޮތަށް ބަލާ އިރު ތަނުގެ ކުލަ އާއި އެތަނުގެ ހުރި ތަކެތީގައި މާ ބޮޑު ވީރާނާކަމެއް ނެތެވެ.

އަލިފާން ފަރުބަދަ ގޮވައި ދިޔާ އަލިފާނުގެ ތެރޭގައި ވަޅުލެވުނު ޕޮމްޕޭގެ އާކިއަލޮޖިކަލް ޕާކްގެ ޑިރެކްޓަރު މަސީމޯ އޮޒާނާ ރޮއިޓާޒް އަށް ވިދާޅުވި ގޮތުގައި ޕޮމްޕޭ އިން ފެނުނު މި ތަނަކީ ވަރަށް އާދަޔާހިލާފު ސިފަތަކެއް ލިބިގެންވާ ވަރަށް ހާއްސަ ތަނެކެވެ.

ޕޮމްޕޭގެ މި ސަރަހައްދަކީ ނޭޕްލްސްގެ ދެކުނު އިރުމަތިން 23 ކިލީމޯޓަރު (14 މޭލު) ގެ ސަރަހައްދަކަށް ފެތުރިފައިވާ ތަނެކެވެ. ކޮވިޑް-19 އާ ހެދި ޕާކް ބަންދުކޮށްފައި އޮތުމަށް ފަހު އަންނަ އެޕްރީލް މަހުގެ ފަހުކޮޅު ހުޅުވަން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.