ލައިފްސްޓައިލް / އިޓަލީ

ވަޒީފާ ދޫކޮށްލާފައި ފެށި ޕިއްޒާ ވިޔަފާރިން މިލިއަން ޑޮލަރު

ޖޭމްސް އާއި ތޮމް.

27 ޑިސެމްބަރ 2020 - 07:48

ވަކި ކަމެއް ހާސިލުކުރަން ބޭނުން ނަމަ ރިސްކް ނަގަން ކެރުމަކީ ދުރަށް ވިސްނާ މީހުންގެ ސިފައެކެވެ. މަހު މުސާރަ ލިބޭ ވަޒީފާއެއް ދޫކޮށްލާފައި، ކުރިމަގު ނޭނގޭ މަސައްކަތެއްގެ ތެރެއަށް ނުކުތުމަކީ ކުޑަ ޗެލެންޖެއް ނޫނެވެ. އެކަމަކު އަޒުމެއް އޮވެގެން ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ކާމިިޔާބު ވާނެ އެވެ.

އިނގިރޭސިވިލާތުގެ މި ދެބެއިންގެ ހަޔާތުން ލިބޭ ފިލާވަޅަކީ އެއީ އެވެ. ޖޭމްސް އާއި ތޮމް އެލިއަޓް އެ މީހުން އަދާކުރި ވަޒީފާތައް ދޫކޮށްލައި އަމިއްލަ ވިޔަފަރީގެ ތެރެއަށް ނުކުތީ 2011 ގަ އެވެ. އެއް ކަމަކީ ތަފާތު ކަމެއްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. އޭރު ޖޭމްސް، 34، އަކީ ޓީވީ ދާއިރާގައި މަސައްކަތް ކުރި މީހެކެވެ. ތޮމް، 33، އަކީ އެޑްވަޓައިޒިން ދާއިރާގެ މީހެކެވެ.

އެ ވަޒީފާތައް ދޫކޮށްލައި ދެ މީހުން 10،000 ޕައުންޑް (13,381 ޑޮލަރު) ގެ ލޯނެއް ނަގައިގެން ފެށި މަސައްކަތަކީ އިޓަލީ އަށް ގޮސް ކުޑަކުޑަ ވޭނެއްގައި މޮބައިލްކޮށް ޕިއްޒާ ވިއްކަން ފެށުމެވެ. އިޓަލީގެ ރަހަތަކަށް ހާއްސަ "ޕިއްޒާ ޕިލްގްރިމްސް" އަކީ މިހާރު ވަރަށް ފުޅާ ވިޔަފާވެރިއެކެވެ. އެތަނުގެ އައުޓްލެތްތަކުގެ އަދަދު 13 އަށް އަރާ އިރު، މުވައްޒަފުންގެ އަދަދު 250 އަށް އަރަ އެވެ.

"ޕިއްޒާ ޕިލްގްރިމްސް" 10 ވަނަ އަހަރާ ކުރިމަތިލާ އިރު، މިހާރު ޖޭމްސް އާއި ތޮމްގެ ވިޔަފާރި 10 މިލިއަން ޕައުންޑް (13.4 މިލިއަން ޑޮލަރު) އަށް އަރަ އެވެ. ދެބެއިން ވެސް ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"އަސްލު ޕިއްޒާގެ ވިޔަފާރި އަކީ ކުރާނެ ކަމަކާ ދޭތެރޭ ވިސްނަމުން ދަނިކޮށް ހަމަ ކުއްލިއަކަށް އައި ހިޔާލަކަށް ފެށި ކަމެއް. މިކަމުގެ ހުނަރެއް ތަޖުރިބާއެއް ނެތި ފަށައިގަތް އިރު ހަގީގަތުގައި އަހަރެމެންގެ މާ ބޮޑު ޕްލޭނެއް ވެސް ނެތް،" ޖޭމްސް ބުންޏެވެ. "ކާ އެއްޗެއްގެ ވިޔަފާރި އަށް ދެވުނު ސަބަބަކަށް ވެދާނެ ކުރިން މަބައިންބަފައިން ހިންގި ޕަބްގެ ވިޔަފާރީގެ ތެރޭގައި ވެސް އުޅުމުގެ ފުރުސަތު ލިބިފައިވުން."

"ޕިއްޒާ ޕިލްގްރިމްސް" ގެ މަގުބޫލުކަން ދިޔައީ ބޮޑުވަމުންނެވެ. އެއާ އެކު ދެބެއިންގެ ޝައުގުވެރިކަން ވެސް ދިޔައީ ބޮޑުވަމުންނެވެ. މަޑުމަޑުން ވިޔަފާރި ފުޅާވެ، މިލިއަން ޑޮލަރުން ގުނައިލެވޭ ކުންފުންޏަކަށް ނުވަ އަހަރުގެ ތެރޭގައި "ޕިއްޒާ ޕިލްގްރިމްސް" ބަދަލުވީ ފަސްއެނބުރި ބެލުމެއް ނެތި ކުރިއަށް ދާން ފެށި ދަތުރުގެ މިސްރާބު ނޯޅޭތީ އެވެ.

ވިޔަފާރި ފެށިތާ ދެ އަހަރުގެ ތެރޭގައި ދެވަނަ އައުޓްލެޓެއް ހުޅުވި އެވެ. މިހާރު އެ އަދަދު 13 އަށް އަރާ އިރު އޭގެ ތެރެއިން އެއް ތަން ހުރީ ޖޭމްސް އާއި ތޮމްގެ އުފަން ގައުމު އިނގިރޭސިވިލާތުގެ އޮކްސްފޯޑްގަ އެވެ.

އަނެއްކޮޅުން ޖޭމްސް އާއި ތޮމް ވިޔަފާރީ ކުރިއަރުވަން ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން އެ ވިޔަފާރި އިތުރަށް ފުޅާކުރަން އިންވެސްޓަރުންގެ ފަރާތުން ވެސް އެހީ ލިބެން ފެށި އެވެ. ސަބަބަކީ އެ މީހުންނަށް ކުރެވޭ އިތުބާރު ވެސް ބޮޑުވުމެވެ.

"ޕިއްޒާ އަކީ އިޓަލީގެ ވަރަށް ހާއްސަ ކެއުމެއް. އެހެންވީމަ ސްޓްރީޓް ސްޓައިލަށް އަހަރެމެން މި ވިޔަފާރި ކުރިޔަސް ދުވަހަކު ވެސް ޕިއްޒާގެ ކޮލިޓީ ކޮމްޕްރަމައިޒެއް ނުކުރަން. އަހަރެމެންގެ ޓީމުގައި ހިމެނެނީ ވެސް ޕިއްޒާގެ ވަރަށް ހާއްސަ ޝެފުން،" ތޮމް ބުންޏެވެ. "އެހެންވީމާ ކަސްޓަމަރުން އަހަރެމެންނަށް ކުރާ އިތުބާރު ވަރަށް ބޮޑު."

"ޕިއްޒާ ފިލްގްރިމްސް" ފުޅާކުރުމުގެ ޕްލޭން އަދި ކުރިއަށް އޮތީ އެވެ. އެކަމަކު މި އަހަރަކީ ދުނިޔޭގެ އެހެން ހިސާބުތަކުގެ ވިޔަފާރިތަކެކޭ އެއްގޮތަށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޖޭމްސް އާއި ތޮމްގެ ވިޔަފާރި ވެސް ވަރަށް ބޮޑަށް އަޑިއަޅާލި އަހަރެކެވެ.

"އަހަރެމެން މިކަމުގައި ވަރަށް ބުރަކޮށް އުޅެނިކޮށް ކޮވިޑާ އެކު އިޓަލީގައި އައި ލޮކްޑައުންގެ ސަބަބުން ވިޔަފާރި ހަމަ އެއްކޮށް ހުއްޓާލަން ޖެހުނު،" ޖޭމްސް ބުންޏެވެ. "އެކަމަކު އޭރު ވެސް އަހަރެމެންގެ އުންމީދެއް އޮތް މަޑުމަޑުން ކަންކަން ހަމައަކަށްއެޅި ހިންދެމިލެވޭނެ ކަމަށް."

އެހެންވެ އޮންލައިންކޮށް އޯޑަރު ނަގައިގެން ހިދުމަތް ދޭން ފެށި އެވެ. އެއާ އެކު މުވައްޒަފުންނަށް ވެސް އާ ޖޯޝެއް ލިބި، "ޕިއްޒާ ޕިލްގްރިމްސް" ދިރުވަން މަސައްކަތް ފެށުނެވެ.

"އަހަރެމެންނަކީ އަބަދު ވެސް ވަރަށް ޕޮޒިޓިވްކޮށް ވިސްނާ ބައެއް. އެހެންވީމާ އަސްލު އެނގޭ އަޑިގުޑަންތަކުން އަރައިގަނެވޭނެކަން." ޖޭމްސް ބުންޏެވެ. "މީގައި އެންމެ މުހިއްމު ކަމަކީ މުވައްޒަފުން ގެންގުޅެން އެނގުން. އަހަރެމެން އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މުވައްޒަފުންނާ ދޭތެރޭ ވީހާ ވެސް ރަނގަޅަށް ކަންތައް ކުރުން."

ކޮވިޑްގައި ދިމާވި ތާށިކަމަށް ފަހު މަޑުމަޑުން އަނެއްކާ ވެސް ވިޔަފާރި ރަނގަޅުވަމުން އަންނަ އިރު، "ޕިއްޒާ ޕިލްގްރިމްސް" ގެ އެއް އަމާޒަކީ އަންނަ އަހަރު އިނގިރޭސިވިލާތުގެ ބްރައިޓަންގައި ވެސް އައުޓްލެޓެއް ހުޅުވުމެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 14%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454