އިޝްތިހާރުން ލިބޭ އާމްދަނީއަށް އެކަނި ބަރޯސާވުން ހުއްޓާލުމަށް މެޓާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ އެންމެ މަގުބޫލު އެޕްލިކޭޝަންތަކަށް ފައިސާ ދައްކައިގެން ބޭނުންކުރެވޭ "ޕެއިޑް ސަބްސްކްރިޕްޝަން" ޕްލޭންތަކެއް ބުދަދު ވަހު ތައާރަފުކޮށްފި އެވެ.

މެޓާގެ ހެޑް އޮފް ޕްރޮޑަކްޓް ނައޯމީ ގްލެއިޓް އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ފޭސްބުކް ޕްލަސް، އިންސްޓަގްރާމް ޕްލަސް އަދި ވަޓްސްއަޕް ޕްލަސް މުޅި ދުނިޔެއަށް މިހާރު ދީފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކަށާއި، ކްރިއޭޓަރުންނަށް އަދި އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުންތަކަށް ހާއްސަކޮށްގެން އިތުރު ޕްލޭންތައް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މެޓާއިން މި ފިޔަވަޅު އަޅާފައި މިވަނީ، އޭއައިއަށް އެ ކުންފުނިން ކުރަމުންދާ ބޮޑު ހޭދައާ ގުޅިގެން އިންވެސްޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. މެޓާއިން އަންދާޒާކުރާ ގޮތުގައި މިއަހަރު އޭއައި ޑޭޓާ ސެންޓަރުތަކަށް އެކަނިވެސް 125 ބިލިއަން އާއި 145 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ އެވެ.

މި ހަބަރާއެކު މެޓާގެ ހިއްސާގެ އަގު ވަނީ ގާތްގަނޑަކަށް ތިން ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

ޕްލޭންތަކުގެ އަގުތަކާއި ހިދުމަތްތައް:

  • އިންސްޓަގްރާމް ޕްލަސް އަދި ފޭސްބުކް ޕްލަސް: މަހަކު 3.99 ޑޮލަރު. އެޑްވާންސްޑް އެނަލިޓިކްސް، ސްޓޯރީތައް އަލުން ބަލައިލެވުމާއި ތަފާސްހިސާބު (ސްޓޯރީ ރިވޮޗް ސްޓެޓިސްޓިކް)، ގިނަ ބަޔަކަށް ޕޯސްޓްތައް ފެނުން އަދި ޕްރޮފައިލް ބޭނުންގޮތަކަށް ބަދަލުކޮށްލެވުން ހިމެނޭ.
  • ވަޓްސްއަޕް ޕްލަސް: މަހަކު 2.99 ޑޮލަރު. މީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެޕްލިކޭޝަން ކަސްޓަމައިޒް ކުރެވުން. މީގެ ތެރޭގައި ޕްރީމިއަމް ސްޓިކާ، ކަސްޓަމް ރިންގްޓޯން އަދި އެޕް ތީމްތައް ހިމެނޭ.

މި ހުރިހާ ހިދުމަތްތަކެއް މުސްތަގުބަލުގައި 'މެޓާ ވަން' ގެ ނަމުގައި އެއް ބްރޭންޑެއްގެ ދަށަށް ބަދަލުކުރުމަކީ ކުންފުނީގެ ވިސްނުން ކަމަށް ގްލެއިޓް ބުންޏެވެ.

ޔޫރަޕްގެ އިއްތިހާދު (އީޔޫ) ގެ ޑޭޓާ ޕްރައިވެސީ ގާނޫނުތަކަށް ފެތުމުގެ ގޮތުން، މެޓާއިން ވަނީ 2023 ވަނަ އަހަރު ފޭސްބުކް އަދި އިންސްޓަގްރާމްގެ އިޝްތިހާރު ނުފެންނަ ޕެއިޑް ވާޝަންތަކެއް ޔޫރަޕަށް ތައާރަފުކޮށްފަ އެވެ. މިއީ ބޭނުންކުރާ މީހުންނަށް އިޝްތިހާރާ އެކު ހިލޭ ނުވަތަ ފައިސާ ދައްކައިގެން އިޝްތިހާރު ނުފެންނަ ގޮތަށް އެޕް ބޭނުންކުރުމުގެ އިހުތިޔާރު ދިނުމުގެ ގޮތުން ކުރި ކަމެކެވެ. -- އޭއެފްޕީ