އެންމެ ޒުވާން އުމުރުގައި ޖެހުނީ ލޭގެ ކެންސަރެވެ. އެއަށްފަހު، އުޅެ ބޮޑުވި ފަސްގަނޑު ދޫކޮށް، ލ. ފޮނަދުއަށް ދިރިއުޅުން ހިޖުރަކުރަން މަޖުބޫރުވި އެވެ. އާމްދަނީ ހޯދުމަށް އަދާކުރަމުން ދިޔަ ވަޒީފާއިން ވެސް ކުއްލިއަކަށް ވަކިކުރުމުން ކުރިއަށްދާނެ ގޮތަކާ މެދު ސުވާލު އުފެދުނެވެ.

"ހެޕީ" ގެ ނަމުން ގިނަ ބަޔަކު ދަންނަ ޔޫސުފް ހަލީލް އޭނާގެ މާޒީއަށް އެނބުރި ބަލައިލުމަށް ފަހު މިހާރު ބުނަނީ އެ ހުރިހާ ކަމެއް ވެސް ވީ އޭނާއަށް އެންމެ ރަނގަޅަށް ކަމަށެވެ. އެ ހުރިހާ ކަމެއް އެހެން ނުވީ ނަމަ އަމިއްލަ ފައިމައްޗަށް ތެދުވާން އުނދަގޫވީހެވެ. އަދިވެސް ހުންނާނީ ކޮންމެ ވެސް މީހެއްގެ ދަށުން މަސައްކަތްކޮށްލަކޮށްލަ އެވެ. 

ދިރިއުޅުމަށް އެ ދުވަހު އެ ބަދަލުތައް ގެންނަން ނުޖެހުނު ނަމަ މި ފެންނަ "ހެޕީ" އެހާ ހެޕީކޮށް މިހާރު ނުފެންނާނެ އެވެ.

ކުންފުންޏެއްގައި އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ 2018 ގައި ކުއްލިއަކަށް ވަކިކުރި ކަމަށް ހެޕީ ބުންޏެވެ. އެހެންވެ އަމިއްލަ މަސައްކަތަށް ހުސްވާންޖެހި، އޭގެ އަނެއް އަހަރު ވިޔަފާރިއެއް ރަޖިސްޓްރީކުރި އެވެ.

ވަޒީފާގައި އުޅުނު އިރު ފޮޓޯ ނަގައިގެން އާމްދަނީ ހޯދި ނަމަވެސް އޭރު އެއީ ދިރިއުޅުން ހަމަޖައްސާ ހަމައެކަނި ވަސީލަތަށް ހަދާކަށް ވިސްނުމެއް ނެތެވެ. އެކަމަކު، ވަޒީފާ ގެއްލުމުން، ކުޑަ ސްޓޫޑިއޯއެއް ކުއްޔަށް ނަގައިގެން ފޮޓޯ ނަގަން ފެށީ އޭރު އަތުގައި އޮތް ކެމެރާއަކާއި ލެޕްޓޮޕަކާއި ޕްރިންޓަރެއް ބޭނުންކޮށްގެންނެވެ. 

ހެޕީ ނަގާފައިވާ ފޮޓޯތަކެއް ފްރޭމްކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހެޕީ ނަގާފައިވާ ފޮޓޯތަކެއް ފްރޭމްކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭރު ވެސް އޭނާ ދިޔައީ އާއިލާގެ ވަނަން، "ސާލިހާ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ޕޭޖެއް ހިންގައި ފޮޓޯތައް ހިއްސާކުރަމުންނެވެ. ފޮޓޯތަކަށް އާއްމުންގެ ތަރުހީބު ލިބުނަސް އެކަން ކުރަނީ އޭނާކަން އެނގެން އޭނާ ބޭނުމެއް ނުވި އެވެ. 

"ކަން ކުރަނީ ކޮންމެހެން ކާކުކަން އެނގޭކަށް ބޭނުމެއް ނޫން. އެ މަސައްކަތް މީހުންނަށް އެނގުން މުހިއްމީ،" އޭނާ ބުންޏެވެ.

ހެޕީ ފުރަތަމަ ވެސް ސެކަންޑްހޭންޑް ކެމެރާއެއް ގަތީގައި މާލޭގައި ކިޔަވަން އުޅުއިރު އެވެ. އަދި ކެންސަރު ފަރުވާއަށް އިންޑިއާގައި ހުރިއިރު، މުސާރައިން ލިބުނު ފައިސާ އެއްކޮށްގެން އެއަށްވުރެ ރަނގަޅު ކެމެރާއެއް ގަތެވެ.

ކޮމްޕިއުޓާ ދަސްކޮށްދިނުމަށް ފޮނަދޫގައި ހެޕީ ހިންގާ ކްލާސްރޫމް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކޮމްޕިއުޓާ ދަސްކޮށްދިނުމަށް ފޮނަދޫގައި ހެޕީ ހިންގާ ކްލާސްރޫމް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފޮޓޯ ނަގަމުން ޕާސްޕޯޓް ސައިޒު ފޮޓޯ އަދި ޕްރިންޓު ކޮށްދޭ ސްޓޫޑިއޯއެއް ފޮނަދޫގައި ހުޅުވި އެވެ. ބްރިޖަކުން އެ ރަށާ ގުޅުވާލާފައިވާ ގަމުގައި ވެސް އޭގެ ފަހުން ސާލިހާގެ ސްޓޫޑިއޯއެއް ހުޅުވައި ޕާސްޕޯޓު ސައިޒުގެ ފޮޓޯ ނެގުމުގެ ހިދުމަތް ދޭން ފެށި އެވެ. 

ފޮޓޯގެ މަސައްކަތަށް ފަހު، އިވެންޓުތަކުގެ ލައިވް ކަވަރޭޖާއި ފޮޓޯ ނަގައިދޭން ވެސް ފެށި އެވެ. މަސައްކަތް ފުޅާކޮށް، ސެކަންޑްހޭންޑް، ކުޑަ އެންގްރޭވް މެޝިނެއް ހޯދައިގެން އެ މަސައްކަތް ކުރާތާ ވެސް ހަތަރު އަހަރުވެއްޖެ އެވެ. އަދި އެ އާމްދަނީން ބޮޑު މެޝިނެއް ގަނެގެން އެ މަސައްކަތް އިތުރަށް ފުޅާކުރި އެވެ. 

"މި އަތޮޅުގެ ރަށްތަކަށް ވަރަށް ގިނައިން އޯޑަރު ލިބޭ،" މިދިޔަ ފެބްރުއަރީ މަހު ދިން އިންޓަވިއުގައި ހެޕީ ބުންޏެވެ. 

އެ ވިޔަފާރިއަށް ދެން އިތުރުވި ބޮޅަކީ މިދިޔަ ރޯދަ މަހުގެ ފަހުކޮޅު ހުޅުވި ކޮމްޕިއުޓަރު ކްލާހެވެ. ތިން ކްލާހަށް ބަހާލައިގެން، ހަފުތާއަކު ނުވަ ކްލާސް ނަގައިދެ އެވެ. އެ ކްލާހުގައި އެއްފަހަރާ 12 ކުދިންނަށް ކިޔެވެ އެވެ.

ހެޕީ، އެންގްރޭވްގެ މަސައްކަތެއްގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހެޕީ، އެންގްރޭވްގެ މަސައްކަތެއްގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ބުނީ ޓެކްނޮލޮޖީ ކުރިއެރިއަސް ދިވެހިން އަދި ވެސް އުޅެނީ ޓެކްނޮލޮޖީގެ މަސައްކަތުގައި ވަރަށް ފަހަތުގައި ކަމަށެވެ. އެހެންވެ، ވަރަށް ދުވަސްވީ ހުވަފެނެއް މިދިޔަ ރޯދަ މަހުގެ ފަހުކޮޅު ވަނީ ހަގީގަތަކަށް ހަދައިފަ އެވެ. 

"ބިޒްނަސްތަކަށް އަދި އިރާދަކުރެއްވިއްޔާ އެއްވެސް ބޮޑު ލޯނެއް ނުނަގަން. ހުންނާނެ ކުދި ކުދި ލޯނު ބައެއް ފަހަރަށް ނަގާފައި. ދެން ލިބޭ އެއްޗަކުން އަސްލު ބޮޑަށް ބޭނުން ނުކޮށް ހަމަ، ލިބޭ އެއްޗަކުން އިންވެސްޓުކޮށްގެން ކުރަމުން ކުރަމުން މި ދަނީ." އުފަން ރަށް، ލ. ގާދޫއިން މީގެ 10 އަހަރު ކުރިން، އެ އަތޮޅު ވެރިކަން ކުރާ ރަށަށް ދިރިއުޅުން ބަދަލުކުރި ހެޕީ ބުންޏެވެ.

މި ހުރިހާ ކަމަކާ އެކު ހެޕީ މިހާރު ގަބޫލުކުރަނީ ވަޒީފާއިން ވަކިކުރުމަކީ އޭނާއަށް ލިބުނު ހެވެއް ކަމަށެވެ. 

ހެޕީ، އެންގްރޭވްކޮށްފައިވާ އެއްޗެއް ދައްކާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހެޕީ، އެންގްރޭވްކޮށްފައިވާ އެއްޗެއް ދައްކާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ހުރިހާ ކަމެއް ވެސް ރަނގަޅަކަށް ދާނޭ ދޯ އެންމެން ވެސް ބުނަނީ. ކެންސަރުގައި އޭރު ނޫޅުނު ނަމަ މިހާރު މި ހެޕީއެއް ނޫން ދޯ ހުންނާނީ. އަދިވެސް އުޅޭނީ ޖޮބެއްގައި. ކޮންމެ ވެސް ކަހަލަ ކަމެއް ކުރަން،" ކުޑަ ފިރިހެން ކުއްޖެއް ވެސް ހުންނަ 38 އަހަރުގެ ބައްޕަ ބުންޏެވެ.

އޭނާ ބުނީ ދިރިއުޅުމަށް އައި ބޮޑު ބަދަލާއެކު ކުރު މުއްދަތެއްގައި މި މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ. 

ކުޑަކުޑަ ކެމެރާއަކުން ފެށިއަސް، އޭނާގެ އަތުގައި މިހާރު ދެ ލައްކައެއްހާ ރުފިޔާގެ ކެމެރާ އަދި އެއާ ގުޅޭ ސާމާނު އެބަހުއްޓެވެ. އާއިލާގެ އެހީއާ އެކު ކުރާ މި ވިޔަފާރީގައި އޭނާ މުސާރައެއް ނުނަގަ އެވެ. ބޭކާރު ކޮފީތަކަށް ހަރަދެއް ނުކުރެ އެވެ. ލިބޭ އެއްޗެއް ވީހާ ވެސް ބޮޑަށް ރައްކާކުރުމަށްފަހު އެއިން އިންވެސްޓުކުރަނީ އެވެ.

މި ފަހުން ވެސް އޭނާ ވަނީ މަންމަ އާއި ބައްޕަ ހައްޖަށް ދާން ފައިސާ ވެސް ދައްކައިދީފަ އެވެ. އެއީ އޭނާއަށް އެންމެ ބޮޑު އުފަލެވެ.