ކަސްޓަމަރުންގެ ވިސްނުމަށް މިހާރު އައިސްފައިވާ ބަދަލަށް ބަލައި ޖެނުއަރީ 2028 އިން ފެށިގެން ޕްލޭސްޓޭޝަންގެ އާ ގޭމްތައް ޑިސްކް ފޯމެޓުގައި ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ސޮނީން ބުދަ ދުވަހު ބުނެފި އެވެ. 

"މި ތާރީހަށް ފަހު، އާ ގޭމްތައް ލިބެން ހުންނާނީ ހަމައެކަނި ޕްލޭސްޓޭޝަން ސްޓޯރުންނާއި ރީޓެއިލް ފިހާރަތަކުން ޑިޖިޓަލް ފޯމެޓްގައެވެ." ސޮނީގެ ރަސްމީ ޕްލޭސްޓޭޝަން ބްލޮގްގައި ބުނެފައިވެ އެވެ.

މީގެ މާނައަކީ، ގޭމް ކުޅޭ މީހުންނަށް ސީދާ ސޮނީގެ ޕްލޭސްޓޭޝަން ސްޓޯރުން ގޭމް ޑައުންލޯޑްކުރަން ޖެހުމެވެ. ނުވަތަ ފިހާރައަކުން ގޭމެއް ގަންނައިރު ލިބޭ ޑައުންލޯޑް ކޯޑެއް ބޭނުންކޮށްގެން ޖެހޭނީ ގޭމް ހޯދާށެވެ.

މިކަން އިއުލާނުކުރީ ތާރީހުގައި ވެސް އެންމެ ގިނައިން ވިކޭނެ ކަލްޗަރަލް ޕްރޮޑަކްޓަށް ވާނެ ކަމަށް ބެލެވޭ "ގްރޭންޑް ތެފްޓް އޮޓޯ 6" ހަމައެކަނި ޑިޖިޓަލްކޮށް ނެރެން ނިންމުމާ ގުޅިގެން، ގޭމް ކުޅޭ މީހުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ޝަކުވާކުރަމުންދަނީ، ފިޒިކަލް ޑިސްކެއް ނެތުމުން، އެ ގޭމް ބޭނުންކޮށްފައި ދެވަނަ މީހަކަށް ވިއްކާލުމުގެ (ސެކަންޑް-ހޭންޑް މާކެޓް) ބަންދުވާނެތީ އެވެ.

ނަމަވެސް ސޮނީން ބުނީ، "މި ބަދަލުގެ ސަބަބުން ޖެނުއަރީ 2028 ގެ ކުރިން ޑިސްކް ފޯމެޓުގައި ނެރެފައިވާ ނުވަތަ ނެރޭނެ ގޭމްތަކަށް އެއްވެސް އަސަރެއް ނުކުރާނެ" ކަމަށެވެ.

"ފިޒިކަލް ޑިސްކްތަކަށްވުރެ ޑިޖިޓަލް މީޑިއާއަށް އޮތް ތަރުހީބު އިތުރުވަމުންދާތީ، ކަސްޓަމަރުންގެ އާދަތަކަށް ފެތުމަށްޓަކައި މިއީ ސޮނީ އިންޓަރެކްޓިވް އެންޓަޓެއިންމަންޓުން ދާންޖެހޭ މިސްރާބެއް،" ސޮނީން ބުންޏެވެ. "އަހަރެމެން ފޭނުންނަށް ދުނިޔޭގެ ފެންވަރުގެ ގޭމިން ތަޖުރިބާއެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނަން."

ސޮނީން ޑިޖިޓަލް ޑައުންލޯޑްތަކަށް މިސްރާބު ހިފީ 2020 ވަނަ އަހަރު، އެންމެ ފަހުގެ ކޮންސޯލް ކަމަށްވާ ޕްލޭސްޓޭޝަން 5  ނެރުނުއިރު، ޑިސްކް ޑްރައިވް ނުހިމެނޭ ވާޝަނެއް ތައާރަފުކުރުމާ އެކުގަ އެވެ.

ގޭމިން އިންޑަސްޓްރީގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު އާ ޖީލުގެ ކޮންސޯލް ބާޒާރަށް ނެރުން އެކަށީގެންވެ އެވެ. ނަމަވެސް އަގު ބޮޑުވުމާއި މުހިންމު ކޮމްޕޯނެންޓްތައް ލިބުން ދަތިވުމުގެ ސަބަބުން، އެ ކޮންސޯލް ނެރުން ލަސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. -- އޭއެފްޕީ