"މޫނު ނެތް" މަހެއް ފެނިއްޖެ

ވަރަށް އަޖައިބުވާ ޒާތުގެ މަހެއް އޮސްޓްރޭލިޔާގެ ވަރަށް ފުން ކަނޑެއްގެ އަޑިން ސައިންސްވެރިން ހޯދައިފި އެވެ. މި މަހަކީ "މޫނެއް ނެތް" މަހެކެވެ.


މި މަސް ހޯދާފައިވަނީ ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޮގަނައިޒޭޝަން (ސީއެސްއައިރާއޯ) ގެ ތަހުލީލުކުރާ އުޅަނދެއްގައި އުޅުނު ބައެކެވެ.

ކުޑަ ދާގަނޑެއް ޖަހައިގެން ކަނޑުގެ ވަރަށް ފުނަށް ކެމެރާ ފޮނުވައިގެން ސައިންސްވެރިން ސާވޭ ކުރަމުން ދިޔަ މި ކަނޑުގެ ފުންމިނުގައި ހަތަރު ކިލޯމީޓަރު ހުންނަ ކަމަށްވެ އެވެ.

މި ސާވޭގައި ވަރަށް އާދަޔާޚިލާފު، ހައިރާން ކުރުވަނިވި ވަރަށް ގިނަ އެއްޗެހި ފެނިފައިވާ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.

އޭބީސީ ނިއުސް އިން ބުނި ގޮތުގައި "މޫނެ ނެތް މަސް" މިދިޔަ ހަފުތާގައި ހިފާފައި ވަނީ 4،000 މީޓަރު ފުނުންނެވެ.

މި ބޯޓުގައި ދަތުރުކުރާ ޗީފް ސައިންޓިސްޓް ޓިމް އޯހާރާ ވިދާޅުވި ގޮތުގައި މިހިސާބުގަނޑުގެ މާހައުލަކީ އަދި އެއްގޮތަކަށް ވެސް ސައިންސްވެރިން ބަލާފައި ނެތް ހިސާބެކެވެ.

"މިތާ ކަނޑު އަޑީގައި ވަނީ އާދަޔާޚިލާފު ދިރުމެއް. އަޑީގައި ފުނޑުފުނޑުކޮށްލާ ވަރުގެ ޕްރެޝަރު ހުރޭ. އެއްވެސް އަލިކަމެއް ނެތް. ވަރަށް ފިނި. އަހަރެމެން މިދަނީ ޓެމްޕްރޭޗާ ވެސް ރެކޯޑް ކުރަމުން. ގާތްގަނޑަކަށް އެއް ޑިގްރީ ސެލްސިއަސް ވަރު ހެން ހީވަނީ،" އޯހާރާ ވިދާޅުވި އެވެ.

މި ދަތުރުގައި އެއްކުރާ މައުލޫމާތުތަކުން، ކުރިޔަށް އޮތް އަހަރުތަކުގައި މޫސުމަށް އަންނާނެ ބަދަލުތައް ވަޒަންކޮށްލެވޭނެ ކަމަށް ސައިންސްވެރިން ދެކެ އެވެ.