މަހެއް ވަންދެން އެއާޕޯޓެއްގައި އުޅެވިދާނެތަ؟

އެއާޕޯޓެއްގެ ތެރޭގައި ބަންދުވެގެން އުޅެން ޖެހިއްޖެއްޔާ ޖެހޭނެ ހާލު މިހާތަނަށް އެންމެ ރަނގަޅަށް ދައްކައިދީފައި އޮންނާނީ ހޮލީވުޑް ތަރި ޓޮމް ހޭންކްސް އެވެ. އޭނާގެ، 2004 ވަނަ އަހަރުގެ ރީތި ފިލްމު "ދަ ޓާމިނަލް" އިން ނެގި ޚިޔާލަކަށް ޗައިނާގެ މަޝްހޫރު އެކްޓަރަކު މިހާރު އަންނަނީ 30 ދުވަސް ވަންދެން އެއާޕޯޓެއްގައި ދިރިއުޅެން ތައްޔާރުވަމުންނެވެ. އެކަމަކު ހޭންކްސް ކުޅުނު ޚިޔާލީ މަންޒަރުތަކާ ޚިލާފަށް ރަޔަން ޖޫ އުޅޭނީ ހަގީގީ ތަޖުރިބާތަކެއްގަ އެވެ.


އޮކްޓޯބަރު 10 އިން ފެށިގެން އެއް މަސް ދުވަހު ފިންލެންޑްގެ ހެލްސިންކީ އެއާޕޯޓުގައި ދިރިއުޅެ ކައިބޮއެ ހަދަން ޖޫ އަމިއްލަ އަށް އެއްބަސްވީ އެ އެއާޕޯޓް އޮޕަރޭޓްކުރާ ފިނަވިއާ އިން ހިންގާ މާކެޓިން ކެމްޕެއިނެއްގަ އެވެ. "#ލައިފްއިންހެލް"ގެ ނަން ދީފައިވާ ކެމްޕެއިންގައި ޖޫ ބައިވެރިކުރަނީ، ހެލްސިންކީ އެއާޕޯޓަކީ ޔޫރަޕަށް ދަތުރުކުރާ އޭޝިއާ މީހުން މަޑުކުރަން އެންމެ ރަނގަޅު އެއާޕޯޓްގެ ގޮތުގައި ޕްރޮމޯޓްކުރުމަށެވެ. އެ އެއާޕޯޓުން ޗައިނާގެ ގިނަ އަދަދެއްގެ ދަތުރުވެރިންނަށް ވެސް ޚިދުމަތް ދެ އެވެ.

"#ލައިފްއިންހެލް" ކެމްޕެއިންގެ އިޝްތިހާރެއް "ދަ ޓާމިނަލް"ގެ ޕޯސްޓަރެއް ގޮތަށް

ކެބިންއެއްގައި ދިރިއުޅެމުން އެއާޕޯޓު ތެރޭގައި ބަންދުވެގެން ޖޫ ހޭދަކުރާ އެއް މަސް ތެރޭ ކޮންމެ ދުވަހަކު ވެސް އޭނާއާ "ޗެލެންޖުތަކެއް" ހަވާލުކުރާނެ އެވެ. އެއާޕޯޓްގެ ރެސްޓޯރެންޓްތަކާއި މަސާޖު ޕާލާތަކާއި ސައުނާ ފަދަ ތަންތަނުގެ އަޖުމަ ބެލުމުގެ ފުރުސަތު އޭނާ އަށް އޮންނާނެ އެވެ.

އެއާޕޯޓު ދޫކޮށް ދިޔުމުގެ އިޚްތިޔާރު ޖޫ އަށް ލިބޭނެ އެވެ. އެކަމަކު 30 ދުވަސް އެއާޕޯޓުގައި ހޭދަކޮށްފި ނަމަ އިނާމެއްގެ ގޮތުގައި ފިންލެންޑްގެ މަޝްހޫރު ޓޫރިޒަމް މަންޒިލް ލެޕްލޭންޑްގައި ޗުއްޓީ ހޭދަކޮށްލަން ލިބޭނެ އެވެ.

އޮންލައިން ޓްރެވަލް އެޖެންސީއެއް ކަމަށްވާ ޓްރެވަލްލިންކް އިން ދާދި ފަހުން ވަނީ ދުނިޔޭގެ އެންމެ ރަނގަޅު އެއާޕޯޓުގެ ޝަރަފް ހެލްސިންކީ އެއާޕޯޓަށް ދީފަ އެވެ.

އެއާޕޯޓް ހިންގާ ފަރާތުން ބުނިގޮތުގައި ޖޫގެ ތަޖުރިބާތަކަށް ބިނާކޮށް ޚިދުމަތް އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

"ދަ ޓާމިނަލް"ގައި ޓޮމް ހޭންކްސް އުޅުނު ގޮތަށް ހާލުގައި ޖެހިގެން ޖޫ އުޅޭކަށް ނުޖެހޭނެ އެވެ. އެކަމަކު ވެސް އެއް މަސް ދުވަސް ވަންދެން އެއާޕޯޓެއްގައި ތާށިވެގެން އުޅުމަކީ ފަސޭހަ ކަމަކަށް ވާނެ ހެއްޔެވެ؟ ފްލައިޓް ލަސްވުން ފަދަ ކަމެއް ދިމާވެގެން މަދު ގަޑިއިރުތަކަކަށް އެއާޕޯޓެއްގައި ތިބެން ޖެހުނަސް އަހަރެމެންނަށް އޮންނަނީ ކެތް ނުކުރެވިފަ އެވެ.